ޖިންސީ ގޯނާ ކުރުމާއި ރޭޕް ކުރުމުގެ މައްސަލަތައް ރާއްޖޭގައި އިތުރުވަމުންދާތީވެ، އެފަދަ މައްސަލަތައް މަދުކުރެވޭނެ ގޮތްތަކެއް ރާވައި ހިންގުމަށާއި، އެފަދަ ހަޑިމުޑުދާރު ޢަމަލުތައް ހިންގާ ފަރާތްތަކަށް ޙައްޤު އަދަބު ދިނުން އަވަސް ކުރުމަށް ސަރުކާރުގެ ކަމާބެހޭ ފަރާތްތަކަށް ގޮވާލާ، މަޖިލީހަށް ޤަރާރެއް ހުށަހަޅައިފިއެވެ
މިޤަރާރު މަޖިލީހަށް ހުށަހެޅުއްވީ ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އުމަރެވެ. އާދަމް ޝާރީފް މިމަައްސަލަ ހުށަހެޅުއްވީ ރާއްޖޭގައި ޖިންސީ ގޯނާ ކުރުމާއި ރޭޕްކުރުމުގެ މައްސަލަތައް ކަންބޮޑުވާ މިންވަރަށް ދިވެހިރާއްޖޭގައި އިތުރުވެ، އަންހެނުންގެ ރައްކާތެރިކަމާއި ކަރާމާތަށް އަރައިގަންނަމުންދާއިރު އެ ކަންކަމަށް އެކަށީގެންވާ ފިޔަވަޅު ނޭޅި، އެފަދަ މައްސަލަތަކަށް އިން ޞާފު ލިބުން ލަސްވާތީއެވެ.
އަދި ރޭޕްކުރުމާއި ޖިންސީ ގޯނާގެ ބައެއް މައްސަލަތަކުގައި ދަޢުވާ ނުކުރުމާއި، އެފަދަ މައްސަލަތައް ވަކި ހިސާބަކުން އޮއްބާލުމާއި އެފަދަ ޢަމަލުތައް ހިންގާ ފަރާތްތަކަށް ފިޔަވަޅު އެޅުން ލަސްވުމުގެ ސަބަބުން، ރޭޕްކުރުމާއި ޖިންސީ ގޯނާގެ ޢަމަލުތައް ހިންގުން އިތުރުވަމުންދާތީއާއި އަދި މިކަމުގެ ސަބަބުން މުޖްތަމަޢުގައި ބިރުވެރިކަމާއި ނާމާންކަން އިތުރުވެ، މަގުމައްޗަށް ނިކުންނަން ޖެހިލުންވާ ހިސާބަށް ކަންކަން ގޯސްވެފައިވާތީވާތީކަމަށް ވަނީ ބުނެފައެވެ.
ރާއްޖޭގައި ޖިންސީ ގޯނާ ކުރުމާއި ރޭޕްކުރުމުގެ މައްސަލަތައް މަދު ކުރެވޭނެގޮތްތަކެއް ނިޒާމީގޮތެއްގައި ރާވައި ހިންގުމަށާއި، އެފަދަ މައްސަލަތަކުގެ ޝިކާރައަކަށްވާ ފަރާތްތަކަށް އިންޞާފު ހޯދައިދީ، ޖިންސީ ގޯނާ ކުރުމާއި ރޭޕްކުރުމުގެ ލާއިންސާނީ ޢަމަލު ހިންގާ ފަރާތްތަކަށް ޙައްޤު އަދަބު ދިނުން އަވަސް ކުރުމަށް ސަރުކާރުގެ ކަމާބެހޭ މުއައްސަސާތަކަށް ވަނީ ގޮވާލާފައެވެ.
ރާއްޖޭގައި ފަހަކަށް އައިސް ޖިންސީ ގޯނާއާއި، ރޭޕްކުރުން އާންމުވެފައިވާއިރު، މިކަމަށް އެކަށީގެންވާ ފިޔަވަޅު ނޭޅޭ މައްސަލާގައި ގިނަ ބަޔަކު ދަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ.
ކޮމެންޓު ފޮނުވާ