ރައީސް ޔާމީން މިނިވަން ކުރުމަށް އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން "ދޭތިތިން އެކައްޗަށް" އަންގާރަ ދުވަހުގެރޭ ނިކުތުމަށް ނިންމައިފިއެވެ.
އަންގާރަ ދުވަހުގެެރޭގެ މުޒާހަރާއާއި ގުޅިގެން އިދިކޮޅު ކޯލިޝަނުން ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ އެކޯލިޝަންގެ ހަރަކާތު ކޮމިޓީގެ ރައީސް އަދި ކ.އަތޮޅުގެ ކައުންސިލް ރައީސްގެ މަޤާމަށް އިންތިޚާބު ވެފައިވާ މުހައްމަދު ނިމާލު ވިދާޅުވީ ރައީސް ޔާމީން މިނިވަން ކުރުމަށް އަންގާރަ ދުވަހުގެރޭ ބާއްވާ ހަރަކާތަކީ މުޅި ރާއްޖެއަށް ހުޅުވާލައިގެން އަތޮޅުތަކުންވެސް އަންނަން ބޭނުންވާ މީހުންނަށް ދައުވަތު ދީގެން ބޭއްވޭ ބޮޑު ހަރަކާތެއް ކަމަށެވެ.
ރައީސް ޔާމީން މިނިވަން ކުރުމަށާއި، އަދި މިބަރަކާތްތެރި ރަމަޞާން މަހު ރައީސް ޔާމީން ގެއަށް ބަދަލުކޮށް ދިނުމަށް ތަކުރާރުކޮށް އެދުނުނަމަވެސް މިސަރުކާރުން އެކަމަށް ދީފައިވަނީ ބީރު ކަންފަތެއްކަމަށް އޭނާ ވިދާޅުވިއެވެ. ރައީސް ޔާމީނަށް ދެރަގޮތެއް ނުވާނެކަމަށް ބުނެ، އެމަނިކުފާނު ދެރޯމަސް އެކީ ޖަލުގައި ގެންގުޅެމުންދަނީ ކޮން އޯގާތެރިކަމެއް ހުރެގެންތޯ ނިމާލުވަނީ ސުވާލު ކުރައްވާފައެވެ. ރައީސް ޔާމީނަށް ޖަލުގައި ދެމުންދާ އަނިޔާއަކީ ނުހައްގު އަދި ބޭއިންސާފު އަނިޔާތަކެއްކަމަށް ނިމާލު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ އަންގާރަ ދުވަހުގެރޭގެ ހަރަކާތް ހިންގުމަށް ފުލުހުންނާއި ކަމާއި ގުޅުންހުރި އިދާރަތަކުގެ އެއްބާރުލުންވެސް ބޭނުންވާކަމަށެވެ. ރޯދަމަހުގެ 13 ދުވަސް ފާއިތުވެގެން ދިޔައިރު، ސަރުކާރުން ރައީސް ޔާމީން ގެއަށް ބަދަލުކޮށްފައިނުވުމަކީ ކަންބޮޑުވާ ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ. މިމަސައްކަތް ހުއްޓާލާނީ ރައީސް ޔާމީން މިނިވަން ކޮށްފައިކަމަށާއި، ސަރުކާރަށް އެކި ގޮތްގޮތުން ދީފައިވާ މުހުލަތާއި ސުލްހަވެެރިކަމާއިއެކު ދެކެވުނު ވާހަތަކަންވެސް ނަތީޖާ ނުލިބުމުން ރައީސް ޔާމީން މިނިވަން ކުރެވެން އޮތް ގޮތަކަށް މަސައްކަތް ކުރުމަކީ މިއަދު އޮތް ގޮތްކަމަށް ނިމާލު ވިދާޅުވިއެވެ.
އޭނާ ވަނީ އަންގާރަ ދުވަހުގެރޭގެ ހަރަކާތުގައި ވީހާވެސް ގިނަބަޔަކު ބައިވެރިވުމަށް އިލްތިމާސް ކުރައްވާފައެވެ.
ކޮމެންޓު ފޮނުވާ