ވެރިކަން ކުރާ މައިޕާޓީ އެމްޑީޕީގެ އެތެރޭގެ އިންތިހާބުގައި ވާދަ ކުރެވޭނީ އެ ޕާޓީގެ މެމްބަރެއްގެ ގޮތުގައި އެއް އަހަރު ވެފައިވާ މެމްބަރުންނަށް ކަމަށް އެ ޕާޓީން ނިންމައިފިއެވެ.
އެމްޑީޕީގެ ދާއިރާތަކުގެ އިންތިޚާބު މެއި މަހުގެ 29 ވަނަ ދުވަހު ބޭއްވުމަށް ނިންމައި، އިންތިޚާބަށް ކުރިމަތިލުމުގެ ފުރުސަތު ވަނީ މިއަދު ހުޅުވާލާފައެވެ. އިންތިޚާބުގައި ވާދަކުރެވޭނެ މީހުންގެ ޝަރުތު ކަނޑައެޅުމާއި ގުޅޭގޮތުން މިރޭ ބޭއްވި އެޕާޓީގެ ގައުމީ ހިންގާ ކޮމިޓީގެ ބައްދަލުވުމުގައިވަނީ އިންތިހާބުގައި ވާދަ ކުރެވޭނީ އެ ޕާޓީގެ މެމްބަރެއްގެ ގޮތުގައި އެއް އަހަރު ވެފައިވާ މެމްބަރުންނަށް ކަމަށް ފާސްކޮށްފައެވެ. ޕާޓީގައި އެއްއަހަރު ނުވާ މެންބަރުންނަށް ކުރިމަތިނުލެވޭ ގޮތައް ހުށަހެޅި ހުށަހެޅުން ފާސްވީ މިރޭގެ ބައްދަލުވުމަށް ހާޒިރުވި މެމްބަރުންގެ ތެރެއިން 69 މެމްބަރުންގެ ވޯޓުންނެވެ.
މިބައްދަލުބުމުގައި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދާއި، ރައީސް އިބްރާހިމް މުހައްމަދު ޞާލިހުވެސް ބައިވެރިވެ ވަަޑައިގެންނެވިއެވެ. ދާއިރާއެއްގެ ރައީސްކަމަށް ކުރިމަތިލާނާމަ އެ ދާއިރާއަށް ނިސްބަތްވާ އެމްޑީޕީގެ 50 މީހުންގެ ސޮއި ހަމަކުރަންޖެހެއެވެ. އަދި ޕްރޮވިންސް ނުވަތަ ސިޓީއެއްގެ ރައީސްކަމަށް ކުރިމަތިލާނަމަ 200 މެންބަރުންގެ ސޮއި ހޯދަން ޖެހެއެވެ.
މި އިންތިޚާބުގައި ވޯޓުލެވޭނީ މިމަހުގެ 18 ވަނަ ދުވަހުގެ ނިޔަލަށް އެމްޑީޕީން ބަލަހައްޓާ އެތެރޭގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ މީހުންނަށްކަމަށާއި، ޕާޓީގެ އެތެރޭގެ ދަފްތަރުގައި 93354 މީހުން ރަޖިސްޓްރީވެފައިވާ ކަމަށް ސްޕޯކްސް ޕާސަން ވިދާޅުވިއެވެ.
ދާއިރާތަކުގެ އިންތިޚާބުގައި ވޯޓުލުމުގެ ފުރުސަތު ލިބޭނީ އެމްޑީޕީގެ ދަފްތަރުގައި ރެޖިސްޓަރީ ކޮށްފައިވާ މެންބަރުންނަށެވެ. ޕާޓީގެ ދަފްތަރުގައި ޖުމްލަ 93،354 މެންބަރުން ރެޖިސްޓަރީ ވެފައިވާ ކަމަށް އެމްޑީޕީން މައުލޫމާތުދެއެވެ. އެމްޑީޕީގެ މެންބަރުންގެ ލިސްޓް ޕާޓީގެ ވެބްސައިޓްގައި ޝާއިއުކޮށްފައި ވާއިރު އެސްއެމްއެސް ކޮށްގެން ޕާޓީގެ މެންބަރެއްތޯ ބެލޭނެ ކަމަށް އެ އެޕާޓީން ބުނެއެވެ.
ކޮމެންޓު ފޮނުވާ