ރައްކާތެރިކަމުގެ ފިޔަވަޅުތައް ހަރުކަށި ކުރުމަށް ރައީސް މައުމޫން ގޮވާލައްވައިފި

ރައްކާތެރިކަމުގެ ފިޔަވަޅުތައް ހަރުކަށި ކުރުމަށް ރައީސް މައުމޫން ގޮވާލައްވައިފި

Author
މުޙައްމަދު ޝަޒައިމް
24 އޭޕްރިލް 2021 02:40
0

ކޯވިޑ-19 ގައި ރާއްޖޭގައި އަނެެއްކާވެސް ކޭސްތައް އިތުރުވެ، ބަލީގެ ނުރައްކާ ބޮޑުވެފައިވާތީ ފިޔަވަޅުތައް ހަރުކަށި ކުރުމަށް ކުރީގެ ރައީސް އަލް އުޘްތާޒު މައުމޫން އަބްދުލް ޤައްޔޫމް ކަމާއި ބެހޭ ފަރާތްކަށް ގޮވާލައްވައިފިއެވެ.

ރާއްޖޭގައި ކޯވިޑްގެ ބަލިމަޑުކަން ބޮޑުވެ، ބަލީގައި ޕޮޒިޓިވްވާ މީހުންގެ އަދަދު ދަނީ އުފުލެމުންނެވެ. އޮތުން އިއްޔެއަކީ ރާއްޖެއިން މިހާތަނަށް ރެކޯޑް އަދަދަކަށް މީހުން ޕޮޒިޓިވްވި ދުވަހެކެވެ. އިއްޔެ އެކަނިވެސް 300 އަށްވުރެ މީހުން ކޯވިޑަށް ޕޮޒިޓިވް ވެފައިވެއެވެ. ކޯވިޑްގެ ނުރައްކާ ބޮޑުވަމުންދާ މި ދަނޑިވަޅުގައި ރައްކާތެރިކަމުގެ ފިޔަވަޅުތައް ހަރުކަށިކޮށް، އިތުރު ފިޔަވަޅުތަކެއް އެޅުއްވުމަށް ރައީސް މައުމޫން ވަނީ ގޮވާލައްވާފައެވެ.

ކޯވިޑް-19 އާއި ގުޅިގެން ރާއްޖޭގައި އަޅާފައިވާ ގިނަ ފިޔަވަޅުތައް ވަނީ ރޯދައިގެ ކުރިން ދޫކޮށްލާފައެވެ. މާލެ އެކޭ އެއްގޮތަށް މިހާރު އަތޮޅު ތެރޭގެ ބައެއް ރަށްތަކުގައިވެސް ކޯވިޑުގެ ނުރައްކާތެރިކަން އިންތިހާއަށް އުފުލި އެރަށްތަކުގައި ވަނީ ބިރުވެރިކަން އިތުރުވެފައެވެ.

ކޯވިޑް ވެކްސިންގެ 2 ޑޯޒް ޖެހުމަށްފަހު 2 ހަފްތާ ވެފައިވާ ފަރާތްތަކަށް ރަށްރަށަށް ދިއުމުގެ ފުރުސަތުވެސް މިހާރުވަނީ ހުޅުވާލާފައެވެ. ވެކްސިން ޖަހާ މީހުންގެ އަދަދު ރާއްޖޭގައި އިތުރުވި ނަމަވެސް ކޯވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދުވެސް ދަނީ އެއްދުވަހުން އަނެއްދުވަހަށް މަތިވަމުންނެވެ. ކޯވިޑްގެ އަދަދުތައް މަތިވި ނަމަވެސް މިހާތަަނަށް އެއްވެސް ފިޔަވަޅެއް އަޅާނެކަމެއް އެޗްޕީއޭއިން ހާމަކޮށްފައި ނުވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.