ނިމިދިޔަ ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިޚާބުގައި މާލެ ސިޓީން އެމްޑީޕީ ބަލިވީ އެމްއެމްޕީިއާރުސީގެ މައްސަލައާއި، މަރުތަކަށް އިންސާފު ނުހޯދުމުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ބިލެތްދޫ ދާއިރާގެ މެމްބަރު އަހުމަދު ޚަލީމް (ދޮންބިލޭ) ވިދާޅުވެއްޖެއެވެ.
ކުރިއަށް އޮތް އެމްޑީޕީގެ އެތެރޭގެ އިންތިޚާބުގައި މާލެ ސިޓީގެ ރައީސްކަމަށް އެމްޑީޕީން ވާދަކުރާ ކެންޑިޑޭޓުންގެ ތެރެއިން ވަކި ކެންޑިޑޭޓެއްގެ ނަން ނުބުނު ދޮންބިލޭ ވަނީ އިންތިޚާބަށް އެމްއެމްޕީއާރުސީގެ ފައިސާ ނެގިކަމުގެ ތުހުމަތު ކުރެވޭ ބޭފުޅަކު ވާދަކުރައްވާކަމަށެވެ. ދޮންބިލޭ އިޝާރާތް ކުރައްވަނީ ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަކްރަމް ކަމާލުއްދީނަކަށް ކަމަށް ބެލެވެއެވެ. އޭނާވިދާޅުވީ ކޮރަޕްޝަންގެ ޚާއްސަކޮށް އެމްއެމްޕީއާރުސީގެ މައްސަލައިގެ ތުހުމަތު ކުރެވޭ ބޭފުޅަކު ކުރިމަތި ލެއްވުމަކީ އެމްޑީޕީގެ މެމްބަރުން ވިސްނާނެ ކަމެއްކަމަށެވެ.
އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ތުހުމަތު ކުރެވިފައިހުރި ފަރާތެއް މާލެ ސިޓީ ރައީސްކަމަށް ނުކުތުމަކީ ކަންބޮޑުވާކަމެއް. ލޯކަލް ކައުންސިން އިންތިޚާބުގައި މާލެ ސިޓީ އެމްޑީޕީއަށް ގެއްލުމުގެ އަސްލަކީ އެމްއެމްޕީއާރުސީ އާއި މަރުތަކަށް އިންސާފު ނުހޯދުން. އެމްޑީޕީ މެމްބަރުން ވިސްނާނެ ވޯޓު ދޭއިރު.
– ޚަލީމް ވިދާޅުވިއެވެ.
ޚަލީމް މިހެން ވިދާޅުވިއިރު، އޭނާ ނިސްބަތްވާ މަޖިލީހުގެ ރައީސް ވަނީ އެމްއެމްޕީއާރުސީގެ ބޮޑު ޚިޔާނާތާ ގުޅުންހުރި 70،000އަށްވުރެ ގިނަ މެސެޖު ލިބިވަޑައިގެންފައި ވާކަމަށާ އެމެސެޖްތައް ޢާންމުކުރައްވާނެކަމަށް މިދިޔަ އަހަރު ވިދާޅުވެފައެވެ. ނަމަވެސް މިހާތަނަށް އޭގެ ތެރެއިން އެއްވެސް މެސެޖެއް އާންމު ކޮށްފައިނުވެއެވެ.
އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ފައިސާތައް ބޭނުނުންކޮށްފައިވަނީ ސިޔާސީ މަންފާތަކެއް ބޭނުންކުރުމަށްކަމަށް ކޮރަޕްޝަން އެންޑް އެސެޓް ރިކަވަރީ ކޮމިޝަނުންވަނީ ބުނެފައެވެ. މިހާތަނަށް ކުރެވުނު ތަހުޤީޤުތަކުން އެނގޭގޮތުގައި އެމްއެމްޕީއާރުސީގެ ޚިޔާނާތް 3.4 ބިލިޔަން ރުފިޔާއަށް އަރައެވެ.
އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ފައިސާ 267 ފަރާތަކަށް ލިބުނުކަމަށް އެމައްސަލަ ތަޙްޤީޤުކުރާ އިދާރާތަކުންވަނީ ވިދާޅުވެފައެވެ. ޚިޔާނާތުގެ ފައިސާ ލިބިފައިވާ ފަރާތްތަކުގެ ތެރޭގައި 18ވަނަ ރައްޔިތުންގެ މަޖިލީހުގެ 44 މެމްބަރަކާއި، ރައްޔިތުންގެ މަޖިލީހުގެ މިހާރުގެ 16 މެމްބަރަކާއި، މިނިވަން މުއައްސަސާތަކުގައި އިސްކޮށް ތިއްބެވި 5 ބޭފުޅަކުވެސް ހިމެނިވަޑައިގަންނަވައެވެ. މީގެ އިތުރުން މިހާރު ސަރުކާރުގެ މަގާމުގައިތަކުގައި ތިބި 7 މީހަކާއި 7 ފަނޑިޔާރެއްގެ އިތުރުން ސަލާމަތީ ބާރުތަކުގައި ހިމެނޭ 23 އޮފިސަރުން ވެސް ހިމެނެއެވެ.
މިމައްސަލައިގެ އިތުރުން ގެއްލިފައިވާ މީހުންނާއި މަރާލާފައިވާ މީހުންނަށް އިންސާފު ހޯދަން އެމްޑީޕީން ވެފައިވާ ވައުދުވެސްވަނީ ނުފުއްދިއެވެ. މިހާތަނަށް ކޮމިޝަންތަކަށް ބޮޑެތި އަދަދުތަކުން ޚަރަދު ކުރުން ފިޔަވައި ސަރުކާރަށް މިމައްސަލަތަކަށް އިންސާފު ހޯދަން ކުރެވުނު ކަމެއްނެތެވެ.
ކޮމެންޓު ފޮނުވާ