އިންޑިޔާގައި ކޯވިޑްގެ ހާލަތު އިންތިހާއަށް ގޯސްވެފައިވާއިރު އިންޑިޔާގެ ފަތުރުވެރިން ރާއްޖެ ގެނައުން ހުއްޓާލަން ނުވޭތޯ ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު އުޝާމް، ޓުވަރިޒަމް މިނިސްޓަރ ޑރ.މައުސޫމްއާއި ސުވާލު ކުރައްވައިފިއެވެ.
އުޝާމް މިފަދަ ގޮތަކަށް ވިދާޅުވެފައިވަނީ ދަތުރުފަތުރު ކުރެވޭނީ ރައްކާތެރިކަމާއިއެކު އަޅަންޖެހޭ އެންމެހައި ފިޔަވަޅު އަޅައި އެންމެގެ ރައްކާތެރިކަން ކަށަވަރު ވެގެން ކަމުގައި ޓުވަރިޒަމް މިނިސްޓަރ ޑރ.އަބްދުﷲ މައުސޫމް ވިދާޅުވެ ދެއްކެވި ވާހަތަކާއި ގުޅިގެންނެވެ. އުޝާމް ވިދާޅުވީ ހާލަތު އިންޑިޔާގައި އިންތިހާއަށް ގޯސްވެފައިވާއިރުވެސް އަމަލުން އެކަން ނުދައްކާނަމަ ނަތީޖާ ނުފެންނާނެކަމަށެވެ. މިހާލަތަކީ އިންޑިޔާއިން ރާއްޖެއަށް ކުރާ ދަތުރުރައް ހުއްޓާލަންވީ ވަގުތަށްވާއިރު އެކަންނޮށް ރާއްކާވެތިބިއްޔާ ދަތުރޭ ބުންޏަސް ހައްލެއް ނުލިބޭނެކަމަށް އުޝާމް ވިދާޅުވިއެވެ.
އިންޑިޔާގައި ކޮވިޑްގެ ހާލަތު އިންތިހާއަށް ގޯސްވެފައިވާއިރު، އިންޑިޔާގެ ފަތުރުވެރިން ރާއްޖެއައުން މަނާކުރާކަށް ނުވޭތޯ؟ ރައްކާވެތިބިއްޔާ ދަތުރޭ ވިދާޅުވާއިރު، އަމަލުން އެކަން ނުފެނޭ. ރާއްޖޭގެ ހާލަތު އިތުރަށް ގޯސްނުވަނީސް ފިޔަވަޅުތައް ވަރުގަދަކުރަންޖެހޭކަމަށް ދެކެން.
– އުޝާމް ވިދާޅުވިއެވެ.
ރާއްޖޭގެ އިޤްތިޞާދުގެ މައި އިންޖީނާއި މިވަގަތު ހަވާލުވެ ހުންނެވި ވަޒީރުގެ ހައިސިއްޔަތު މިނިސްޓަރ މައުސޫމް ވިދާޅުވީ ކޮންމެ ބޭފުޅަކީވެސް އެބޭފުޅެއްގެ ފަރުދީ ޒިންމާ އަދާކުރަން އިސްކުރައްވައި، އެކަމަށް ޚާއްސަ ސަމާލުކަން ދޭންޖެހޭ މީހަކަށް ވާންޖެހޭކަމަށެވެ. ހެލްތު ޕްރޮޓެކްޝަން އެޖެންސީންނާއި ކަމާއިގުޅުންހުރި އިދާރާތަކުން ދެއްވާ ލަފަޔާއި އިރުޝާދަށް ޚާއްސަ ސަމާލުކަމެއްދެއްވައި މިކަމުގައި ފަރުދީ ގޮތުން ކުރެވެން އޮތް މަސައްކަތެއް ކޮންމެ ރައްޔިތަކުވެސް ކުރެއްވުމަށް މިނިސްޓަރ ވަނީ އިލްތިމާސް ކުރައްވާފައެވެ.
އަޅުގަނޑުގައިގާ ކޮވިޑު ހުރެދާނެ، އެބޭފުޅާގެ ގައިގާވެސް ކޮވިޑު ހުރެދާނެ، އަނެއްބޭފުޅާގެގައިގާވެސް ކޮވިޑު ހުރެދާނެ، އަދަދުތައް މަދުކުރުމަށް ގައިދުރުކަން ބަހައްޓަވާ، މާސްކު އަޅުއްވާ، ވެކުސިން ޖައްސަވާ ރައްކާވެތިބިއްޔާ އިންޝާﷲ ދަތުރުފަތުރު.
– ޑރ.މައުސޫމް ވިދާޅުވިއެވެ.
ރާއްޖެއިން އިއްޔެވަނީ 300 އަށްވުރެ މީހުން ކޯވިޑަށް ޕޮޒިޓިވްވެފައެވެ. މިއީ ރާއްޖޭގައި މިހާތަނަށް އެއްދުވަހެއްގައި އެންމެ ގިނަ އަދަދަކަށް ކޯވިޑަށް ޕޮޒިޓިވްވި ދުވަހެވެ. މިއަހަރު ރާއްޖޭގެ ފަތުރުވެރިކަންވެސް މަޑު މަޑުން ރަނގަޅުވަމުންދާ ދަނޑިވަޅެއްގައި ކަމާއި ގުޅުންހުރި އިދާރާތަކުންވެސް ދަނީ ރާއްޖޭގެ އިޤްތިޞާދީ ރައްކާތެރިކަމަށްވެސް ހުރިހާ ރައްޔިތުން ގުޅިގެން މަސައްކަތް ކުރުމަށް އިލްތިމާސް ކުރައްވާފައެވެ.
ކޮމެންޓު ފޮނުވާ