ދަތުރުފަތުރު ކުރެވޭނީ ރައްކާތެރިވެ ތިބެގެން: ޑރ.މައުސޫމް

ދަތުރުފަތުރު ކުރެވޭނީ ރައްކާތެރިވެ ތިބެގެން: ޑރ.މައުސޫމް

Author
މުޙައްމަދު ޝަޒައިމް
24 އޭޕްރިލް 2021 09:11
0

ދަތުރުފަތުރު ކުރެވޭނީ ރައްކާތެރިކަމާއިއެކު އަޅަންޖެހޭ އެންމެހައި ފިޔަވަޅު އަޅައި އެންމެގެ ރައްކާތެރިކަން ކަށަވަރު ވެގެން ކަމުގައި ޓުވަރިޒަމް މިނިސްޓަރ ޑރ.އަބްދުﷲ މައުސޫމް ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ އިޤްތިޞާދުގެ މައި އިންޖީނާއި މިވަގަތު ހަވާލުވެ ހުންނެވި ވަޒީރުގެ ހައިސިއްޔަތު މިނިސްޓަރ މައުސޫމް ވިދާޅުވީ ކޮންމެ ބޭފުޅަކީވެސް އެބޭފުޅެއްގެ ފަރުދީ ޒިންމާ އަދާކުރަން އިސްކުރައްވައި، އެކަމަށް ޚާއްސަ ސަމާލުކަން ދޭންޖެހޭ މީހަކަށް ވާންޖެހޭކަމަށެވެ. ހެލްތު ޕްރޮޓެކްޝަން އެޖެންސީންނާއި ކަމާއިގުޅުންހުރި އިދާރާތަކުން ދެއްވާ ލަފަޔާއި އިރުޝާދަށް ޚާއްސަ ސަމާލުކަމެއްދެއްވައި މިކަމުގައި ފަރުދީ ގޮތުން ކުރެވެން އޮތް މަސައްކަތެއް ކޮންމެ ރައްޔިތަކުވެސް ކުރެއްވުމަށް މިނިސްޓަރ ވަނީ އިލްތިމާސް ކުރައްވާފައެވެ.

އަޅުގަނޑުގައިގާ ކޮވިޑު ހުރެދާނެ، އެބޭފުޅާގެ ގައިގާވެސް ކޮވިޑު ހުރެދާނެ، އަނެއްބޭފުޅާގެގައިގާވެސް ކޮވިޑު ހުރެދާނެ، އަދަދުތައް މަދުކުރުމަށް ގައިދުރުކަން ބަހައްޓަވާ، މާސްކު އަޅުއްވާ، ވެކުސިން ޖައްސަވާ ރައްކާވެތިބިއްޔާ އިންޝާﷲ ދަތުރުފަތުރު.

– ޑރ.މައުސޫމް ވިދާޅުވިއެވެ.

ރާއްޖެއިން އިއްޔެވަނީ 300 އަށްވުރެ މީހުން ކޯވިޑަށް ޕޮޒިޓިވްވެފައެވެ. މިއީ ރާއްޖޭގައި މިހާތަނަށް އެއްދުވަހެއްގައި އެންމެ ގިނަ އަދަދަކަށް ކޯވިޑަށް ޕޮޒިޓިވްވި ދުވަހެވެ. މިއަހަރު ރާއްޖޭގެ ފަތުރުވެރިކަންވެސް މަޑު މަޑުން ރަނގަޅުވަމުންދާ ދަނޑިވަޅެއްގައި ކަމާއި ގުޅުންހުރި އިދާރާތަކުންވެސް ދަނީ ރާއްޖޭގެ އިޤްތިޞާދީ ރައްކާތެރިކަމަށްވެސް ހުރިހާ ރައްޔިތުން ގުޅިގެން މަސައްކަތް ކުރުމަށް އިލްތިމާސް ކުރައްވާފައެވެ.

ތަފާސް ހިސާބުތަކަށް ބަލާއިރު ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން މިހާރު އަންނަނީވެސް ދުނިޔޭގައިވެސް އެންމެ ހާލަތު ގޯސް ބަލީގެ ނުރައްކާބޮޑު އިންޑިއާއިންނެވެ. އަހަރުގެ މިހާތަނަށް ރާއްޖެ އައި ފަތުރުވެރިންގެ %22.7 އަކީ އިންޑިއާއިން ރާއްޖެ އައި ފަތުރުވެރިންނެވެ. އިންޑިޔާގެ ހާލަތު ގޯސްވެ ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދަށްވެސް ހީނަރުކަން އައިސްފާނެ ކަމުގެ ބިރު ވަނީ ހީވެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.