ކޮމިއުނިޓީ ސްޕްރެޑެއް އޮތް އއ.މަތިވެރިން ކޯވިޑް-19 އަށް އިތުރު 18 މީހަކު ޕޮޒިޓިވްވި، މިހާތަނަށް ޕޮޒިޓިވްވި މީހުންގެ އަދަދު 37 އަށް އަރައިފިއެވެ.
މަތިވެރިން ބައްޔަށް ޕޮޒިޓިވްވި މީހުން، ޕޮޒިޓިވްވިކަން އެނގިފައިވަނީ ބަލީގެ އަލާމާތްތައް ފެނިގެން ޓެސްޓުކުރުމުންނެވެ. މިއާއެކު އެރަށުގަ މުޖުތަމަޢުގެ ތެރޭގައި ބަލި އޮތްކަމަށްވަނީ ކަނޑައަޅާފައެވެ. މަތިވެރީގައި ކޯވިޑްގެ ނުރައްކާ ބޮޑުވެފައިވާއިރު، ނެގޭ ސާމްޕަލަތަކުން ޕޮޒިޓިވްވާ މީހުންގެ އަދަދުވެސް ދަނީ އެއްދުވަހުން އަނެއް ދުވަހަށް މަތިވަމުންނެވެ.
މިމަހުގެ 21 ވަނަ ދުވަހު އެރަށުން ވަނީ ކޯވިޑްގެ އަލާމާތްތަކެއް ހުރެގެން 150 ސާމްޕަލް ނަގާފައެވެ. އޭގެ ތެރެއިން 29 ސާމްޕަލެއްގެ ނަތީޖާ ލިބިފައިވާއިރު، 18 މީހަކު ވަނީ ޕޮޒިޓިވް ވެފައެވެ. މިއާއުއެކު އެރަށުން ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދުވަނީ 37 އަށް އަރާފައެވެ. މިހާރުވެސް އެރަށުން ނެގި ގިނަ ސާމްޕަލަކުގެ ނަތީޖާ ނުލިބޭއިރު، ޕެންޑިންގައިވެސް 180 ސާމްޕަލެއް ވެއެވެ.

މަތިވެރީގެ ރައްޔިތުންގެ މެދުގައިވެސް އޮތް އެންމެބޮޑު ކަންބޮޑުވުނަމީ ނެގޭ ސާމްޕަލްތަކުގެ ނަތީޖާ ލަސްވުމެވެ. ޚާއްސަކޮށް މުޖުތަމައުގައި ބަލި އޮތް ރަށަކަށް ވާއިރު ވީހާވެސް ވަހަކަށް ނަތީޖާ ލިބޭނެ އިންތިޒާމު ހަމަޖެހިގެން ދިއުމަކީ ބަލީގެ ނުރައްކާ ކުޑަކުރުމަށް ކުރެވޭނެ ކަމެއްގެ ގޮތުގައި އެރަށު ބައެއް މީހުން ބުނެފައެވެ.
މުޖުތަމަޢުގެ ތެރޭގައި ބަލި ފެތުރިފައިވާތީ އެރަށް މިހާރުވަނީ މޮނިޓަރިންގެ ޙާލަތަށް ގެނެސް ރަށަށް އަރާ ފޭބުން މަނާކޮށްފައެވެ. އަދި ރަށުގައި މިހާރުވަނީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅާފައެވެ. އެގޮތުން ކޮންމެހެން ނިކުންނަން ޖެހިއްޖެ ޙާލަތެއްގައި މެނުވީ ބޭރަށް ނިކުމެ ނޫޅުމަށްވަނީ އަންގާފައެވެ.
ކޮމެންޓު ފޮނުވާ