ޔާމީންގެ މަރަށް 4 އަހަރު: ކޮމިޝަނުން އެދެނީ ޝަރީއަތް އަވަސްކޮށް ދިނުމަށް

ޔާމީންގެ މަރަށް 4 އަހަރު: ކޮމިޝަނުން އެދެނީ ޝަރީއަތް އަވަސްކޮށް ދިނުމަށް

Author
މުޙައްމަދު ޝަޒައިމް
23 އޭޕްރިލް 2021 12:12
0

ބްލޮގަރ ޔާމީން ރަޝީދު މަރުގެ މައްސަލައިގެ ޝަރީއަތްތައް ވީހާވެސް އަވަހަކަށް ނިންމުމަށް މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަޙްޤީގުކުރާ ކޮމިޝަނުން ގޮވާލައިފިއެވެ.

ބްލޮގަރ އަދި ސޯޝަލް މީޑިއާ އެކްޓިވިސްޓް، ސ.ފޭދޫ، ޗަބޭލީގެ، ޔާމީން ރަޝީދު އަނިޔާވެރި ގޮތަކަށް މަރާލާފައިވާތާ މިއަދަށް މިވަނީ 4 އަހަރު ފުރިފައެވެ. ޔާމީންގެ މަރަށް ހަތަރު އަހަރު ފުރުމާއި ގުޅިގެން ގެއްލިފައިވާ މީހުންނާއި މަރުތައް ބަލާ ކޮމިޝަނުން ނެރުނު ބަޔާނުގައި ބުނެފައިވަނީ ޔާމީން ރަޝީދު ނެތުމުން އާއިލާއަށާއި ރަޙްމަތްތެރިންނަށް ލިބިފައިވާ ފުން ހިތާމައިގައި ކޮމިޝަނުން ބައިވެރިވާކަމަށެވެ.

ޔާމީން ރަޝީދުގެ މަރުގެ މައްސަލައިގައި އުފުލާފައިވާ ދަޢުވާގެ ޝަރީޢަތް ކުރިއަށްދާގޮތް ކޮމިޝަނުން ދަނީ ގާތުން ބަލަމުން. އަދި މި މައްސަލައިގެ ޝަރީޢަތް ހިނގަމުން ދިޔަކަމުގައި ވީނަމަވެސް، ޕްރޮސެކިއުޓަރ ޖެނެރަލްގެ ލަފަޔާއެކު، ހިނގަމުންދާ ޝަރީއަތަށް އެއްވެސް ނުފޫޒެއް ނުފޯރާގޮތަށް، މި މަރުގެ އަޑީގައި ތިބީ ކޮންބައެއްކަން ބަލައި ހޯދުމުގެ މަސައްކަތް މި ކޮމިޝަނުން ކުރަމުންދާކަން މަޢުލޫމާތައްޓަކައި ދެންނެވިން. ކޮމިޝަންގެ އެދުމަކީ، މިމައްސަލަ އާއި ގުޅިގެން މިހާރު ހިނގަމުންދާ ޝަރީޢަތް ވީހާވެސް އަވަހަކަށް ނިމި، ޔާމީން ރަޝީދުގެ އާއިލާއަށް އިންސާފު ލިބުން.

– މަރު ކޮމިޝަންގެ ބަޔާނުގައި ވެއެވެ.

ޔާމީންގެ މަރާއި ގުޅިގެން 6 މީހެއްގެ މައްޗަށް ދައުލަތުން ކުރާ ދައުވާގެ ޝަރީއަތްތައް އަންނަނީ ކޯޓުގައި ހިގަމުންނެވެ. މި މައްސަލަ ކޯޓްގައި އޮންނަތާ މިހާރު ވަނީ އަހަރަކަށްވުރެ ގިނަ ދުވަސްވެފައެވެ.

ޔާމީން ރަޝީދު މަރާލާފައިވަނީ 2017ވަނަ އަހަރުގެ އޭޕްރީލް މަހުގެ 23ވަނަ ދުވަހުގެ ރޭ ދަންވަރު އޭނާ ދިރިއުޅޭގެ މ.ސްޕެޓިއުލާގޭގެ ސިޑިގޮޅި ކައިރީގައި ތޫނު އެއްޗަކުން ހަމަލާދީއެވެ. މި މައްސަލާގައި ދައުލަތުން ދަޢުވާ އުފުލާފައިވަނީ، ހ.އަންނާރުމާގޭ އިސްމާއިލް ހައިޝަމް ރަޝީދާއި، މ.އިރަސްމިކުގޭ އަޙްމަދު ޒިހާން އިސްމާއިލާއި، ގދ.ގައްދޫ ސިންދުބާދުގޭ މުހައްމަދު ދިފްރާނާއި، މ.ކުދެހިގޭ ހަސަން ޝިފާޒާއި، މ.ތާއިފް އިސްމާއިލް ރަޝީދާއި މ.ކޮޅުފުށީ އީސްޓް، ހުސައިން ޒިޔާދުގެ މައްޗަށެވެ. މި 6 މީހުންގެ މައްޗަށް އުފުލާފައިވަނީ ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ކުށުގެ ދަޢުވާއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.