އަވަހަށް ދާއިމީ ނަތީޖާ އިއުލާންކޮށް ނިންމާލަނީ ހެދިފައި ހުރި ގޯސްތައް ފޮރުވަން: ނިހާދު

އަވަހަށް ދާއިމީ ނަތީޖާ އިއުލާންކޮށް ނިންމާލަނީ ހެދިފައި ހުރި ގޯސްތައް ފޮރުވަން: ނިހާދު

Author
މުޙައްމަދު ޝަޒައިމް
23 އޭޕްރިލް 2021 01:34
0

މިމަހުގެ 10 ވަނަ ދުވަހު ބޭއްވި ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީޓަކުގެ އިންތިޚާބުގައި ގިނަ މައްސަލަތަކެއް ފާހަގަވެފައި ވަނިކޮށް އިންތިޚާބުގެ ދާއިމީ ނަތީޖާ އަވަހަށް އިއުލާންކޮށް ނިންމާލަނީ ހެދިފައިވާ ގޯސްތައް ފޮރުވަން ކަމުގައި ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ މެމްބަރު މުހައްމަދު ނިހާދު ވިދާޅުވެއްޖެއެވެ.

އިލެކްޝަން ކޮމިޝަނުން އިންތިޚާބުގެ ދާއިމީ ނަތީޖާ އިއުލާން ކުރަމުންދާކަން ހާމަކޮށް ކުރި ޓްވީޓަކާއި ގުޅިގެން ނިހާދު ވިދާޅުވީ ނިމިދިޔަ އިންތިޚާބުގައި މައްސަލަ ދިމާނުވާ ހަމައެންމެ ފޮއްޓެއްވެސް ނެތްކަމަށެކަމަށެވެ. ނަމަވެސް އަވަސް އަރުވާލައިގެން ދާއިމީ ނިތީޖާ އިއުލާންކޮށް ނިންމާލަން އުޅެނީ އިލެކްޝަނަށް ހެދިފައިވާ ގޯސްތައް ފޮރުވުމަށްކަމަށް ނިހާދު ވިދާޅުވިއެވެ.

މި އިންތިޚާބުގައި މައްސަލައެއް ނެތް އެންމެ ފޮއްޓެއްވެސް ނެތް! އަވަހަށް ދާއިމީ ނަތީޖާ އިއުލާންކޮށް ނިންމާލަނީ ހެދިފައި ހުރި ގޯސްތައް ފޮރުވަން.

– ނިހާދު ވިދާޅުވިއެވެ.

ނިހާދުގެ ވާހަކަތަކަށް ރައްދު ދެއްވަމުން އިލެކްޝަން ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވީ އިންތިޚާބެއްގައި އަބަދުވެސް މޮޅުވާނީ ކޮންމެވެސް އެއް ކެނޑިޑޭޓެއް ކަމަށެވެ. ކުރިމަތިލާ ހުރިހާ ކެނޑިޑޭޓުން އިންތިޚާބުވާނަމަ އެއްވެސް އިންތިޚާބެއްގައި އެއްވެސް މައްސަަލައެއް ކުރިމަތި ނުވާނެކަމަށް ޝަރީފް ވިދާޅުވިއެވެ.

ކޮންމެވެސް އެކަކު ދެއްތޯ އިންތިޚާބު ވާނީ، ކުރިމަތިލާ އެންމެން އިންތިޚާބުވާނަމަ އެއްވެސް މައްސަލައެއް ނެތީސް.

– ޝަރީފް ވިދާޅުވިއެވެ.

މިމަހުގެ 10 ވަނަ ދުވަހު ބޭއްވި ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިޚާބުގެ ދާއިމީ ނަތީޖާ އިއުލާން ކުރަން ފަށާފައިވަނީ އިއްޔެއެވެ. މިއިންތިޚާބުގައި މައްސަލަ ކުރިމަތިވި ދެ ދާއިރާއެއްގައި އަލުން ވޯޓުލުމަށް ވަނީ ނިންމާފައެވެ. ނަމަވެސް އެނޫން އެއްވެސް ދާއިރާއެއްގައި މަބޮޑު މައްސަލައެއް ކުރިމަތި ނުވާތީ އިންތިޚާބުގެ ދާއިމީ ނިތީޖާތައް އިލެކްޝަނުން ދަނީ އިއުލާން ކުރަމުންނެވެ. އިލެކްޝަނުން އުންމީދު ކުރަނީ މާދަމާގެ ނިޔަލަށް ދާއިމީ ނަތީޖައް އިއުލާން ކުރެވޭނެކަމަށެވެ.

ޤާނޫނުގައި ބުނާގޮތުން އިންތިޚާބުގެ ދާއިމީ ނަތީޖާ އިންތިޚާބު ބާއްވާތާ 14 ދުވަހުގެ ތެރޭގައި އިއުލާން ކުރަންޖެހޭނެއެވެ. ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިޚާބުގައި ވޯޓުލުމުގެ ޙައްގު ލިބިފައިވާ މީހުންގެ ތެރެއިން ވޯޓުލާފައިވަނީ 67 އިންސައްތަ މީހުން ކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ވިދާޅުވެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.