ރައްޔިތުން އަގަޔާއި އަތާއި ދިމާނުވާއިރު، ބޮޑުންނަށް މިލިޔަނުން ފައިސާ ދޭކަމަށް ބުނެ އެމްޑީޕީ ޕާލިމަންޓްރީ ގްރޫޕް ލީޑަރު އަލީ އާޒިމްގެ ފާޑުކިޔުން މަންދު ކޮލެޖަށް ބަދަލު ދިނުމުގެ މައްސަަލައަށް އަމާޒުކޮށްފިއެވެ.
މަންދު ކޮލެޖަކީ އެމްޑީޕީގެ ފުރަތަމަ ރައީސް އިބްރާހިމް އިސްމާއީލް (އިބްރާ) ހިންގަވާ ކޮލެޖެކެވެ. މަންދު ކޮލެޖަށް ބަދަލު ދޭން ނިންމި މައްސަލާގައި އާޒިމް ވިދާޅުވީ ނިކަމެތި ރައްޔިތުން ތިބީ ވަރަށް ހާލުގައި ކަމަށެވެ. ނަމަވެސް ބޮޑުނަނަށް މިލިޔަނުން ފައިސާ ދެވޭކަމީ މިއަދު އޮތް އެންމެ ހިތާމަވެތި ކަންތައްކަމުގައެވެ.
ރައްޔިތު މީހާ އަނގަޔާއި އަތާއި ދިމާނުވޭ. ބޮޑުންނަށް މިލިޔަނުން ފައިސާ.
– އާޒިމް ވިދާޅުވިއެވެ.
ސިވިލް ކޯޓުގެ ޑިސްޕިއުޓް ރިޒޮލިއުޝަން މަރުހަލާ ނުވަތަ ޝަރީއަތަށް މައްސަލަ ނުގެންގޮސް ހައްލުކުރާ މަރުހަލާގެ ތެރެއިން މިއަދު މިމައްސަލަ ހައްލުކޮށް އެއްބަސްވުމަކަށް އައީ ދައުލަތުގެ ވަކީލުންނާއި މަންދު ކޮލެޖު ހިންގާ މާލެ ހައި ޕްރައިވެޓް ލިމިޓެޑްގެ ވަކީލުން ސިވިލް ކޯޓުގައި ބައްދަލުކުރެއްވުމަށްފަހުއެވެ.
މަންދު ކޮލެޖުން ބަދަލު ހޯދަން ދައުވާ ކުރީ ކުރިން މާލެ އިންގްލިޝަން ސްކޫލު (އެމްއީއެސް) ހިންގި އިމާރާތުގައި އެ ކޮލެޖު ހިންގަމުން ދަނިކޮށް އެތަނުން އެ ކޮލެޖު ބޭރުކޮށްލި މައްސަލާގައި ލިބުނު ގެއްލުމުގެ ބަދަލު ނަގަން ދައުވާ ކުރެވޭނެ ކަމަށް ސުޕްރީމް ކޯޓުން ހުކުމްކުރުމާ ގުޅިގެންނެވެ.
މަންދު ކޮލެޖުން އެދުނީ ގެއްލުމުގެ ބަދަލުގެ ގޮތުގައި 18 މިލިއަން ރުފިޔާ ނަގައިދިނުމަށެވެ. ނަމަވެސް ދައުލަތުން ހުށަހެޅީ ބަދަލުގެ ގޮތުގައި އެއް ފަހަރާ 15 މިލިއަން ރުފިޔާ ދިނުމަށާއި އެ ފައިސާ އެއްމަސް ދުވަހުގެ ތެރޭގައި ދެއްކުމަށެވެ. މާލެ ހައި ޕްރައިވެޓް ލިމިޓެޑުން ވަނީ ދައުލަތުގެ ހުށަހެޅުން ބަލައިގަނެ މައްސަލަ ނިންމަން އެއްބަސްވެފައެވެ.
ކޮމެންޓު ފޮނުވާ