މިދިޔަ ހުކުރު ދުވަހު މާލޭ މަގުމަތިން އަންހެނަކު ޖަހައިގަނެ، އޭނާ ގަދަކަމުން ގެއަކަށް ވައްދައި ރޭޕް ކުރަން އުޅުނު މީހުންނަށް ޤާނޫނާއި، އިސްލާމީ ޝަރީއަތުގައި ކަނޑައަޅާފައިވާ އެންމެ މަތީ އަދަބު ދޭންޖެހޭކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރ ޑރ.މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.
މިދިޔަ ހުކުރު ދުވަހުގެ ރޭ 8:20 ހާއިރު ލެމަން ގްރާސް ރެސްޓޯރެންޓް ހުންނަ މަގުގައި ހިނގައިދިޔަ އެ ހާދިސާގެ ވީޑިއޯއިން ފެނިގެން ދަނީ ފިރިހެނަކު އެ އަންހެން މީހާ އަތުގައި ހިފާ ދަމާފައި ގެންދަން މަސައްކަތް ކުރާ މަންޒަރެވެ. އެ ވަގުތު އެ އަންހެން މީހާ ގަދަ ދައްކަމުން ދެއެވެ. އަދި އެ މީހުންގެ ފަހަތުން އިތުރު މީހަކު ހިނގާފައި ދާ މަންޒަރު ފެނެއެވެ.
މިހާދިސާއާއި ގުޅިގެން ފުލުހުން ވަނީ އެދެމީހުން ހައްޔަރުކޮށް، އެމީހުންގެ ބަންދުގެ މުއްދަތުވެސް ޖަހާފައެވެ. މިހާދިސާއާއި ގުޅިގެން ޑރ.ޝަހީމް ވިދާޅުވީ ރާއްޖޭގެ އިސްލާމީ މުޖުތަމައުގައި ހިނގައިގެން ނުވާނެފަދަ އަދި ކޮށްގެން ނުވާނެފަދަ އަމަލުތަކެއް ހިންގުމަކީ ދިވެހި މުޖުތަމައު ބަލައި ގަންނަ ކަމެއް ނޫންކަމަށެވެ. މިއަމަލު ހިންގި މީހުންނަށް އެންމެ ހަރުކަށި އަދަބު ކަނޑައަޅައި، އެ އަންހެން ކުއްޖާއަށް އިންސާފު ހޯދައި ދޭންޖެހޭކަމަށް ޑރ.ޝަހީމް ވިދާޅުވިއެވެ.
ދަމާ ކޫއްތާފަ އަނިޔާކޮށް އަންހެން ކުއްޖެއް ގެންގޮސް ރޭޕް ކުރަން، ޖިންސީ ގޯނާ ކުރުމަކީ މިފަދަ މުޖުތަމައެއްގައި ހިނގައިގެން ވާނެ ކަމެއްނޫން. އެ ޖަރީމާ ހިންގި ފަރާތްތަކަށް އިސްލާމް ދީނާއި، ޤާނުނުގައިވާ އެންމެ މަތީ އަދަބު ދިނުމަށް ގޮވާލަން. އެ އަންހެން ކުއްޖާއަށް އިންސާފު ހޯދައިދޭންޖެހޭ.
– ޑރ.ޝަހީމް ވިދާޅުވިއެވެ.
އެ މައްސަލައިގައި، މާރާމާރީ އާއި މީހަކު ވަގަށް ނެގުމާއި ރޭޕް ކުރުމުގެ ތުހުމަތުގައި ފުލުހުން ހައްޔަރު ކޮށްފައި ވަނީ ހދ. ނޭކުރަންދޫ، ވިނަރެސް، އާދަމް ވިޝާން، 18، އާއި ހދ. ވައިކަރަދޫ، މިލާފަރު، އަލީ ރަޝީދު، 23، އެވެ. އެނގިފައިވާ ގޮތުގައި އަލީ ރަޝީދާއި ވިޝާނަކީ ކުށްކުރުމުގެ މާހައުލަކުން ބޮޑުވެފައިވާ އާއިލީ ގުޅުން އޮންނަ ދެ މީހުންނެވެ. ވައްކަމުގެ ގިނަ މައްސަލަތަކެއްގައި އެ ދެ މީހުން ބައިވެރިވެފައިވާކަން އެނގިފައިވެ އެވެ.
ކޮމެންޓު ފޮނުވާ