މިިދިޔަ އަހަރުގެ ފުރަތަމަ ހަތަރު މަހާ އަޅާ ބަލާއިރު މިއަހަރުގެ އެ މުއްދަތުގައި ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު މަދުވެފައިވާކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބު ތަކުން ދައްކައިފިއެވެ.
މިއަހަރުގެ ޖަނަވަރީ މަހު ރާއްޖެ އައިސްފައިވަނީ 92،103 ފަތުރުވެރިންނެވެ. ފެބްރުއަރީ މަހު 96،882 ފަތުރުވެރިން ރާއްޖެ އައިއިރު މާރޗް މަހު 1 ލައްކައަށްވުރެ ގިނަ ފަތުރުވެރިން ވަނީ ރާއްޖެ އައިސްފައެވެ. މާރޗް މަހު ރާއްޖެއައި ޖުމްލަ ފަތުރުވެރިންގެ އަދަދަކީ 109،585 ފަތުރުވެރިންނެވެ.
މިދިޔަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެން އެޕްރީލް މަހުގެ ނިޔަަލަށް 382,762 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވާއިރު މިއަހަރުގެ އެ މުއްދަތުގައި ރާއްޖެއަށް ޒިޔާރަތްކޮށްފައިވަނީ 362,775 ފަތުރުވެރިން ނެވެ. މިއީ ކުރީ އަހަރަށްވުރެ 19،987 ފަތުރުވެރިންގެ މަދު އަދަދެކެވެ.
މިމަހުގެ 20 ވަނަ ދުވަހާ ހަމައަށް ޖުމްލަ 64,205 ފަތުރުވެރިން ރާއްޖެ ޒިޔާރަތް ކޮށްފައި ވާއިރު، އެއީ އެވެރޭޖްކޮށް ދުވަލެއްގެ މައްޗަށް 3,210 ފަތުރުވެރީންނެވެ. މިއަދަދަށް ބަލާ ނަމަ މި މަހުގެ ތެރޭގައި ރާއްޖެ އަންނާނީ 96,300 ފަތުރުވެރިން ޒިޔާރަތްކުރާނެ ކަމަށް ބެލެވެއެވެ.
ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން މިހާރު އަންނަނީ އިންޑިއާއިންނެވެ. އަހަރުގެ މިހާތަނަށް ރާއްޖެ އައި ފަތުރުވެރިންގެ %22.7 އަކީ އިންޑިއާއިން ރާއްޖެ އައި ފަތުރުވެރިންނެވެ. %21.3 އާއިއެކު 2 ވަނައިގައި އުޅެނީ ރަޝިއާއެވެ. އަދި 3 ވަނައަށް ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އައިސްފައިވަނީ ޔޫކްރެއިނުންނެވެ. އެއީ ރާއްޖެއައި ފަތުރުވެރިންގެ %5.6 އެވެ.
ކޯވިޑަށްފަހު ރާއްޖޭގެ ފަތުރުވެރިކަމުގެ 708 ތަނެއް ވަނީ އަލުން ހުޅުވާފައެވެ. މިއާއިއެކު މިހާރު ފަތުރުވެރިންނަށް ޚިދުމަތްދެމުން އަންނަ އެނދުގެ އަދަދަކީ 46،809 ކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކައެވެ.
ކޮމެންޓު ފޮނުވާ