މިސަރުކާރުގެ ރިޔާސީ ކޮމިޝަންތަކަށް އެކަނިވެސް މިހާތަނަށް 12 މިލިއަން ރުފިޔާ!

މިސަރުކާރުގެ ރިޔާސީ ކޮމިޝަންތަކަށް އެކަނިވެސް މިހާތަނަށް 12 މިލިއަން ރުފިޔާ!

Author
މުޙައްމަދު ޖިމީ
22 އޭޕްރިލް 2021 02:28
0

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އުފެއްދެވި ރިޔާސީ ކޮމިޝަންތަކަށް މިހާތަނަށް 12 މިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދުކޮށްފއެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މަޤާމާއި ހަވާލުވެވަޑައިގެނެވުމަށްފަހު 2018 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 18 ގައި ވަނީ މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބަލާ ކޮމިޝަނާއި، ކޮރަޕްޝަނާއި، ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދުމަށް ޚާއްޞަ ކޮމިޝަނެއް އުފައްދަވާފައެވެ. އަދި 2020ގެ ފެބުރުއަރީ 20 ގައި ވަނީ ކުޑަކުދިންނަށް ކުރާ އަނިޔާގެ މައްސަލަތައް ބެލުމަށްވެސް ރިޔާސީ ކޮމިޝަނެއް އުފައްދަވާފައެވެ.

އެ ކޮމިޝަންތަކަށް މިހާތަނަށް 12.6 މިލިއަން ރުފިޔާ ދައުލަތުގެ ބަޖެޓުން ޚަރަދުކޮށްފައިވާއިރު، އެންމެ ގިނައިން ޚަރަދުކޮށްފައިވަނީ ކޮރަޕްޝަންގެ މައްސަލަތައް ބަލާ ކޮމިޝަނަށެވެ. އެ ކޮމިޝަނަށް އެކަނިވެސް 7.7 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވެއެވެ. އޭގެތެރެއިން 6.9 މިލިއަން ރުފިޔާއަކީ އެ ކޮމިޝަންގެ މެންބަރުންގެ މުސާރައާއި އެލަވެންސްއެވެ.

މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަހުގީގްކުރާ ކޮމިޝަނަށް މިހާތަނަށް 4.3 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވާއިރު، އޭގެތެރެއިން 3.8 މިލިއަން ރުފިޔާއަކީ އެކޮމިޝަންގެ މެންބަރުންގެ މުސާރައާއި އެލަވެންސްއެވެ.

ކުޑަކުދިންނަށް ކުރާ އަނިޔާގެ މައްސަލަތައް ބެލުމަށް އުފެއްދެވި ރިޔާސީ ކޮމިޝަނަށް ޚަރަދުކޮށްފައިވަނީ504،124 ރުފިޔާއެވެ. އެ ކޮމިޝަން އުފެއްފެވިތާ އަދި މިވީ 14 މަސްދުވަހެވެ.

ރާއްޖޭގައި މިނިވަން މުއައްސަސާތައް ޤާއިމްކޮށްފައިވަނިކޮށް، މައްސަލަތަް ބެލުމަށް ރިޔާސީ ކޮމިޝަންތައް ސަރުކާރުން އުފެއްދެވުމުން ގިނަ ބަޔެއްގެ ފާޑުކިއުން އަމާޒުވިއެވެ. އަދި ދައުލަތުގެ ބަޖެޓުން މުސާރަ ދޭތޯ އެއިރު މީޑިއާއަތަކުން ސުވާލުކުރުމުން ރައީސް އޮފީހުން ވަނީ މުސާރައިގެ ބަދަލުގައި އެލަވެންސްއެއް ދޭކަމަށް ބުނެފައެވެ.

ރައީސް އުފެއްދެވި ރިޔާސީ ކޮމިޝަންތަކުން މިހާތަނަށް މާބޮޑު ނަތީޖާއެއް ނެރެވިފައިނުވާކަމަށްވެސް ގިނަ ބަޔަކު ބުނަމުންދެއެވެ.

 

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.