ފުރަތަމަ ޑޯޒްގެ ގޮތުގައި ޖެހި ބްރޭންޑްގެ ވެކްސިން ނޫން އެހެން ބްރޭންޑެއްގެ ވެކްސިންއެއް ދެވަނަ ޑޯޒްގެ ގޮތުގައި ދިވެއްސެއްގެ ގަޔަށް ޖެހި މައްސަލައިގެ އިންވެސްޓިގޭޝަން ކުރިއަށްދާކަމަށާއި، މިކަން ހިނގާފައިވަނީ އިހުމާލުންކަމަށް ގަބޫލު ކުރާކަމަށް ހެލްތު އެމެޖެންސީ އޮޕަރޭޝަން ސެންޓަރުން ވިދާޅުވެއްޖެއެވެ.
ހެލްތު އެމެޖެންސީ އޮޕަރޭޝަން ސެންޓަރުގައި ބޭއްވި ނޫސްވެރިންގެ ބައްދަވުމުގައި ވާހަކަ ދައްކަވަމުން އެޗްޕީއޭގެ ޑިރެކްޓަރ އަހުމަދު ނާސިރު ވިދާޅުވީ ފުރަޔަމަ ޑޯޒް ޖެހި ބްރޭންޑްނޫން ބްރޭންޑެއްގެ ވެކްސިން ދެވަނަ ޑޯޒްގައި ޖެހިކަމަށް ބުނާ މައްސަލަ އެޗްޕީއޭއިންވެސް ބަލަމުންދާކަމަށެވެ. އަދި މިކަން ޑަބްލިއު އެޗްއޯއާއި ހިއްސާކޮށް އެކަމުގައި އަމަލު ކުރަމުންދަނީ އެއިދާރާގެ މަޝްވަރާގެވެސް މަތިންކަމަށެވެ.
ނާސިރު ވިދާޅުވީ އެމީހާއަށް ދެން އިތުރު ވެކްސިނެއް ނުދޭނެކަމަށެވެ. އަދި އެމީހާއަށްމިހާރު ކޯވިޑްގެ ދެޑޯޒް ފުރިހަމަ ވެފައިވާކަމަށް ބެލެވޭނެކަމަށެވެ. ނަމަވެސް ދެ ބްރޭންޑެއްގެ ވެކްސިން ދެވުނު މައްސަލަ އެޗްޕީއޭއިން ތަހުގީގް ކުރަމުންދާކަމަށެވެ. އެފަދަކަންކަން ތަކުރާރު ނުވާނޭގޮތަކަށް ކަންކަން އިންތިޒާމު ކުރާނެކަމަށް އޭނާ ވިދާޅުވިއެވެ.
ޑޮކްޓަރުން ކުރިން ބުނަމުން އައީ ރާއްޖޭގައި ދެވަނަ ޑޯޒް ޖަހައިދޭނީ، އެ މީހަކު ފުރަތަމަ ޑޯޒްގެ ގޮތުގައި ޖަހާ ބްރޭންޑްގެ ވެކްސިނުން ކަމަށެވެ. ވެކްސިން ދެމުން އައީ ވެސް އެގޮތަށެވެ. ރާއްޖޭގައި މިހާތަނަށް 285،562 މީހަކަށް ކޮވިޑް ވެކްސިން ދީފައިވެއެވެ.
ކޮމެންޓު ފޮނުވާ