ރައީސް ޔާމީނަށް ދެމުންދަނީ އަނިޔާގެ މައްޗަށް އަނިޔާ: ޣައްސާން

ރައީސް ޔާމީނަށް ދެމުންދަނީ އަނިޔާގެ މައްޗަށް އަނިޔާ: ޣައްސާން

Author
މުޙައްމަދު ޝަޒައިމް
22 އޭޕްރިލް 2021 11:46
0

ރައީސް ޔާމީން ޖަލަށްލުމަށް ކޮށްފައިވާ ހުކުމަކީވެސް ބޭއިންސާފު ހުކުމެއް ކަމަށާއި، އަދި މިބަރަކާތްތެރި ރަމަޞާން މަހު އެމަނިކުފާނު ޖަލުގައި ބަހައްޓައިގެން ދެމުންދާ އަނިޔާތަކަކީ، އަނިޔާގެ މައްޗަށް އަނިޔާވެރިވުން ކަމުގައި ޕީޕީއެމްގެ ނާއިބް ރައީސް މުހައްމަދު ޣައްސާން މައުމޫން ވިދާޅުވެއްޖެއެވެ.

ރައީސް ޔާމީން މިނިވަން ކުރުމަށް ގޮވާލައި އިދިކޮޅު ކޮލިޝަނުން ރޭ ބޭއްވި ސުލްހަވެރި އިހުތުޖާޖުގައި ވާހަކަ ދައްކަވަމުން ޣައްސާން ވިދާޅުވީ ރައީސް ޔާމީނަށް ކޮށްފައިވާ ހުކުމަކީ ނުހައްގު ހުކުމެއްކަން ދިވެހި ރައްޔިތުންނާއި މުޅި ދުނިޔެވެސް ގަބޫލު ކުރާކަމަށެވެ. އަނިޔާވެރި ހުކުމެއްގައި އަނިޔާލިބެމުންދާ މީހަކަށް މި ބަރަކާތްތެރި ރޯދަމަހުގައިވެސް އެއްވެސް އިންސާފެންނެތި ޖަލުގައި ބަހައްޓައިގެން ދެމުންދާ އަނިޔާތަކަކީ ކަނޑައެޅިގެން ޤާނޫނާއި ޚިލާފަށް ދެމުންދާ ނުހައްގު އަނިޔާތަކެއްކަމަށް ޣައްސާން ވިދާޅުވިއެވެ.

ރައީސް ޔާމީންވަނީ ދިވެހިން ދުވަހަކުވެސް ނުދެކޭ ވަރުގެ ތަރައްޤީ ގެނެސްދެއްވާފަ. މި ރޯދަމަހުގެ މަހު އެމަނިކުފާނު ގެއަށް ބަދަލު ނުކޮށް ޖަލުގައި ބެހެއްޓުމަކީ އަނިޔާގެ މައްޗަށް އަނިޔާވެރިވުން.

– ޣައްސާން ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ރައީސް ޔާމީން ޖަލަށްލާފައިވަނީ ރަނގަޅަށް ކަމަށް ސަރުކާރުން ދެކުނަސް އެކަން ޤަބޫލުކުރާނެ ރައްޔިތުން ނެތްކަމަށެވެ. އަދި ސަރުކާރަށް އެމަނިކުފާނު މިނިވަން ކުރެވެންނެތްނަމަ މިރޯދަ މަހުގެ ބާކީ އޮތް ދުވަސްތަކުގައިވެސް އެމަނިކުފާނު ގެކޮޅަށް އާއިލާކައިރިއަށް ބަދަލުކޮށް ދެއްވުމަށް ޣައްސާން ވަނީ ސަރުކާރަށް އިލްތިމާސް ކުރައްވާފައެވެ.

ޣައްސާން ވިދާޅުވީ ރައީސް ޔާމީން މިނިވަން ކުރުމަށް އިދިކޮޅު ކޯލިޝަނުން ކުރާ މަަސައްކަތަކީ ހަމައެކަނި އެމަނިކުފާނު ޖަލުން މިނިވަން ކުރުމަށް ކުރެވޭ މަސައްކަތެއް ނޫންކަމަށެވެ. މިމައްސައްކަތަކީ އެމަނިކުފާނު މިނިވަންކޮށް 2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު އެމަނިކުފާނަށް ކާމިޔާބު ކުރުމަށް ކުރެވޭ ބުރަ މަސައްކަތެއްކަމަށެވެ. އަދި ދިވެހި އެތަކެއް ރައްޔިތުން އެމަނިކުފާނުގެ ޚިދުމަތަށް އެދިއެދި ތިބިކަމީ ނިމިދިޔަ ކައުންސިލް އިންތިޚާބުގެ ނަތީޖާއިވެސް ސާފުވާ ކަމެއްކަމަށް ޣައްސާން ވިދާޅުވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.