ޒިކުރާ މިސްކިތް ހުރި ބިމުގައި ހެދި ވަގުތީ މިސްކިތް އަންނަ ހުކުރު ދުވަހު ހުޅުވުމަށް މަސައްކަތް ކުރަމުންދާކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވެއްޖެއެވެ.
އިސްލާމިކް މިނިސްޓްރީން ވިދާޅުވީ، މިސްކިތް މިހާރު ހުރީ ތަޅުން އަޅާ ހިޔާކޮށް ނިމިފައިކަމަށެވެ. އަދި އަންނަ ހުކުރު ދުވަހު އެ މިސްކިތުގައި ނަމާދުކުރަން ފެށޭވަރުވާނެކަމަށްވެސް އެ މިނިސްޓްރީން ވިދާޅުވެއެވެ. ޒިކުރާ މިސްކިތް ހުރި ބިމުގައި ވަގުތީ މިސްކިތެއް ޢިމާރާތްކުރުމަށް ބިން ކޮނުމުގެ މަސައްކަތް ކުރިއަށްދަނިކޮށް، އެބިމުން މިނިކަށިތަކެއް ފެނިފައިވެއެވެ. އަދި ވަގުތީ މިސްކިތް އެތަނުގައި ބިނާކުރަމުންދަނީ ކަނޑައެޅިފައިވާ އުޞޫލުތަކާ އެއްގޮތަށް އެތަން ސާފުކުރުމަށްފަހުކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވެފައިވެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ވަނީ ޒިކުރާ މިސްކިތް ހުރި ބިމަށް ޒިޔާރަތްކުރައްވައި އެތަނުގައި ހަދާ ވަގުތީ މިސްކިތުގެ މަސައްކަތް ހިނގަމުންދާގޮތް ބައްލަވާލައްވާފައެވެ. ނައިބު ރައީސްގެ މި ޒިޔާރަތުގައި އެމަނިކުފާނުގެ އަރިހުގައި އިސްލާމިކް މިނިސްޓަރ ޑރ.އަޙްމަދު ޒާހިރާއި، އެމިނިސްޓްރީގެ ބައެއް އިސް އޮފިޝަލުން ބައިވެރިވެވަޑައިގަތެވެ.
ޒިކުރާ މިސްކިތް ހުރި ބިމުގައި އޮފީސް އިމާރާތަކާ އެކު 10 ބުރީގެ މިސްކިތެއް ހަދަން އެސްޖޭ ކޮންސްޓްރަކްޝަން ކުންފުންޏާ ކުރީގެ ސަރުކާރުން ހަވާލުކުރި އެވެ. އެކަމަކު އަހަރެއްވާން ކައިރިވިއިރު ވެެސް އަމަލީ މަސައްކަތް ނުފެށުމުން މި ސަރުކާރުން އެއްބަސްވުން ވަނީ ބާތިލްކޮށްފަ އެވެ.
ކޮމެންޓު ފޮނުވާ