ރައްޔިތުންގެ މަޖުލިހުގެ ރައީސް މުހައްމަދު ނަޝީދު، ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލު ކުރެއްވުމަށް މަސައްކަތް ކުރައްވަނީ، ރައްޔިތުންގެ ވޯޓަކުން %50 އާއި 1 ވޯޓު ނުލިބޭނެކަން ޔަގީން ވާތީ ކަމުގައި، މާމިގިލީ ދާއިރާގެ މެމްބަރު އަދި ޖުމުހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބުރާހިމް ވިދާޅު ވެއްޖެއެވެ.
ގާސިމް އިބުރާހިމް މިހެން ވިދާޅުވެފައި ވަނީ، ބަރުލަމާނީ ނިޒާމަކަށް ރާއްޖޭގެ ވެރިކަމުގެ ނިޒާމު ފުރޮޅާލުމަށް މަޖިލިސް ރައީސް މުހައްމަދު ނަޝީދު ކުރައްވަމުން ގެންދަވާ މަސައްކަތްތަކާ ހިންހަމަ ޖެހިވަޑައިނުގެން، ސަރުކާރުގެ އިސްބޭފުޅުން ތިއްބަވާ ވަޓްސްއަޕް ގުރޫޕަކަށް މިރޭ ކުރެއްވި މެސެޖެއްގައެވެ.
ރާއްޖޭގެ ވެރިކަން ބަރުލަމާނީ ނިޒާމަކަށް ހިންގުން އަންނަ އަހަރު ބަދަލުކޮށް، ބޮޑުވަޒީރަށް ވެވަޑައިގަތުމުގެ ފުރުސަތު ފަހިކޮށްދެއްވުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިޙްގެ އަރިހުގައި އެދިވަޑައިގަތުމާއި ގުޅިގެން، ނަޝީދުގެ މިމަސައްކަތްތަކާ މެދު ގިނަ ބަޔަކު ގެންދަނީ ނުރުހުން ފާޅުކުރަމުންނެވެ.
މީގެ ތެރޭގައި، ސަރުކާރު ނިސްބަތްވާ ކޯލިޝަންގެ ލީޑަރުންނާއި އަދި އެމްޑިޕީއަށް ނިސްބަތްވާ ގިނަ އަދަދެއްގެ މަޖިލިސް މެމްބަރުންވެސް ހިމެނެއެވެ.
ނަޝިދާއި އަދި ރައީސް އިބުރާހިމް މުހައްމަދު ސޯލިހުވެސް އިންނަވާ ވަޓްސްއަޕް ގުރޫޕުގައި ގާސިމް ހިއްސާކުރެއްވި މެސެޖުގައި ވިދާޅުވެފައިވަނީ، ބަރުލަމާނީ ނިޒާމެއް ގެންނަވަން ނަޝީދު މަސައްކަތް ކުރައްވަމުން ގެންދަވަނީ، ވެރިކަމުގެ ހުރިހާ ބާރުތަކެއް މަޖިލިހުގެ ތެރެއަށް ޖަމާކޮށް، ޕްރައިމް މިނިސްޓަރުގެ ނަމުގައި ހުރިހާ ބާރެއް އަތައް މަހާލުމުގެ ބޭނުމުގައި ކަމުގައެވެ.
އަދި ސަރުކާރުން ކުރާ ނުރަގަޅު ކަންކަން ބަލަން އޮންނަ ފަރާތަކީ މަޖިލިސް ކަމަށް ވާއިރު، ބަރުލަމާނީ ނިޒާމެއް ތައާރަފް ކޮށްގެން، ހުރިހާ ބާރެއް މަޖިލިހަށް ޖަމާވުމުން، މަޖިލިހުން ސަރުކާރު ޒިންމާދާރު ކުރާނީ ކިހިނަކުންތޯވެސް ގާސިމް ވަނީ ސުވާލު އުފައްދަވާފައެވެ. ގާސިމް ވިދާޅުވީ ބަރުލަމާނީ ނިޒާމެއްގައި، މަޖިލިހުގަވެސް، އަދި ސަރުކާރުގަވެސް ތިބޭނީ ހައްތަހާވެސް އެމްޕީން ކަމަށާއި، މިގޮތުން މަޖިލިހުގަވެސް ސަރުކާރުގަވެސް ތިބޭނީ އެއްބައެއް ކަމުގައެވެ.
އެހެންކަމުން، ގާސިމް ފާހަގަ ކުރެއްވި ގޮތުގައި، ބަރުލަމާނީ ނިޒާމަކީ، ކާލެވުނު ވަރަކަށް ކާލައިގެން ތިބެން ވަރަށް ރަގަޅު ނިޒާމެއް ކަމުގައެވެ. ގާސިމް ވިދާޅުވީ ރާއްޖޭގައި މިއޮތް ގާނޫނު އަސާސީން ކަޑައަޅާފައި އޮތީ މަސްހުނި ނިޒާމެއް ނޫންކަމަށާއި، ގާނޫނު އަސާސީން ގެނެސްދީފައި އޮތް ރިޔާސީ ނިޒާމަކީ، ރައްޔިތުން ގާތަށް ވެރިކަމުގައި ހުންނަ މީހަކު ގޮސްގެން، އެމީހުންގެ ހާލު އަހުވާލު ބަލަން ޖެހޭ އަދި ވެރިއަކަށް ހުންނަ މީހަކުން ރައްޔިތުން އެދޭ ކަންކަން ކޮށްދޭން މަޖުބޫރު ކުރުވާ ނިޒާމެއް ކަމުގައެވެ.
އަދި ރިޔާސީ ނިޒާމަކީ އެނިޒާމުގައި، މެމްބަރުކަން ބޭނުންފުޅުވާ ބޭފުޅުންވެސް، ދާއިރާއެއްގެ މީހުންގެ ގާތަށްގޮސް، ހާލު އަހުވާލު ބަލާ، އެދޭ ކަންކަން ދާއިރާއަށާއި، ގައުމަށް ކޮށްދިނުމަށް މަސައްކަތް ކުރަން ޖެހޭ ނިޒާމެއް ކަމުގައި ވިދާޅުވަމުން ގާސިމް ފާހަގަ ކުރައްވާފައިވަނީ، ރައްޔިތުން އެދޭ ކަންކަން ނުކޮށްދޭނަމަ، ރިޔާސީ ނިޒާމުގައި ދެން އަންނަ ދައުރެއްގައި ރައްޔިތުން މެމްބަރުންވެސް އަދި ރައީސުލް ޖުމުހޫރިއްޔާވެސް އިންތިޚާބު ނުކުރާނެ ކަމުގައެވެ.
ބަރުލަމާނީ ނިޒާމެއްގައި، ހުރިހާ ވަޒީރުންނަކީވެސް މަޖިލިސް މެމްބަރުން ކަމަށާއި، އަދި މިނޫން މަގާމްތައްވެސް އެ ނިޒާމުގައި މެމްބަރުންނަށް ދެވޭ ކަމަށާއި، ބަރުލަމާނީ ނިޒާމުގައި ބޮޑުވަޒީރުކަމާއި، މިނިސްޓަރު ކަމާއި، ހުރިހާ މުހިންމު މަގާމްތަކެއްވެސް ފުރަން ތިބޭނީ މަޖިލިސް މެމްބަރުން ކަމުގައި ފާހަގަ ކުރައްވަމުން، އެ ނިޒާމުގައި އެހެން ރައްޔިތުންނަށް ހުރި މަގާމްތަކަކީ ކޮބައިތޯވެސް ގާސިމް ވަނީ ސުވާލު ކުރައްވާފައެވެ.
ބަރުލަމާނީ ނިޒާމަކީ އެހާ ޚަރަދު ބޮޑު ނިޒާމެއް ކަން ފާހަގަ ކުރައްވަމުން، އެއީ، ރައީސާއި ބޮޑުވަޒީރަށްވެސް ޚަރަދު ކުރަން ޖެހޭ ނިޒާމެއްކަމުގައި ފާހަހަގަ ކުރައްވާ ގާސިމް ވިދާޅުވެފައިވަނީ، ބަރުލަމާނީ ރާއްޖެއަށް ގެނެވިއްޖެ ނަމަ، ދެން އޮންނާނީ، ރައީސާއި ބޮޑުވަޒީރުގެ ކޯޅުން ކަމުގައެވެ.
ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލު ކުރުމަށް ނަޝީދު އެދިވަޑައި ގަތުމާއި ގުޅިގެން، ނަޝީދު މެސެޖަށް ޖަވާބު ދެއްވަމުން، މިހާރު ޢަމަލަުކުރެވެމުންދާ ވެރިކަމުގެ ނިޒާމަކީ ސީދާ ރައްޔިތުންގެ ވޯޓަުން ޢަމަލުކުރުމަށް ނިންމާފައިވާ ނިޒާމަކަށްވާތީ، މިކަމަށް ބަދަލެއް ގެނެވޭނީ ޢާންމު ރައްޔިތުންގެ ވޯޓަކުންކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވަނީ ވިދާޅުވެފައެވެ.
ކޮމެންޓު ފޮނުވާ