މިސްރުގެ ޤަލްޔޫބިއާ އަވަށުގައި، ދުއްވަމުން ދިޔަ ރޭލެއް ދަގަޑުން ކައްސާލައިގެން ގޮސް، އެކްސިޑެންޓްވެ މަދުވެގެން 32 މީހަކު މަރުވެ، 109 މީހަކު ޒަޚަމް ވެއްޖެއެެވެ.
މަންޒަރު ދުށް މީހުންނާ ހަވާލާތީ ބައެއް މީޑިއާތަކުން ރިޕޯޓު ކޮށްފައިވާ ގޮތުގައި، ބާރު ސްޕީޑުގައި ދަތުރުކުރަމުން ދިޔަ ރޭލު ދަގަޑުން ކައްސާލައިގެން ގޮސް އޮތް ފުށުން އަނެއް ފުށަށްޖެހި، ރޭލުގެ ދަށުގައި އެތައްބަޔަކު ތާށިވެފައިވެސް ވެއެވެ.
މިސްރުގެ ޕަބްލިކް ޕްރޮސެކިއުޓަރއިން މަޢުލުމާތު ދީފައިވާ ގޮތުގައި، މިހާދިސާއާއި ގުޅޭ ތަހުގީގު މިހާރުދަނީ ފެށިގެން ކުރިޔަށެވެ.
ޤަލްޔޫބިއާ އަވަށުގެ ގަވަރުނަރު މީޑިއާތަކަށް މައުލުމާތު ދެމުން ވިދާޅުވެފައިވަނީ، އަށް ކޮމްޕާޓްމަންޓުގެ މައްޗަށް އެކުލެވިގެންވާ މި ރޭލު ދަގަޑުން ކައްސާލާފައިވަނީ، ބެންހާ ސިޓީގެ ކައިރިން ދަތުރު ކޮށްފައި ދަނިކޮށެވެ.
އެޖިޕްޝިއަން ޑެއިލީ ޔޯމް7 ނޫހުން ރިޕޯޓު ކޮށްފައިވާ ގޮތުގައި، 949 Cairo-Mansoura ރޭލު ދަގަޑުން ކައްސާލާ އެކްސިޑެންޓް ހިގި ސަރަހައްދުގައި މިހާރު 20 އެމްބިއުލާންސެއް ދަނީ ހަރަކާތްތެރި ވަމުންނެވެ.
ޔޯމް7 ނޫހުން ރިޕޯޓު ކޮށްފައިވާ ގޮތުގައި، މިއީ ފާއިތުވެދިޔަ 1 ހަފްތާގެ ތެރޭގައި، ދުއްވަމުން ދިޔަ ރޭލު ދަގަޑުން ކައްސާލައިގެން ހިގައިދިޔަ ދެވަނަ ހާދިސާއެވެ. މިހަފްތާގައި، މިންޔާ އަލް-ޤަމްހު ނަމަކަށް ކިޔާ ސިޓީގައިވެސް ދުއްވަމުން ދިޔަ ރޭލެއް ދަގަޑުން ކައްސާލައިގެން ހިގި އެކްސިޑެންޓެއްގައި 15 މީހަކަށް ވަނީ އަނިޔާވެފައެވެ.
މިސްރުގައި މިއަދު މިހިގި ރޭލު އެކްސިޑެންޓުގެ ހާދިސާ ހިގާފައި މިވަނީ، ފާއިތުވެދިޔަ މާރޗް މަހުގެ 26 ވަނަ ދުވަހު، އެގައުމުގެ ސިހާގް ޕްރޮވިންސްގައި ދެ ރޭލެއް އެކްސިޑެންޓްވެ 18 މީހަކު މަރުވެފައި ވަނިކޮށެވެ.
ނޯތު އެފްރިކާގެ ގައުމުތަކުގެ ތެރެއިން، އެންމެ ދުވަސްވީ އަދި އެންމެ ބޮޑު ސަރަހައްދަކަށް ފެތުރިފައި އޮންނަ ރޭލު ނެޓްވާރކް އޮންނަނީ މިސްރުގައެވެ. އަދި އެގައުމުގައި ރޭލު އެކްސިޑެންޓް ހިގުމަކީ ވަރަށް އާންމު ކަމެކެވެ.
ރަސްމީ ހިސާބުތަކުން ދައްކާގޮތުގައި، 2017ވަނަ އަހަރު އެކަނިވެސް، މިސްރުގައި 1،793 ރޭލު އެކްސިޑެންޓް ހިގާފައި ވެއެވެ.
2018 ވަނަ އަހަރު، މިރުގެ ދެކުނުގެ ސިޓީއެއް ކަމުގައިވާ އަސްވާނުގައި ދަތުރު ކުރަމުންދިޔަ ރޭލެއް ދަގަޑުން ކައްސާލުމުގެ ސަބަބުން، 6 މީހަކަށް އަނިޔާވުމުގެ ސަބަބުން، ރެއިލްވޭ އޮތޯރިޓީގެ އިސްވެރިޔާ މަގާމުން ދުރު ކުރެވިފައި ވެއެވެ.
ހަމަ އެހަރު، މިސްރުގެ ރައީސް އަބުލް-ފައްތާހު އަލް-ސީސީ ވިދާޅުވެފައިވަނީ، ވީރާނާ ވަމުންދާ ރެއިވޭ ސިސްޓަމުގެ އާބާތުރަ ފިލުވުމަށް ބޭނުންވާ 250 ބިލިޔަން މިސްރުގެ ޕައުންޑް ނުވަތަ 14.1 ބިލިއަން އެމެރިކާ ޑޮލަރު އެގައުމަށް ބޭނުންވާ ކަމުގައެވެ. އަދި މިފައިސާ އަގައުމުގެ މާލިއްޔާގަ ނެތެކަމަށް ސިސީ ވަނީ ވިދާޅުވެފައެވެ.
ސީސީ މިގޮތަށް ވިދާޅުވެފައިވަނީ، ފަސެންޖަރުން އުފުލި ރޭލަކާ މުދާ އުފުލާ ރޭލެއް އެކްސިޑެންޓްވެގެން 12 މީހަކު މަރުވުމާއި ގުޅިގެންނެވެ.
ކޮމެންޓު ފޮނުވާ