ސުވޭލް ކެނަލް ބަންދުވުމުގެ ސަބަބުން ލިބުނު ގެއްލުންތަކަށް 900 މިލިއަން ޑޮލަރުގެ ބޮޑު ބަދަލެއް!

ސުވޭލް ކެނަލް ބަންދުވުމުގެ ސަބަބުން ލިބުނު ގެއްލުންތަކަށް 900 މިލިއަން ޑޮލަރުގެ ބޮޑު ބަދަލެއް!

Author
ހުސެއިން
14 އޭޕްރިލް 2021 01:35
0

ދުނިޔޭގެ އެންމެ ބޮޑު އާގު ބޯޓުތަކުގެ ތެރޭގައި ހިމެނޭ އެވަރ ގްރީން ބޯޓު މިސްރުގެ ސުވޭސް ކެނަލްގައި ހުރަހަށް ވާގޮތަށް ތާށިވެ، އެ ކެނަލް ބަންދުވެ، ލިބުނު ގެއްލުމުގެ ބަދަލެއްގެ ގޮތުން 900 މިލިއަން ޑޮލަރުގެ ބިލެއް ދައްކަންދެން ބޯޓު މިސްރުގެ އިދާރާތަކުން ހިފަހައްޓާފައިވާ ކަމަށް މިސްރުގެ ދައުލަތުގެ މީޑިއާ އަލް އަހުރާމް ނޫހުން އަންގާރަ ދުވަހު ބުނެފިއެވެ.

ޕެނަމާގެ ދިދަ ޖަހައިގެން ދަތުރުކުރި، "އެވަރ ގިވެން" އާގުބޯޓުގެ ވެރި ފަރާތް ކަމުގައިވާ، ޖަޕާނުގެ ޝޮއި ކިސެން ކައިޝާގެ މައްޗަށް، މިބޯޓު ސުވޭސް ކެނަލްގައި ހުރަހަކަށް ތާށިވެ، މުޅި ދުނިޔޭގެ ކަނޑު ދަތުރުގެ ކާގޯއަށް ބުރޫ އަރާ، ލިބިނު ގެއްލުމުގެ ބަދަލެއްގެ ގޮތުން، 900 މިލިއަން ޑޮލަރު ދެއްކުމަށް މިސްރުގެ ކޯޓަކުން ވަނީ އަމުރު ކޮށްފައެވެ.

އަލް އަހުރާމުން ރިޕޯޓު ކޮށްފައިވާ ގޮތުގައި، އެވަރ ގްރީންއިން ދެއްކުމަށް މިސްރުގެ ކޯޓުން އަމުރު ކޮށްފައިވާ ބަދަލުގެ ތެރޭގައި މެއިންޓެނެންސް ފީއާއި އަދި ބޯޓު ފުންކުރުމަށް ހިގި ޚަރަދުވެސް ހިމެނެއެވެ.

މި ބޮޑު އާގު ބޯޓު ސުވޭސް ކެނަލްގައި ހުރަހަށް ވާގޮތަށް ތާށިވެ، މުޅި ދުނިޔޭގެ ތެލާއި އަދި މުދާ އުފުލާ ބޮޑެތި ބޯޓު ފަހަރަށް މި ކޯޒްވޭ ހުރަސްކޮށް ދަތުރު ނުކުރެވި އެތައް ދުވަހެއް ފާއިތުވެގެން ދިޔައެވެ. އަދި މުޅި ދުނިޔޭގެ ކާގޯ ސަޕްލައިއަށް މީގެ އަސަރުކޮށް، މި ބޯޓު ފުންކުރުމަށް ބައިނަލްއަގުވާމީ ފެންވަރުގެ ރެސްކިއު އޮޕަރޭޝަނެއް، ހުއްޓުމެއްނެތި އެތައް ދުވަހެއް ވަންދެން ކުރިޔަށް ގޮސްފައި ވެއެވެ.

އަދި މި ބޯޓު އެންމެ ފަހުން ފުންކުރެވިފައި ވަނީ މާރޗްމަހުގެ 29 ވަނަ ދުވަހުއެވެ. ބޯޓު ފުންކުރުމަށްފަހު، "ސީ ވާތިނެސް" (ކަނޑު ދަތުރުކުރުމަށް އެކަށީގެންވާ ހާލަތުގައި ބޯޓު އޮތްތޯ ޔަގީން ކުރުމަށް ހަދަންޖެހޭ ޓެސްޓުތައް ހަދާ އިންސްޕެންޓް ކުރުމަށް) ގެންދެވިފައިވަނީ ސުވޭސް ކެނަލްގެ ކައިރީގައި އޮންނަ "ގްރޭޓް ބިޓަރ ލޭކް"ގެ ނަންދެވިފައިވާ ކޯރަށެވެ. މި ކޯރުގައި ބަދަރު ކޮށްފައި ބާއްވައިގެން މި ބޯޓު އިތުރަށް ދަތުރު ކުރުމަށް ބޭނުންވާ މަރާމާތުތައްވެސް ކުރުމަށް ވަނީ ހަމަޖެހިފައެވެ.

ބޯޓުގެ ވެރިފަރާތް ކަމުގައިވާ، ޖަޕާނުގެ ޝޮއި ކިސެން ކައިޝާގެ ފަރާތުން ބުނެފައިވަނީ، ބޯޓު ސުވޭސް ކެނަލްގައި ތާށިވެގެން ކުރިމަތިވި ގެއްލުންތަކުގެ ބަދަލު ދިނުމުގެ ކަންތައް ގާނޫނީ ވަކީލުންނާއި އަދި އިންސޫރަންސް ކުންފުނިތައް މެދުވެރިކޮށް ކުރިޔަށް ދާކަމުގައެވެ. އަދި މީޑިޔާތަކަށް އިތުރު މައުލޫމާތު ދިނުމަށް ބޯޓުގެ ވެރިފަރާތުން ވަނީ ދެކޮޅު ހަދާފައެވެ.

އެވަރ ގިވެން އިންސުއަރ ކޮށްފައިވާ ކުންފުނި ކަމުގައިވާ "ޔޫކޭ ކްލަބް"އިން ބުނެފައިވަނީ، ސުވޭސް ކެނަލްގެ މުވައްސަސާތަކުން ހުށަހަޅާފައިވާ 916 މިލިއަން ޑޮލަރުގެ ބަދަލު ހޯދުމުގެ ބިލްގެ އަސާސަކީ ކޮބައިތޯ އެކުންފުނިން ސުވޭސް ކެނަލްގެ އޮތޯރިޓީތަކުން ސާފުކުރުމަށް ހުށަހަޅާފައިވާ ކަމަށެވެ.

ސުވޭސް ކެނަލްގެ އޮތޯރިޓީތަކުން މައުލޫމާތު ދީފައިވާ ގޮތުގައި، ބަދަލް ހޯދުމުގެ މައްސަލަ ހައްލުވަންދެން، މި ބޯޓާއި އަދި ބޯޓުން އުފުލަމުންދާ މުދާތައްވެސް މިހާރުވަނީ ހިފެހެއްޓިފައެވެ.

ފާއިތުވެދިޔަ މާރޗް މަހުގެ 23 ވަނަ ދުވަހު، މިބޯޓު ސުވޭސް ކެނަލްގައި ހުރަހަށް ވާގޮތަށް ތާށިވުމުގެ ސަބުން، މި ކެނަލް ހުރަސްކޮށް ދަތުރު ނުކުރެވި، 400 އާގު ބޯޓެއް ތާށިވާ ގޮތްވިއެވެ. އަދި މިހާދިސާ ހިގަން މެދިވެރިވި ސަބަބެއް މިސްރުގެ ކަމާގުޅޭ މުވައްސަސާތަކުން ދަނީ ތަހުގީގު ކުރަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.