ލިވަޕޫލަށް ކުޅެމުން އަންނަ ޑިފެންޑަރު ވާޖިލް ވެން ޑައިކުގެ ކަކުލަށް ލިބުނު އަނިޔާއާ ގުޅިގެން އޭނާ އޮޕަރޭޝަނެއް ކުރަން ޖެހިފައިވާ ކަމަށް އެ ކުލަބުން ބުނެފިއެވެ.
އިނގިރޭސި ޕްރިމިއާ ލީގުގައި ހޮނިހިރު ދުވަހު އެވަޓަނާ 2-2 އިން ލިވަޕޫލް އެއްވަރުވި މެޗުގެ 11 ވަނަ މިނެޓުގައި ލިބުނު އަނިޔާއަކާ ގުޅިގެން ވެން ޑައިކް ވަނީ ބަދަލުކޮށްފައެވެ. ވެން ޑައިކަށް އަނިޔާވީ އެވަޓަނުގެ ގޯލްކީޕަރު ޖޯޑަން ޕިކްފޯޑް ކުރި ނުރައްކާތެރި ފައުލަކާ ގުޅިގެންނެވެ.
އަނިޔާއިން ރަނގަޅުވުމަށް ވެން ޑައިކް އޮޕަރޭޝަނެއް ކުރާއިރު، ގާތްގަނޑަކަށް ހަތެއް ނުވަތަ އަށް މަހަށް ކުޅުމާ ދުރުގައި އޭނާ ހުންނަން ޖެހިދާނެ ކަމަށްވެސް ވަނީ ރިޕޯޓުކޮށްފައެވެ.
އެވަޓަން މެޗަށްފަހު ލިވަޕޫލުގެ ކޯޗު ޔާގެން ކްލޮޕް ބުނީ މި މެޗުގައި އަނިޔާވުމުގެ ކުރިންވެސް ވެން ޑައިކް ހުރީ އަނިޔާގައި ކަމަށާއި، ފެންނަ ފެނުމަށް ވެން ޑައިކަށް ލިބުނު އަނިޔާ ރަނގަޅު ނޫން ކަމަށެވެ.
ކޯވިޑް-19 އިން ރަނގަޅުވެ ކުޅުނު ފުރަތަމަ މެޗުގައި ތިއާގޯއަށްވެސް އަނިޔާވިއިރު، އޭނާއަށް ދާދި ފަހުންވެސް އަނިޔާއެއް ލިބުނެވެ. މީގެ އިތުރުން ލިވަޕޫލުގެ އިތުބާރު ގޯލްކީޕަރު އެލިސަން ބެކާވެސް ހުރީ އަނިޔާގައި ކުޅުމާ ދުރުގައެވެ.
ޕްރިމިއާ ލީގުގެ އެންމެ ފަހުގެ ޗެމްޕިއަނުން ކަމަށްވާ ލިވަޕޫލުން މިހާތަނަށް ލީގުގައި ކުޅުނު ފަސް މެޗުގެ ތެރެއިން ތިން މެޗުން މޮޅުވެފައިވާއިރު، އެ ޓީމު އޮތީ ތާވަލުގެ ތިންވަނައިގައި 10 ޕޮއިންޓާއެކުއެވެ.