އިންޑިއާގެ ކޮންސަލްޓެންސީ ޓީމުން ޖީއައިއޭގައި މަސައްކަތް ފަށައިފި

އިންޑިއާގެ ކޮންސަލްޓެންސީ ޓީމުން ޖީއައިއޭގައި މަސައްކަތް ފަށައިފި

Author
ޢަލީ އާދަމް
05 އޭޕްރިލް 2021 09:23
0

ގަން އިންޓަރނޭޝަނަލް އެއަރޕޯރޓް ޖީއައިއޭ ތަރައްޤީކުރުމަށް އިންޑިޔަން އެގްޒިމް ބޭންކުގެ ލޯނު އެހީގައި ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވާ މަޝްރޫޢުގެ ކޮންސަލްޓެންސީ މަސައްކަތް އެއާޕޯޓު އޮތޯރިޓީ އޮފް އިންޑިއާގެ ޓީމުން މިއަދު ފަށައިފި އެވެ.

މި މަޝްރޫޢުގެ ކޮންސަލްޓެންޓެއްގެ ގޮތުގައި ޙަރަކާތްތެރިވާ އެއަރޕޯޓްސް އޮތޯރިޓީ އޮފް އިންޑިޔާގެ އޭއޭއައިގެ ޓީމް މިއަދު ޖީއައިއޭއަށް ވަނީ ޒިޔާރަތްކޮށްފަ އެވެ.

މި މަޝްރޫޢުގެ ދަށުން ގަން އިންޓަރނޭޝަނަލް އެއަރޕޯރޓުގައި އާ ޑޮމެސްޓިކް ޓަރމިނަލަކާއި، ކޮންޓްރޯލް ޓަވަރާއި ފަޔަރ ސްޓޭޝަން ޢިމާރާތްކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި މިހާރު ހުރި ޓަރމިނަލް އިންޓަރނޭޝަނަލް ޓަރމިނަލްގެ ގޮތުގައި ތަރައްޤީކޮށް، ޑިއުޓީ ފްރީ ފިހާރަތަކާއި ރެސްޓޯރެންޓްތަކާއި ލައުންޖް ވަޞީލަތްތައް ޤާއިމުކުރެވިގެންދާނެ ކަމަށްވެސް އިކޮނޮމިކް މިނިސްޓްރީން ބުނެއެވެ.

މީގެ އިތުރުން އެއަރޕޯޓަށް ދިޔުމަށް އިތުރު މަގެއް ޤާއިމުކޮށް، ކާގޯ ވަޞީލަތްތައް ތަރައްޤީ ކުރުމަށްވެސް ވަނީ ހަމަޖެހިފައެވެ. އަދި އެއަރޕޯޓަށް ބޭނުންވާ އާލާތްތައް ހޯދުމުގެ އިތުރުން އެއަރޕޯޓުގައި ސޯލާ ޕެނަލް ހަރުކުރުންވެސް ހިމެނިފައި ވާކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެއެވެ.

ގަން އިންޓަރނޭޝަނަލް އެއަރޕޯޓަކީ ރާއްޖޭގެ ދެކުނުގެ މައި ދޮރާށިކަމުގައި ވީހިނދު، އެ އެއަރޕޯޓް ޒަމާނީފެންވަރަށް ތަރައްޤީކޮށް، ޚިދުމަތުގެ ފެންވަރު ރަނގަޅު ކުރުމީ ދެކުނުގެ ތަރައްޤީއަށް ނުހަނު މުހިއްމުކަމެއް ކަމަށްވެސް އިކޮނޮމިކް މިނިސްޓްރީން ވަނީ ބުނެފައެވެ. އެ ސަރަޙައްދުގައި ފަތުރުވެރިކަމާއި މަސްވެރިކަމާއި އެހެނިހެން ސިނާޢަތްތައް ތަރައްޤީކޮށް، ދެކުނުގެ އަތޮޅުތަކުގެ އިޤްތިޞާދު ފުޅާކުރުމަށް އެއަރޕޯޓްގެ ތަރައްޤީގެ މި ޕޮރޮޖެކްޓުން އެހީތެރިވެދޭނެ އެވެ.

މި މަޝްރޫޢުގެ ޢަމަލީ މަސައްކަތް މި އަހަރުގެ ފަހުކޮޅުގައި ފެށޭނެ ކަމަށްވެސް އިކޮނޮމިކް މިނިސްޓްރީން ބުނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.