މިއީ މިހާތަނަށް މެލޭޝިއާއިން އަތުލައިގެންފައިވާ އެންމެ ބޮޑު ޑރަގް ޝިޕްމަންޓް

މެލޭޝިއާ ކަސްޓަމްސްއިން 1.26 ބިލިއަން ޑޮލަރުގެ ޑްރަގްސް އަތުލައިގެންފި

މެލޭޝިއާ ކަސްޓަމްސްއިން 1.26 ބިލިއަން ޑޮލަރުގެ ޑްރަގްސް އަތުލައިގެންފި

މަސްތުވާ މާއްދާއެއް ކަމުގައިވާ އެމްފެޓަމިން އެކުލެވޭ ޑްރަޑެއް ކަމުގައިވާ ކެޕްޓަގަންގެ 94.8 މިލިއަން ގުޅަ އެކުލެވޭ، 1.26 ބިލިއަން ޑޮލަރުގެ އަގުހުރި ޑްރަގް ޝިޕްމަންޓެއް މެލޭޝިއާ ކަސްޓަމުން އަތުލައިގެންފިއެވެ.

މިއީ މިހާތަނަށް އެގައުމުގެ ކަސްޓަމުން އަތުލައިގެންފައިވާ އެންމެ ބޮޑު ޑްރަގް ޝިޕްމަންޓެވެ. އަދި މިޝިޕްމަންޓް މެލޭޝިއާގެ ކަސްޓަމުން އަތުލައިގެންފައި ވަނީ، ސައުދީ އަރަބިއާގެ ޑިރެކްޓަރޭޓް ޖެނެރަލް އޮފް ނާކޮޓިކްސް ކޮންޓްރޯލް އާއި މެލޭޝިއާގެ ފުލުހުންގެ އެހީތެރިކާއެކު ކަމަށް، މެލޭޝިއާގެ މީޑިއާތަކުން މައުލޫމާތު ދީފައި ވެއެވެ.

ގުޅަތަކެއްގެ ގޮތުގައި ޑްރަގްތައް ރައްކާ ކޮށްފައިހުރީ ފުރޮޅުތަކެއްގެ ތެރޭގައި

ރޯޔަލް މެލޭޝިއަން ކަސްޓަމްސް ޑިޕާޓްމަންޓުގެ ޑިރެކްޓަރ ޖެނެރަލް ދަތުކް ސެރި އަބުދުލް ލަތީފް އަބުދުލް ކަދީރު ވިދާޅުވި ގޮތުގައި، މެލޭޝިއާ ކަސްޓަމުން މި އަތުލައިގަތް ޑްރަގް އަތުލައިގަނެވުނީ، ރޯޔަލް މެލޭޝިއަން ކަސްޓަމްސް ޑިޕާޓްމަންޓް، ދަ ރޯޔަލް މެލޭޝިއަން ޕޮލިސް އަދި ދަ ސައުދީ އަރަބިއާގެ އިންޓީރިއަރ މިނިސްޓްރީގެ ޑިރެކްޓޮރޭޓް ޖެނެރަލް އޮފް ނާކޮޓިކްސް ކޮންޓްރޯލް ގުޅިގެން ކުރެވުނު މަސައްކަތުގެ ނަތީޖާއެއްގެ ގޮތުންނެވެ.

އޭނާ އިތުރަށް ވިދާލުވި ގޮތުގައި، 16 ޓަނުގެ ބަރުދަން ހުރި، 3 ކޮންޓެއިނަރުގައި، ފުރޮޅުތަކެއްގެ ތެރެއަށް ލާ ރައްކާ ކޮށްފައިހުރި މި ޑްރަގްސް މެލޭޝިއާގެ ބަދަރަށް އެތެރެ ކޮށްފައިވަނީ، މެދުއިރުމަތީގެ ގައުމަކުންނެވެ.

ޑްރަގްތައް މެލޭޝިއާއަށް އެތެރެ ކޮށްފައިވަނީ 3 ކޮންޓެއިނަރުގައި

ޑިރެކްޓަރ ޖެނެރަލް ވިދާޅުވި ގޮތުގައި، ފުރުތަމަ ތަހުގީގުން ދައްކާ ގޮތުގައި، މި ކޮންޓެއިނަރުތަކުގެ އެންމެ ފަހުގެ މަންޒިލަކީ އިރުމަތީ އޭޝިއާގެ ގައުމެކެވެ.

"އެގިފައިވާ ގޮތުގައި، މިގައުމަށް މި ކޮންޓެރިނަރުތައް އެތެރެ ވުމަށްފަހު، ކޮންޓެއިނަރުތައް އަބުރާ އައި ގައުމަށް އެބުރި ދިއުމުގެ ކުރިން ތިންވަނަ ގައުމަށް ގެންދިއުމަށް ވަނީ ހަމަޖެހިފައި،" އަބުދުލް ކަދީރު ވިދާޅުވި ކަމަށް މެލޭޝިއާގެ ލޯކަލް މީޑިއާތަކުން ރިޕޯޓު ކޮށްފައި ވެއެވެ. އެހެންނަމަވެސް، އެއީ ކޮން ގައުމެއްކަމެއް ކަދީރު ހާމަ ކުރައްވާފައެއް ނުވެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *