ޑެޕިއުޓީ ރޫލާ އޮފް ދުބާއީ، އަދި ޔުނައިޓެޑް އަރަބް އެމިރޭޓްސްގެ ފިނޭންސް މިނިސްޓަރ ޝެއިޚް ހަމްދާން ބިން ރާޝިދު އަލް މަޚުތޫމް އުމުރުން 75 އަހަރު ފުޅުގައި އަވަހާރަ ވެއްޖެއެވެ. އޭނަ އަވަފާރަ ވެފައިވާކަން އިއުލާން ކޮށްފައިވަނީ، ބޭބޭފުޅު، ދުބާއީގެ ވެރިޔާ ޝެއިޚް މުހައްމަދު ބިން ރާޝިދު އަލް މަޚުތޫމްއެވެ.
ޝެއިޚް ހަމްދާންގެ ބޭބޭފުޅުން، ޝެއިޚް މުހައްމަދު ބިން ރާޝިދު އަލް މަޚުތޫމަކީ، އާއިލީގޮތުން ވާރުތަވަމުން އަންނަ ވެރިކަމުގައި ދުބާއީގައި ވެރިކަން ކުރައްވާ، އަދި ޔޫއޭއީގެ ބޮޑު ވަޒީރު އަދި ނާއިބު ރައީސް ވެސްމެއެވެ.
ޔުނައިޓް އެމިރޭޓްސްއިން ޝެއިޚް ހަމްދާން އަވަހާރަވެފައި ވާކަން އިޢުލާން ކުރެއްވިއިރު، އަވަހާރަވި ސަބަބެއް ހާމަ ކޮށްފައެއް ނުވެއެވެ. އެހެންނަމަވެސް، ޝެއިޚް ހަމްދާން އާލާސްކަންފުޅާ އުޅުއްވާތާ މިހާރު ވަނީ އެތައް މަހެއް ވެފައެވެ.
އަދި ފާއިތުވެދިޔަ މަހު އޭނާވަނީ އޮޕްރޭޝަނެއް ކުރެއްވުމަށްޓަކާ ގައުމުން ބޭރަށްވެސް ދަތުރު ކުރައްވާފައި ވާއިރު، އޭނާގެ ބޭބޭފުޅު މުހައްމަދު ވަނީ، އޭނާއަށް އަވަސް ޝިފާއަކަށް އެދި ޓުވީޓުވެސް ކޮށްފައެވެ.
ޔޫއޭއީގެ ކުރީގެ ވެރިޔާ، ޝައިޚް ރާޝިދު ބިން ސައީދު އަލް މަޚުތޫމް އަށް ދެވެނަ އަށް ލިބިވަޑައިގެންނެވި، ޝެއިޚް ހަމްދާން އުފަންވެ ވަޑައިގެންފައިވަނީ، 1949 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 25 ވަނަ ދުވަހުއެވެ.
ޔޫއޭއީ އުފެދިގެން އައުމަށްފަހު 1971 ވަނަ އަހަރު އެންމެ ފުރަތަމަ އުފެދިގެން އައި ކެބިނެޓުގެ ފިނޭންސް މިނިސްޓަރަކަށް އައްޔަން ކުރެވުނު ގޮތަށް އަވަހާރަ ވުމާއި ހަމައަށް އެމަގާމް އަދާ ކުރައްވާފައިވަނީ ޝެއިޚް ހަމްދާންއެވެ. އޭނާ ފިނޭންސް މިނިސްޓަރު ކަމުގައި އޭނާ ވަނީ އެތަކެއް ފޮރިން އިންވެސްޓްމަންޓްތަކެއް ދުބާއީއަށް ގެންނަވާ، އަގައުމުގެ ތެލުގެ މުއްސަދިކަން މެނޭޖުކޮށް އޭނާގެ ބޭބެއާ އެކީ، ދުބާއީ ރީޖަނަލް ފައިނޭންޝަލް ހަބަކަށް ބަދަލު ކުރެއްވުމުގައި މުހިންމު ދައުރެއް އަދާ ކުރައްވާފައެވެ.
ޝެއިޚް ހަމްދާން ދުބާއީގެ ފިނޭންސް މިނިސްޓަރު ކަމުގައި ހުންނެވި ނަމަވެސް، ޔުނައިޓެޑް އަރަބި އެމިރޭޓްސްގައި މިނިސްޓަރ ސްޓޭޓް ފޯރ ފައިނޭންޝަލް އެފެއާޒްގެ މަގާމުގައި އިތުރު ބޭފުޅަކު ހުންނަވައެވެ.