މިދިޔަ މަހުގެ ތެރޭގައި ދެވަނަ ފިރިހެން ދަރިފުޅު ވިހެއި ކަރީނާ ކަޕޫރު ޚާން މާބަނޑުވުމުން އިތުރުވި ބަރުދަން ލުއި ކުރުމުގެ މަސައްކަތް ފަށައިފި އެވެ.
ކަރީނާ އަކީ އަބަދުވެސް ސިއްހަތަށް ބަލައިގެން އުޅޭ ތަރިއެކެވެ.
މިދިޔަ އަހަރު ކަރީނާ ބަނޑުބޮޑުވި ޚަބަރާއި އެކުގައި ކަރީނާގެ ދިރިއުޅުމަށް އަންނަ ބަދަލުތަކުގެ ވާހަކަ ބެލުންތެރިންނާއި ހަމައަށް އަބަދުވެސް ލިބެއެވެ. ފެބުރުވަރީ 12 ވަނަ ދުވަހު ސައިފް އަލީ ޚާނާއި ކަރީނާވަނީ އެދެމީހުންގެ ދެވަނަ ދަރިފުޅަށް މަރުހަބާ ކިޔާފަ އެވެ.
ދަރިފުޅު ވިހެއިތާ މިހާރު މަހެއްވެފައި ވާއިރު ކަރީނާ ބޭނުންވަނީ އޭނާގެ ކުރީގެ ރޫޓީންއަށް ދިރިއުޅުން ބަދަލު ކުރުމަށެވެ. ކަރީނާގެ ކަސްރަތު ރޫޓީނުގެ ބައެއް ހިންޓުތައް އިންސްޓަގްރާމު މެދުވެރިކޮށް ބެލުންތެރިންނާއި ވަނީ ހިއްސާކޮށްފަ އެވެ. އަދި ފޮޓޯއެއް ހިއްސާކުރަމުން ކަރީނާ ބުނެފައިވަނީ "ފުރަތަމަ ދުވަސް: އާ ދިރިއުޅުމަކަށް" މިހެންނެވެ.
ދެހާސް ސޯޅަ ވަނަ އަހަރު ފުރަތަމަ ދަރިފުޅު ތައިމޫރް ވިހާފައި ވެސް އޭނާ ފިލްމީ މަސައްކަތަށް ނުކުތީ ހަށިގަނޑަށް ވަރަށް ބޮޑު ބަދަލެއް ގެނައުމަށް ފަހު އެވެ. އެ ބަދަލު 2018 ގައި ރިލީޒްކުރި ފިލްމު "ވީރޭ ދީ ވެޑިން" އިން ފެނިގެން ގޮސްފައިވެ އެވެ.
ބެލުންތެރިން އެންމެ އިންތިޒާރު ކުރަމުންދަނީ ސައިފް އަދި ކަރީނާގެ ދެވަނަ ދަރިފުޅުގެ ނަން ބެލުންތެރިންނާއި ހިއްސާ ކުރާނެ ދުވަހަކަށެވެ. މަސައްކަތަށް ބަލައިލާއިރު ކަރީނާ ދެން ފެނިގެން ދާނީ އާމިރު ޚާންގެ "ލާލް ސިންގ ޗައްޑާ" މި ފިލްމުންނެވެ.