ތިން މަސްތެރޭގައި ތިމަރަފުށީ ދަނޑުގެ މަސައްކަތް ނިންމުމަށް އަމާޒު ހިފައިފި

ތިން މަސްތެރޭގައި ތިމަރަފުށީ ދަނޑުގެ މަސައްކަތް ނިންމުމަށް އަމާޒު ހިފައިފި

Author
މުޙައްމަދު ޝަޒައިމް
22 މާރޗް 2021 10:54
0

ތިމަރަފުށީގެ ބޮޑު ފުޓުބޮޅަ ދަނޑުގެ މަސައްކަތް ކުރިއަށް އޮތް ތިން މަސްދުވަހުގެ ތެރޭގައި ނިންމުމަށް ވަރަށް ބޮޑަށް މަސައްކަތް ކުރައްވާނެކަމަށް ޔޫތު މިނިސްޓަރ އަހުމަދު މަހުލޫފް ވިދާޅުވެއްޖެއެވެ.

ތިމަރަފުށީ ފުޓުބޯޅަ ދަނޑު ތަރައްޤީކުރުމުގެ ޕްރޮޖެކްޓް ނިމި، ޒުވާނުންނަށް މި ދަނޑުގައި ފުޓުބޯޅަ ކުޅެން ފެށޭނެ ތާރީޚެއް ސާފު ކުރުމަށް ތިމަރަފުށީ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒު ކުރެއްވި ސުވާލަށް ޖަވާބު ދެއްބަމުން މިނިސްޓަރ މަހުލޫފް ވިދާޅުވީ މަސައްކަތް ސީދާ ކަނޑައެޅިގެން ނިމޭނެ ދުވަހެއް ދަންނަވަން ދަތިކަމަށެވެ.

މިނިސްޓަރ ވިދާޅުވީ މަސައްކަތްތައް ލަސްވެގެންދަނީ ކޯވިޑާއި ގުޅިގެން ދިމާވި ގޮންޖެހުންތަކުގެ ސަބަބުންކަމަށެވެ. އަދި މިމަސައްކަތްކުރާ ކޮންޓްރެކްޓަރުން މަސައްކަތް ނިންމުމަށް އިތުރު ތިން މަސް ދުވަހަށް އެދިފައިވާކަމަށެވެ. ކޮންޓެކްޓަރާއި، މަސައްކަތް ނިންމުމަށް އެއްބަސްވެފައިވަނީ ފެބްރުއަރީ މަހަށް ކަމުގައި ވީނަމަވެސް މަސައްކަތް ނުނިމި ލަސްވުމުން އިތުރު މުއްދަތެއް ދީގެންވެސް އަވަހަށް މަސައްކަތް ނިންމުމަކީ އެންމެ ބޮޑު އަމާޒުކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ އަމާޒަކީ ވީހާވެސް އަވަހަކަށް ތިމަރަފުށީ ދަނޑުގައި ކުޅެވޭނެ ގޮތެއް ހެދުންކަމަށެވެ. ތިމަރަފުއްޓަކީ ފުޓުބޯޅައިގެ ބޮޑު އާބަދީއެއް އޮތް ރަށަކަށްވުމުން ދަނޑު ރަނގަޅު ފެންވަރަކަށް ހެދި ކުޅެވޭނެ ގޮތް ވުމަކީ ވަރަށް ބޮޑަށް މަސައްކަތް ކުރައްވާކަމެއްކަމަށެވެ. ދަނޑުގެ މަސައްކަތުގެ އިތުރުން ދަނޑުގެ ވަށައިގެން ވަށާފާރު ރޭނުމަށް މިއަދު ނޫނީ މާދަމާ އިއުލާން ކުރެވޭނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

އަތޮޅު ތެރޭގެ ޒުވާނުންގެ ތެރޭގައި ފުޓުބޯޅަ ދަނޑުތައް ހެދުމަކީ ބޮޑު ޝައުގު ވެރިކަމެއް އޮތް ކަމަކަށްވާއިރު މިސަރުކާރުން ވެރިކަމަށް އައިސް ޒުވާނުން ބޭނުންވާ ގޮތަށް ދަނޑުތައް ހަދައި ދިނުމަށް މަސައްކަތް ކުރައްވަމުންދާކަމަށް މަހުލޫފް ވިދާޅުވިއެވެ. އެގޮތުން މިހާރުވެސް 12 ދަނޑެއްގެ މަސައްކަތް ނިމި، 35 ދަނޑެއްގެ މަސައްކަތް ކުރިއަށް ދާނެކަމަށެވެ. އަދި އަމާޒަކީ މިއަހަރުގެ ތެރޭގައި 30 ދަނޑެއްގެ މަސައްކަތް ނިންމާލުމަކަމަށް މަހުލޫފް ވިދާޅުވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.