މި ފެށޭ ރަމަޞާންމަހު މާލޭގެ މިސްކިތްތަކުގައި ތަރާވީހު ނަމާދު ކުރުން އޮންނާނެ ކަމަށާއި، ނަމާދު ކުރާނީ ގައިދުރުކޮށް ކަމުގައި އިސްލާމިކް މިނިސްޓްރީން ހާމަކޮށްފިއެވެ.
އިސްލާމިކް މިނިސްޓްރީން ކުރި ޓްވީޓެއްގައި ބުނެފައިވަނީ މާލެ ސަރަހައްދުގައި މި ރަމަޞާން މަހު ތަރާވީހު ނަމާދު ކުރަން ހަމަޖެހިފައިވަނީ ގައިދުރުކޮށް ކަމުގައެވެ. މާލެ ސަރަހައްދުގައި ކޯވިޑް-19ގެނުރައްކާބޮޑު ވެފައިވާއިރު، ރޯދަމަަހަށް ވަނީ 19 ދުވަހަށް ވެފައެވެ. ކޯވިޑް-19 އާއި ގުޅިގެން މިދިޔަ އަހަރު ރޯދަމަހު މާލެ ސަރަހައްދުގައި ޖަމާއަތުގައިވެސް ނަމާދު ކުރެވިފައި ނުވެއެވެ. މާލެ ސަރަހައްދު އޮތީ އެދުވަސްވަރު ލޮކްޑައުންގައެވެ.
މި ރަމަޟާންމަހު މާލޭގައި ގައިދުރު ކަމާއި އެކު ތަރާވީޙް ނަމާދުކުރުން އޮންނާނެ#MVIaffairs #Ramadan1442
— Ministry of Islamic Affairs (@MVIaffairs) March 21, 2021
މިނިސްޓްރީން ބުނެފައިވަނީ މިހާރުގެ ހާލަތަށް ބަލާ މިހާރުވެސް މިސްކިތްތަކުގައި ޖަމާއަތުގައި ގައިދުރުކަމާއެކު ނަމާދުކުރަމުން އަންނަ އުޞޫލާ އެއްގޮތަށް ތަރާވީސް ނަމާދު މިފަހަރު ކުރާނެކަމަށެވެ. އަދި ރަށްރަށުގައި މިހާރުވެސް މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދުކުރާ އުޞޫލުން ތަރާވީޚް ނަމާދު ކުރެވޭނެކަމަށެވެ.
މި އަހަރުގެ ރޯދަ މަސް އަންނަ އޭޕްރީލް މަހުގެ 13 ވަނަ ދުވަހު ފެށޭއިރު މި ދުވަސްވަރަކީ ވެސް ކޮވިޑްގެ ހާލަތު ގޯސް ދުވަސްވަރެކެވެ. ގައިދުރުކޮށް ޖަމާއަތުގައި ނަމާދު ކުރުމުގެ ހުއްދަ ދީފައި އޮތް ނަމަވެސް ހާލަތު ގޯސްވެއްޖެނަމަ ޖަމާއަތް ހުއްޓާލަން ޖެހިދާނެ ކަމުގެ ބިރު އެބައޮތެވެ. އިލްމުވެރިންގެ ދެކޮޅު ހެދުން ނައިނަމަ މިހާރު އޮންނާނީ ޖަމާއަތް ހުއްޓާލާފައެވެ.
ކޯވިޑްގެ ކޭސްތައް އިތުރުވާން ފެށުމުން ޖަމާއަތުގައި ގައިދުކޮށް ނަމާދުކުރުމަށް އިސްލާމިކް މިނިސްޓްރީން ވަނީ އިލްތިމާސްކުރައްވާފައެވެ. މިގޮތުން މިސްކިތްތަކުގައި މީހުން ތިބެންޖެހޭ ދުރުމިން ފާހަގަކުރުމަށް ނިޝާންތައްވެސް ވަނީ ޖަހާފައެވެ. ޤައިދުރުކޮށް ޖަމާއަތުގައި ނަމާދުކުރުމުގައި ބައެއް ހިޔާލު ތާފާތުވުންތައް ހުރި ނަމަވެސް މިހާލަތުގައި ގައިދުރުކޮށް ޖަމާޢަތުގައި ނަމާދުކުރުމަކީ ހުއްދަކެމެއްކަމަށް އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހުން ވަނީ ވިދާޅުވެފައެވެ.
ކޮމެންޓު ފޮނުވާ