ނިއުޒިލެންޑުގެ އާންމު އިންތިޚާބުގައި މިއަދު ވޯޓު ލަނީ

ނިއުޒިލެންޑުގެ އާންމު އިންތިޚާބުގައި މިއަދު ވޯޓު ލަނީ

ގުޅުންހުރި

ނިއުޒިލޭންޑުގެ އާންމު އިންތިޚާބުގައި އެގައުމުގެ ރައްޔިތުން މިއަދު ވޯޓުލަމުން އެބަ ގެންދެއެވެ. ސެޕްޓެމްބަރުގައި ފުރަތަމަ ބޭއްވުމަށް ހަމަ ޖެހުނު މި އިންތިޚާބުގެ ވޯޓުލުން ކޯވިޑް ކާރިސާގެ ސަބަބުން އެއް މަހަށް ލަސްވެގެން ދިޔަ ނަމަވެސް، އެގައުމުގެ ކޯވިޑް19 ކާރިސާގެ ހާލަތު މިހާރު ރަގަޅުވެފައި ވުމުގެ ސަބަބުން އިންތިޚާބުގައި ގިނަ އަދަދެއްގެ ބަޔަކު ވޯޓުލާނެކަމަށް ބެލެވެއެވެ.

ވޯޓުލުމުގެ ކުރިން ނެގުނު ޚިޔާލު ހޯދުންތަކުން ދައްކާ ގޮތުގައި މިހާރުގެވެސް ބޮޑުވަޒީރު ޖަކިންޑްރާ އާޑެން އިންތިޚާބު ކާމިޔާބުކޮށް ދެވަނަ ދައުރެއް ކާމިޔާބު ކުރައްވާނެއެވެ. އެކަމަނާއަށް ތާޢީދު ބޮޑުކަމަށް ދައްކަނީ ކޯވިޑް19 ކާރިސާ މެނޭޖުކުރުމުގައި ނިއުޒިލޭންޑުން ހޯދާފައިވާ ކާމިޔާބުގެ ސަބަބުންކަމަށް މަސްރަޙު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ.

ނިއުޒިލޭންޑުގެ މިއަހަރުގެ އާންމު އިންތިޚާބު މިހާރުގެ ބޮޑުވަޒީރުގެ ޕާޓީން ކާމިޔާބު ކުރިނަމަވެސް، އެގައުމުގެ ގާނޫނު ހަދާ މަޖިލީހުގެ މެޖޯރިޓީ ކަށަވަރު ކުރެއްވިދާނެކަމާމެދު އަދިވެސް ބައެއް ފަރާތްތަކުން ސުވާލު އުފައްދައެވެ. ސަބަބަކީ، ޕާލަމެންޓްރީ ނިޒާމެއްކަމުގައިވާ 'މިކްސްޑް މެމްބަރ ޕްރޮޕޮރޝަނަލް ރެޕްރެސެންޓޭޝަން' (MMP) 1996 ވަނަ އަހަރު އެގައުމަށް ތައާރަފްކުރިފަހުން ބޭއްވުނު އެއްވެސް އާންމު އިންތިޚާބެއްގައި އެއްވެސް ޕާޓީއަކަށް ޕާރލަމެންޓުގެ ފުރިހަމަ މެޖޯރިޓީއެއް ހޯދިފައި ނުވާތީއެވެ.

މިއަދުގެ ހެނދުނު 9އިން ހަވީރު 7 އާއި ހަމައަށް ވޯޓުލުން ކުރިޔަށްދާ މިއިންތިޚާބުގައި، އޮކްޓޯބަރ 3އިން ފެށިގެން ދުރާލާ ވޯޓުލުމަށް ހުޅުވާލެވިފައިވާ ފުރުސަތުގައި މިހާތަނަށް އައިއިރު މިލިޔަނެއްހާ މީހުން ވަނީ ވޯޓުލާފައެވެ.

މަސްރަހު ދިރާސާކުރާ ގިނަ ފަރާތްތަކުން ލަފާކުރާ ގޮތުގައި މިހާރުގެ ބޮޑުވަޒީރު އާޑެން މިއިންތިޚާބު ކާމިޔާކުރާނެއެވެ. އަދި އެކަމަނާއަށް މިހާރު އޮތް ތާއީދަށް ބަލާއިރު، ފުރަތަމަ ފަހަރަށް އެކަމަނާގެ ޕާޓީން ޕާލަމެންޓުގެ މެޖޯރިޓީ ހޯއްދެވުންވެސް ވަރަށް ގާތެވެ. އެހެންމަވެސް، ނިއުޒިލޭންޑްގެ އޮކްލޭންޑް ޔުނިވާރސިޓީގެ ޕްރޮފެސަރ ޖެނިފަރ ކާޓެއިން ވިދާޅުވާގޮތުގައި، ފާއިތުވެދިޔަ ތަނުގައިވެސް، އެގައުމުގައި މިގޮތަށް އެއް ލީޑަރަކަށް ޕާލަމެންޓުގެ މެޖޯރިޓީ ހޯއްދެވިދާނެކަމަށް އަންދަޒާކުރެވިފައި ވެއެވެ. އެހެންނަމަވެސް އެ ނަތީޖާއާއި ހަމައަށް އެއްވެސް ލީޑަރަކަށް ދަތުރު ކުރެވިފައެއް ނުވެއެވެ.

މިފަހަރުގެ އިންތިޚާބުގައި، އާޑެން ވަނީ ތިމާވެއްޓާއި ރައްޓެހި ސިޔާސަތުތައް ނިއުޒިލެންޑުގައި ތަންފީޒު ކުރައްވާނެ ކަމަށް ވިދާޅުވެ ގިނަގުނަ ވައުދުތަކެއް ވެވަޑައިގެންފައެވެ. އޭގެ އިތުރުން، އެގައުމުގެ ސްކޫލްތަކަށް އިތުރު އެހީތެރިކަން ފޯރުކޮށްދިނުމާއި އަދި އެގައުމުގައި ދިރިއުޅެމުންދާ މުއްސަދި މަހުޖަނުން ދައްލަތަށް ދައްކާ އިންކަމް ޓެކްސް އިތުރު ކުރައްވާނެ ކަމަށްވެސް އެކަމަނާ ވަނީ ވިދާޅުވެފައެވެ.

މިއިންތިޚާބުގައި މިހާރުގެ ބޮޑުވަޒީރާއި ވާދަކުރައްވަނީ، ސެންޓަރ ރައިޓް ނޭޝަނަލް ޕާޓިއަށް ނިސްބަތްވާ އުމުރުން 61 އަހަރުގެ، ކުރީގެ ލޯޔަރ، ޖުޑީތް ކޯލިންސް އެވެ. މި ޕާޓީން ވަނީ އިތުރު އިންވެސްޓަމަންޓްތައ ގާއިމްކޮށް، ދަރަނިތައް ޚަލާސްކޮށް އަދި ވަގުތީގޮތުން ބައެއް ޓެކްސްތައް ދަށްކުރުމަށް ވައުދުވެފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *