ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވެރިކަން ކުރައްވަމުން ގެންދަވަނީ ދިވެހި ރާއްޖޭގެ ޤާނޫނު އަސާސީއާއި ޙިލާފަށް ކަމަށް ބުނެ، އެމަނިކުފާނު މަގާމުން ދުރުކުރުމަށް ކުރަންޖެހޭ ހުރިހާކަމެއް ކުރުމަށް ގޮވާލާ ގަރާރެއް އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ކައުންސިލަށް ޤަރާރެއް ހުށަހަޅައިފިއެވެ.
މިވަގުތު ކުރިއަށްދާ ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ޖޮއިންޓް ކައުންސިލް ބައްދަލުވުމުގައި ގެންދަނީ މި ޤަރާރަށް ބަހުސް ކުރަމުންނެވެ.
މި ޤަރާރުގައި ބުނެފައިވަނީ އުތުރު ތިލަފަޅު ތަރައްޤީކުރުމަށް އިންޑިއާއާއެކު ވެފައިވާ އެއްބަސްވުންކަމަށްބުނެ ލީކުކޮށްލާފައިވާ އެއްބަސްވުމުގައި ރައްޖޭގެ މިނިވަންކަމާއި އިސްތިޤްލާލު ގެއްލޭފަދަ އެތައްކަމެއް ހިމެނިފައި ވާކަމަށައި، އެފަދަ އެއްބަސްވުމެއް އެކުލަވާލުމުގައި ރައީސުލްޖުމްހޫރިއްޔާގެ ސީދާ ބައިވެރިވުން ހިމެނޭތީ، ޤާނޫނު އަސާސީއާއި ޚިލާފު މިފަދަ އެއްބަސްވުންތައްް އުވާލުމަށާއި، ރައީސުލްޖުމްހޫރިއްޔާ އަޒުލުކުރުމަށް ކުރަންޖެހޭ ހުރިހާކަމެއް ކުރުމަށެވެ.
"ޤާނޫނު އަސާސީގެ 115 ވަނަ މާއްދާއިން ރައީސުލް ޖުމްހޫރިއްޔާއަށް ލިބިދީފައިވާ ބާރުތަކާއި މަސްއޫލިއްޔަތުތައް އަދާނުކުރައްވައި، އެނގިވަޑައިގެން ހުންނަވައި، ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ޤާނޫނުއަސާސީއާއި ޚިލާފުވެ ވަޑައިގެން، ބޭރުގެ މިލިޓަރީ ބާރުތަކަށް، ނުވަތަ ބޭރުގެ ހަތިޔާރުއެޅި ސިފައިންނަށް 60 އަހަރު ރާއްޖޭގެ ފަސްގަނޑުގައި ތިބެވޭގޮތަށް، ގޮތްނެގޭ އެއްބަސްވުންތަކެއް އަވައްޓެރި އިންޑިއާ އާއިއެކު ހަދައި، އެ އެއްބަސްވުންތަކުގެ ސަބަބުން ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތަށް ގެއްލުންވާގޮތަށް އޭގައި އެއްބަސްވެފައިވާކަމަށް ތުހުމަތުކުރެވޭތީ އެ އެއްބަސްވުން ބާޠިލުކުރުމަށާއި، އަދި ރައީސުލް ޖުމްހޫރިއްޔާގެ ފަރުވާކުޑަކަމާއި އިހްމާލުވުން ބޮޑުކަމާއި، ޤާނޫނުއަސާސީއަށް ޙުރުމަތްތެރިކޮށް ނުހިއްތަވާކަމަށް ޤަބޫލުކުރެވޭތީވެ، ރައީސުލް ޖުމްހޫރިއްޔާ މަޤާމުން ދުރުކުރަން ކުރަންޖެހޭ އެއްމެހައި މަސައްކަތްތައް ކުރުމަށް ގޮވާލާ މި ޤަރާރު ޕްރޮގުރެސިވް ކޯލިޝަންގެ ޖޮއިންޓް ކައުންސިލަށް ހުށަހަޅަމެވެ"
– ޕްރޮގްރެސިވް ކޯލިޝަންގެ ގަރާރު
މީގެ އިތުރުން ޤައުމުގެ މިނިވަންކަމާއި އިސްތިޤްލާލަށް އަސަރުކުރާ މިފަދަ އެއްބަސްވުމެއް އެކުލަވާލައި އެކަން ރައްޔިތުންގެ މަޖިލީހަށް މިއަދާހަމައަށް ހުށަހަޅާފައި ނުވާ މައްސަލަވެސް މި ޤަރާރުގައި ވަނީ ފާހަގަކޮށްފައެވެ.
އިއްޔެ ލީކުވެފައިވާ އުުތުރު ތިލަފަޅުގެ އެގްރީމެންޓްގައި ވާގޮތުން، އިންޑިއާ ސިފައިންނަށް އުތުރު ތިލަފަޅުގައި 60 އަހަރު ތިބެވޭނެ ކަމަށެވެ. އަދި އިންޑިއާ ސިފައިން 30 އަހަރު ވަންދެން ރާއްޖޭގައި ބޭތިއްބުމަށް ޝަރުތުކޮށްފައިވާއިރު، އެއްބަސްވުމުގައި ސޮއި ކުރާ ދުވަހުން ފެށިގެން 30 އަހަރު ވަންދެން އެއްބަސްވުން ދެމިއޮންނާނެކަމަށްވެސް ބުނެފައިވެއެވެ. އަދި އެ އެއްބަސްވުމުގެ މުއްދަތު ހަމަވުމުން އަނެއްކާ އިތުރު 30 އަހަރު އިންޑިއާ ސިފައިންނަށް ރާއްޖޭގައި ތިބެވޭ ގޮތައް އެއްބަސްވުމުގައި ބަޔާންކުރެއެވެ. އަދި އެތާތިބޭ ސިފައިންނަށް ހަތިޔާރު ބޭނުންކުރެވޭނެ ކަމަށްވެސް މި އެގްރީމެންޓްގައި ބުނެފައި ވެއެވެ.
އެހެންނަމަވެސް ޑިފެންސް މިނިސްޓރީން އިއްޔެ ނެރުނު ބަޔާނެއްގައި ވަނީ ވަނީ ދިވެހިރާއްޖެއާއި އިންޑިއާ އާދެމެދު ސޮއިކޮށްފައިވާ އެއްބަސްވުމެއް ކަމަށްބުނެ ދައުރުކުރަމުންދާ ލިޔެކިޔުންތަކަކީ ހަޤީޤަތާ ޚިލާފު ދޮގު ލިޔެކިޔުންތަކެއް ކަމަށެވެ.
އަދި ދިވެހި ޤައުމާއި ރައްޔިތުންގެ ސަލާމަތާއި، ދިވެހިރާއްޖޭގެ ސިޔާދަތާއި އިސްތިޤުލާލަށް އުނިކަމެއް އަތުވެދާނޭ އެއްވެސް ކަމަކަށް ދިވެހި އަސްކަރިއްޔާއިން ޖާގަ ނުދޭނެކަމުގެ ފުރިހަމަ ޔަޤީންކަން ޑިފެންސް މިނިސްޓްރީން ވަނީ ޔަގީންކޮށްދީފަ އެވެ.
ކޮމެންޓު ފޮނުވާ