ފައިޒާއާއި ސިނޮފާމް ވެކްސިނަށް ރާއްޖޭގައި ހުއްދަ ދީފި

ފައިޒާއާއި ސިނޮފާމް ވެކްސިނަށް ރާއްޖޭގައި ހުއްދަ ދީފި

Author
މުޙައްމަދު ޖިމީ
15 މާރޗް 2021 01:14
0

ފައިޒާ އަދި ސިނޮފާމް ވެކްސިނަށް ރާއްޖެއިން ހުއްދަ ދިނުމަށް ނިންމައިފިއެވެ.

ރާއްޖެއިން އެދެވެކްސިނަށް ހުއްދަ ދިނުމާއެކު މިހާތަނަށް މިވަނީ ތިން ވެކްސިނަކަށް ހުއްދަ ލިބިފައެވެ. އެއީ ކޮވިޝީލްޑް ވެކްސިނާއި، ފައިސާ ވެކްސިން އަދި ސިނޮފާމް ވެކްސިނެވެ. ސިނޮފާމްގެ 18،000 ޑޯޒް ވެކްސިން މިހާރު ރާއްޖެއަށް ލިބިފައިވާއިރު ފައިޒާގެ ވެކްސިންވަނީ ލިބުމުގެ މަގުމަތީގައެވެ.

އެޗްއީއޯސީގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އެމްއެފްޑީއޭގެ ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލް ޢައިޝަތު މުޙައްމަދު ވިދާޅުވީ ރާއްޖޭގައި ސިނޮފަރމް ވެކްސިން ދިނުމަށް ކަނޑައަޅާފައިވަނީ އުމުރުން 18 އަހަރާއި 60 އަހަރާއި ދެމެދުގެ އުމުރުފުރާގެ މީހުންނަށްކަމަށެވެ. އަދި މިނިންމުންތައް ނިންމާފައިވަނީ މިހާރު ވެކްސިންތަކާއި ގުޅިގެން ހަދާފައިވާ ދިރާސާތަކުގެ މައްޗަށް ބެލުމަށްފަހު ކަމަށް ޢައިޝަތު މުޙައްމަދު ވިދާޅުވިއެވެ.

މިވަގުތު ސިނޮފަރމްގެ 18000 ޑޯޒްގެ ވެކްސިން ރާއްޖެއަށްވަނީ ލިބިފައެވެ. އަދި އިތުރު ދެލައްކަ ވެކްސިން ޑޯޒް ލިބުމުގެ މަގުމަތީގައިވާ ކަމަށް އެޗްއީސޯސީން ވިދާޅުވެއެވެ.

އެޗްއީއޯސީއިން ވިދާޅުވީ ސިނޮފާރމްއަށް ހުއްދަ ދިނުމުގައި ލަސްތަކެއް ވެގެންދިޔައީ ހުއްދަ ދިނުމަށް ބަލަންޖެހޭ ބައެއް މަޢުލޫމާތު ލިބުމުގައި ލަސްތަކެއް ވުމުންކަމަށެވެ. އެހެންނަމަވެސް މިހާރު ވެކްސިންއާއި ގުޅޭ ހުރިހާ މަޢުލޫމާތެއް ލިބި ވެކްސިން ބޭނުންކުރުމަށް ވަނީ ހުއްދަ ދެއްވާފައެވެ. ހުއްދަ ދިން މިވެކްސިންތައް ބޭނުންކުރަން ފަށާނެ ވަކި ތާރީޚެއް އެޗްއީއޯސީން އަދި ހާމައެއް ނުކުރައްވައެވެ. އެޗްއީއޯސީގެ ތަރުޖަމާން ޑރ.ނަޒްލާ ރަފީޤް ވިދާޅުވީ މިހާރު ލިބެމުން އަންނަ ވެކްސިންތައް ބޭނުންކުރުމަށް ރަނގަޅު ޕްލޭންތަކެއް ހެދިފައިވާކަމަށެވެ. އަދި ރާއްޖެއިން މަސައްކަތްކުރަނީ ވެކްސިން ދެވެން ތިބި ހުރިހާ މީހުންނަށްވާ މިންވަރަށް ވެކްސިން ހޯދާ ވެކްސިން ދިނުންކަމަށެވެ.

ރާއްޖޭގައި ފައިޒާ ވެކްސިން ބޭނުންކުރުމުގެ ހުއްދަ މިހާރު ދީފައިވާއިރު މިވެކްސިންވަނީ ރާއްޖެއަށް ލިބުމުގެ މަގުމަތީގައި ކަމަށް އެޗްއީއޯސީއިން ވިދާޅުވެއެވެ. އަދި ފައިޒާ ވެކްސިން ބަހައްޓަންޖެހެނީ ވަކި ޚާއްސަ ފިނިހޫނުމިނެއްގައި ކަމަށްވާތީ ރާއްޖޭގައި ވެކްސިން ރައްކާކުރެވޭނެ އިންތިޒާމު ހަމަޖައްސާފައިވާ ކަމަށް އެޗްއީއޯސީން ވިދާޅުވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.