އެއްވެސް ގައުމެއްގެ ސިފައިންނަށް ރާއްޖޭގައި ގާއިމްވެ ތިބެވޭ ގޮތަށް ހަދާ އެއްބަސްވުމެއް ބަލައެއް ނުގަނެވޭނެކަމަށް ކެންދޫ ދާއިރާގެ މެންބަރު ޢަލީ ޙުސައިން ވިދާޅުވެއްޖެއެވެ. އޭނާ މިހެން ވިދާޅުވީ، އުތުރު ތިލަފަޅު އެއްބަސްވުން ލީކުވުމާއި ގުޅިގެން ދެކެވެމުންދާ ވާހަކަތަކާއި ގުޅިގެންނެވެ.
އިންޑިއާއެކު ރާއްޖެއިން އެކުލަވާލި އުތުރު ތިލަފަޅު އެއްބަސްވުން ބަޔާންކުރާގޮތުން އިންޑިއާ ސިފައިން 30 އަހަރު ވަންދެން ރާއްޖޭގައި ބޭތިއްބުމަށް ޝަރުތުކޮށްފައިވާއިރު، އެއްބަސްވުމުގައި ސޮއި ކުރާ ދުވަހުން ފެށިގެން 30 އަހަރު ވަންދެން އެއްބަސްވުން ދެމިއޮންނާނެކަމަށްވެސް ބުނެފައިވެއެވެ. އަދި އެ އެއްބަސްވުމުގެ މުއްދަތު ހަމަވުމުން އަނެއްކާ އިތުރު 30 އަހަރު އިންޑިއާ ސިފައިންނަށް ރާއްޖޭގައި ތިބެވޭ ގޮތައް އެއްބަސްވުމުގައި ބަޔާންކުރެއެވެ. ނަމަވެސް 30 އަހަރު ފަހުން ދިވެހި ސަރުކާރުން ދެކޮޅު ހަދައިފިނަމަ ނުތިބެވޭނެއެވެ.
މެންބަރު ޢަލީ ޙުސައިން ވަނީ ރާއްޖޭގައި ގާއިމްވެ ތިބެވޭ ގޮތަށް ހަދާ އެއްބަސްވުމެއް ބަލައެއް ނުގަނެވޭނެކަމަށް ވިދާޅުވެ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.
އެއްވެސް ގައުމެއްގެ ސިފައިންނަށް ރާއްޖޭގައި ގާއިމްވެ ތިބެވޭ ގޮތަށް ހަދާ އެއްބަސްވުމެއް ބަލައެއް ނުގަނެވޭނެ.
— Ali Hussain (@AleeVoice) March 15, 2021
މީގެ އިތުރުން މި އެއްބަސްވުމުގެ ދަށުން އުތުރު ތިލަފަޅުގައި ތިބޭ އިންޑިއާ ސިފައިންނަށް ހަތިޔާރު ވެސް ގެންގުޅެވޭނެއެވެ. އަދި އެތނުގައި ކުރާނެ ކަންކަން ނިންމާނީ އިންޑިއާ ސިފައިނާއި ދިވެހި ސިފައިން އެކުވެފައި އުފައްދާފައި އޮންނަ ޖޮއިންޓް ޕްރޮޖެކްޓް މޮނިޓަރިން ކޮމެޓީއަކުންކަމަށާއި، އެތަނުގައި މަސައްކަތެއްކުރުމަށް ކޮންޓެކްޓަރުން ހަމަޖައްސާނީވެސް އިންޑިއާ ސަރުކާރުން ކަމަށް އެއްބަސްވުމުގައި ބަޔާންކުރެއެވެ.
އެމްއެންޑީއެފްގެ ކޯސްޑްގާޑްގެ ބަނދަރަކާއި ސަރވިސް ޑޮކްޔާޑެއް އުތުރު ތިލަފަޅުގައި ތަރައްޤީކުރުމުގެ އެއްބަސްވުމުގައި އިންޑިއާއާއި އެކު ރާއްޖެއިން މި ސަރުކާރުން ސޮއިކޮށްފައިވަނީ އިންޑިއާގެ އެކްސްޓަރނަލް އެފެއާރޒް މިނިސްޓަރ ޑރ.ޖައިސަންކަރު ރާއްޖެއަށް ކުރެއްވި ދަތުރުފުޅުގައެވެ. ރާއްޖޭގެ ފަރާތުން އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ޑިފެންސް މިނިސްޓަރ އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީއެވެ.
ކޮމެންޓު ފޮނުވާ