އަންނަ މަހުގެ 10 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިޚާބުގައި އިދިކޮޅު ޕާޓީތަކަށާއި، ކެންޑިޑޭޓުންނަށް ހަމަހަމަ ކަމާއިއެކު ކެމްޕެއިން ކުރުމުގެ ފުރުސަތު ނުލިބުމާއި، ޕީޕީއެމް އޮފީސް ބަންދު ކުރާ މައްސަލާގައި ކޯޓަށް ދިއުމަށް އިދިކޮޅު ކޯލިޝަނުން ނިންމައިފިއެވެ.
އިދިކޮޅު ކޯލިޝަނަށް އިންތިޚާބުގައި ކެމްޕެއިން ކުރުމަށާއި، އިދާރީ މަސައްކަތް ކުރުމަށް ދިމާވެފައިވާ ގޮންޖެހުންތަކަށް ހައްލު ހޯދުމަށް ތަކުރާރުކޮށް ކަމާއި ގުޅުންހުރި އިދާރާތަކަށް މައްސަލަ ހުށަހަޅައިގެންވެސް ހައްލު ލިބިފައި ނުވާކަމަށް އިދިކޮޅު ކޯލިޝަނުން ވަނީ ބުނެފައެވެ. އިދިކޮޅު ކޯލިޝަނަށް ކެމްޕެއިންގައި ދިމާފައިވާ ދަތިތަކާއި ގުޅިގެން ޚަބަރު އޮންލައިނާއި ވާހަކަ ދައްކަވަމުން ޕީޕީއެމްގެ ސެކެޓްރީ ޖެނެރަލް މުހައްމަދު ތޮލާލް ވިދާޅުވީ ސިޔާސީ ޕާޓީތަކުގެ ބަދަލލުވެރި ފަރާތަކީ އިލެކްޝަން ކޮމިޝަނަށްވާއިރު، ކޮމިޝަނަށް ތަކުރާރުކޮށް ހުރި ކަންބޮޑުވުންތައް ހުށަހެޅުމުންވެސް ހައްލެއް ލިބިފައި ނުވާކަމަށެވެ.
ޕީޕީއެމް ޕީއެންސީއަކީ ކައުންސިލް އިންތިޚާބުގައި އެތައް ސަތޭކަ ކެންޑިޑޭޓުން ވާދަކުރާ ކޯލިޝަކަށްވާއިރު، ޕާޓީ އޮފީސް ތެރެއިން ކެންޑިޑޭޓުންނަށް ފޯރުކޮށްދޭންޖެހޭ އެހީތެރިކަމާއި، އޮބްޒާވަރުންނާއި، މޮނީޓަރުން ހޯދުމަށާއި، ރީ ރަޖިސްޓްރީ ކުރުމަށްވެސް ބޮޑެތި ހުރަސްތަކެއް ސަރުކާރުން ކުރިމަތި ކުރުވަމުންދާކަމަށެވެ.

ކޯވިޑް-19 އާއި ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކުގެ ތެރެއިން ކޮންމެ ދުވަހަކު ހަވީރު 6 ޖަހާއިރު ގެއަށް ވަންނަން ޖެހޭއިރު، ދުވާލު މަސައްކަތް ކޮށްލަން ލިބޭ މަދު މަގުތުތަކުގެ ތެރެއިން ކޮންމެ ދުވަހަކުވެސް ވަކި ގަޑިތަކެއްގައި ޕީޕީއެމް އޮފީހަށް އިދާރީ މުވައްޒިފުންނާއި، ޕާޓީގެ އިސްބޭފުޅުންނަށްވެސް ނުވަދެވޭ ގޮތަށް ބަންދު ކުރާކަމީ މިކަންކަން ކުރުމަށް ދިމާވެފައިވާ ވަރަށް ބޮޑު ގޮންޖެހުންމެއްކަމަށެވެ. މިމައްސަލާގައި އިލެކްޝަނަށް މިކަން ހައްލުކޮށްދޭން އެދުމުންވެސް ބަލަދުވެރި ފަރާތުގެ ހައިސިއްޔަތުން ކޮށްދެއްވި އެއްވެސް ކަމެއްވެސް އަދި މިކަންކަމަށް ޖަވާބެއްވެސް ދެއްވާފައި ނުވާކަމަށެވެ.
އަޅުގަނޑުމެންގެ ކަންބޮޑުވުންތައް ބައިވަރު. ކެމްޕެއިން ކުރުމަށް ހަމަހަމަ ފުރުސަތު ނުލިބޭ. އެމްޑީޕީން މުޅި ރާއްޖޭގައި ޖަގަހަ ހުޅުވުމާއި، ދަތުރު ކުރުމުގައި އަވަދި ނެތި އުޅެނީ، އަޅުގަނޑުމެން މިތިބީ ރަށު ބަންދުވެފަ. ނުވިތާކަށް އޮފީސް ތެރޭގައިވެސް މަސައްކަތް ކުރެވޭނެ މާހައުލެއްނެތް. އޮފީސްވެސް ސަރުކާރުން ބޭނުންވާ ގަޑިއަކު ހުޅުވާ ލައްޕާ ތަނަކަށް ވެފައި މިވަނީ. މިކަންކަން ހައްލު ކުރުމަށް ބަލަދުވެރި ފަރާތުގައި އެދުމުން މިކަމަށް ހައްލެއް ނުލިބުނު. އެހެންކަމުން އަޅުގަނޑުމެން ނިންމާފައިވަނީ މިމައްސަލަތައް ކޯޓަށް ހުށަހަޅަން.
– ތޮލާލް ވިދާޅުވިއެވެ.
ތޮލާލް ވިދާޅުވީ އިންތިޚާބާއި ބެހޭ ޤާނޫނުން ކެމްޕެއިން ކުރުމުގެ ހަމަހަމަ ފުރުސަތު ވަކި މުއްދަތެއްގައި ދިނުމަށް އިލެކްޝަން ކޮމިޝަނަށް ލާޒިމް ވާކަމަށެވެ. ނަމަވެސް އިލެކްޝަނުން އެފުރުސަތު ފަހިކޮށްދެއްވުމަށް ކުރައްވާ މަސައްކަތެއް ނުފެންނަ ކަމަށެވެ. އިލެކްޝަންގެ ބައްދަލުވުންތަކުގައި ކޮމިޝަންގެ މެމްބަރުންނާއި، ސަރުކާރު ނިސްބަތްވާ އެމްޑީޕީގެ އިސް ބޭފުޅުންވެސް އިންތިޚާބަށް ހަމަހަމަ ފުރުސަތު ނެތްކަމަށް ވިދާޅުވެ، އެމްޑީޕީއަށް އެފުރުސަތު މާބޮޑަށް ތަނަވަސް ވެފައިވާކަމަށް ވިދާޅުވެފައިވާކަމަށްވެސް ތޮލާލް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ މިއީ ޤާނޫނީ ގޮތުން އިލެކްޝަން ކޮމިޝަނަށް މަތިކޮށް އިލެކްޝަނުން ޕާޓީތަކަށާއި، ކެންޑިޑޭޓުންނަށް ފަހިކޮށްދޭންޖެހޭ ކަންތައްތަކަށްވާއިރު މިކަންކަމާއި ކޮމިޝަނުން ޒިންމާ އަދާކުރައްވާ ތަނެއް ނުފެންކަމަށެވެ. އަދި މިކަމުގައި ޤާނޫނީ އިމުގެ ތެރެއިން ލިބެންޖެހޭ ރައްކާތެރިކަމާއި، ޤާނޫނީ ބާރުވެރިކަން ހޯދުމަށް ދާންޖެހުނު ކޮންމެ ތާކަށް ދާނެކަމަށް ތޮލާލް ވިދާޅުވިއެވެ.

އަންނަ މަހުގެ 10 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިޚާބުގައި ރަށްރަށަށް ގޮސް ކެމްޕެއިން ކުރުމަށް އެޗްޕީއޭއިން އާންމު ކުރި އުސޫލު ގިނަ ފާޑުކިޔުންތަކާއިއެކު ވަނީ ރޭ ބާތިލްކޮށްފައެވެ. ނަމަވެސް މިހާރު އަމަލު ކުރަމުންދާ އުސޫލުތަކުގެ ތެރެއިން ސަރުކާރުގެ ޕްރޮޖެކްޓްތައް ފެއްޓުމަށާއި، ނިންމުމަށް މިނިސްޓްރީތަކުން ވަޑައިގެން މަޖިލިސް މެމްބަރުންނާއިއެކު ކެމްޕެއިން ގިނަ ހަރަކާތްތަކެއް ދަނީ އަތޮޅު ތެރޭގައިވެސް ކުރިއަށް ގެންދަމުންނެވެ.
ކޮމެންޓު ފޮނުވާ