ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އެންމެންގެ ސަލާމަތާއި ރައްކާތެރިކަމަށް އަޅާފައިވާ ފިޔަވަޅުތަކަށް އިހުތިރާމް ނުކުރާނަމަ ފިޔަވަޅު އެޅުމުގައި ވަކި މީހެއްދެކެ ބިރުން ފަސް ނުޖެހުމަށް ޝައިޚު އަލީ ޒައިދު އެޗްޕީއޭއަށް ގޮވާލައިފިއެވެ.
މާލެ ސަރަހައްދުގައި ކޯވިޑް-19 ގެ ބަލިމަޑުކަން ފެތުރެމުން ދާތީވެ، ފަސް މީހުނަށް ވުރެ ގިނަ މީހުން އެއްނުވާން އެޗްޕީއޭއިން އަންގާފައިވަނިކޮށް އެއަަށް ވުރެ ގިނަ މީހުނާއެކު އެމްޑީޕީގެ އިސް ބޭފުޅުން ހުޅުމާލޭގައި ކެމްޕޭން ހަރަކާތެއް މިއަދު ކުރިއަށް ގެންގޮސްފައިވާއިރު މި ހަރަކާތް ހުއްޓުވުމަށް ފުލުހުންވެސް އަދި ކަމާއިބެހޭ އެހެން ފަރާތަކުންވެސް އެއްވެސް ކަމެއް ކޮށްފައި ނުވެއެވެ. ގިނަބައެއްގެ ފާޑުކިޔުން އަމާޒުވި މި ހަރަކާތާއި ގުޅިގެން ޝައިޚު ޒައިދު ވިދާޅުވީ މިފަދަ ކަންކަމުގެ ސަބަބުން ހާމަވެގެންދަނީ ދެރަ މީހާއަށް ދެރަގޮތް އަދި މޮޅު މީހާއަށް ރަނގަޅުގޮތް ހަދާތަން ކަމަށެވެ.

ކޮންމެ މީހަކު ޤާނޫނާއި ޚިލާފްވީ ނަމަވެސް އެއީ ކޮން ބޭފުޅެއްތޯ އަދި ކޮން ޕާޓީއަކަށް ނިސްބަތްވާ މީހެއްތޯ ބަލަން ނުޖެހޭކަމަށާއި، އެމީހަކާއިމެދު ޤާނޫނީ އިމުގެ ތެރެއިން އަޅަންޖެހޭ ފިޔަވަޅު އަޅަންޖެހޭކަމަށް އަލީ ޒައިދު ވިދާޅުވިއެވެ.
އެޗްޕީއޭ މިއީ ކޮންކަމެއްތޯ؟ މޮޅުމީހާއަށް މޮޅުގޮތް ދެރަ މީހާއަށް ދެރަގޮތްތޯ؟ އެމްޑީޕީއެއްކަމަކު ފަހަތުފަޔަށް ބުރަނުވެ، ޤަވާއިދާއި ޚިލާފުވި ބަޔަކަށް ފިޔަވަޅު އަޅުމަށް ގޮވާލަން! އަދި ވަކި ބޭފުޅެއްދެކެ ބިރުން ނޫޅުމަށްވެސް ގޮވާލަން.
– އަލީ ޒައިދު ވިދާޅުވިއެވެ.
ޝައިޚު ޒައިދު ވިދާޅުވީ ކޯވިޑްގެ ނުރައްކާބޮޑު ގިނަބަޔަކު އެއްވެ މާލޭގައި އިދިކޮޅު ކޯލިޝަނުން ކުރަމުންދާ މުޒާހަރާތައް ހުއްޓުވާ ފަދައިން އެމްޑީޕީން މިއަދު ބޭއްވި ކެމްޕެއިން ހަރަކާތްވެސް ހުއްޓުވެން ޖެހޭކަމަށެވެ. މިފަދަ އުސޫލުން ބޭރު ކަންކަމުން ހަލާކު ވެގެންދަނީ މުޖުތަމައުގެ އިޖުތިމާއީ ފޭރާން ކަމުގައި ޝައިޚު ޒައިދު ވިދާޅުިއެވެ.

އިދިކޮޅު މުޒާހަރާ ހުއްޓުވިގޮތަށް، މި އެއްވުންވެސް ފުލުހުން ހުއްޓުވަންޖެހޭ! މުޖުތަމައުގެ އަފްރާދުންގެ މެދުގައި ހަމަހަމަ ކަން ޤާއިމް ކުރުމަކީ ވާޖިބެއް! ނޫންނަމަ އެކޮށެނީ ފިތުނަ ފަސާދައަށް ވަރަށްބޮޑު މަގެއް! އެހެން ނަހައްދަވާ.
– އަލީ ޒައިދު ވިދާޅުވިއެވެ.
ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވި މި ކެމްޕެއިން ހަރަކާތުގައިި އެންމެ އިސްކޮސް ހުންނެވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދެވެ. ރައީސް ނަޝީދު އިތުރުން މި އިވެންޓުގައި ރައްޔިތުންގެ މަޖިލީހުގެ ގިނަ މެމްބަރުންނާއި، އެމްޑީޕީއަށް ތާއީދުކުރާ ގިނަ ބަޔަކުވެސް ބައިވެރިވެފައިވެއެވެ. މި އިވެންޓު ކުރިއަށް ދިޔައިރު މީހުން ތިބީ ވަރަށް ބޮޑަށް ބޮޑިވެ، އެޗްޕީއޭގެ ގައިޑްލައިނާއި ޚިލާފަށްކަން ފަހަގަކޮށްލެވެއެވެ.
ކޮމެންޓު ފޮނުވާ