ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބަށް އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން ވާންޖެހޭ ތައްޔާރީތައް ވުމަށް އެކަށީގެންވާ މާހައުލެއް ގާއިމްވެފައިނުވާތީ އެކަން ބަލައި ކުރިމަތިވާ ހުރަސްތަކަށް ހައްލެއް ހޯދުމަށް އިދިކޮޅު ޕީޕީއެމްއިން އިލެކްޝަން ކޮމިޝަނަށް ހުށަހަޅައިފިއެވެ.
އިދިކޮޅު ޕީޕީއެމްއިން އިލެކްޝަން ކޮމިޝަނަށް ހުށަހަޅާފައިވަނީ ބުނެފައިވަނީ ލޯކަލް ކައުންސިލް ތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިޚާބުގެ ވޯޓު ނެގުން އަންނަ އޭޕްރީލް މަހުގެ 10 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާއިރު، އިންތިޚާބާއި ގުޅޭ ގޮތުން ކުރަން ޖެހޭ އިދާރީ މަސައްކަތްތަކާއި އަދި އެހެނިހެން ގިނަ މަސައްކަތްތަކަށް ސަރުކާރުން ހުރަސް އަޅަމުން ގެންދާތީ، އެކަން ހުއްޓުވައިދިނުމަށެވެ.
ކޮންމެ ހުކުރު ދުވަހެއްގެ މެންދުރު ފަހު 2:00 އިން ފެށިގެން ރޭގަނޑު ވަރަށް ދަންވަންދެން ފުލުހުން މެދުވެރިކޮށް ޕީޕީއެމްގެ އޮފީހަށް އައިސް ގޮސް އުޅޭ މީހުންނަށް އޮފީހަށް ނުވަދެވޭ ގޮތަށް އޮފީސް ބަންދު ކޮށްފައި ބެހެއްޓުމުން ޕާޓީ އޮފީހުން ކުރަންޖެހޭ ގިނަ މަސައްކަތްތަކަށް ހުރަސް އެޅިފައިވަކަމަށް ޕީޕީއެމްއިން ބުނެއެވެ. އަދި ރީރަޖިސްޓްރޭޝަން ފޯމުތައް ހުށަހެޅުމުގެ މަސައްކަތްތައް ކުރެވެމުން ދިޔައިރުވެސް ސަރުކާރުން ހުރަސް އަޅައި، ކޮންމެ ދުވަހެއްގެ ހަވީރު 4:00 އިން ފެށިގެން ވެސް އޮފީސް ދޮރުމަތީ ފުލުހުން ތިބެ، އޮފީހަށް ގޮސް އައިސް އުޅޭ އެންމެންނާއި ސުވާލުކޮށް ބަލާ ފާސްކޮށް، ހައްޔަރު ކުރަމުން ގެންދާކަންވެސް ފާހަގަކޮށްފައިވެއެވެ.
މިކަން މިމަގުން ކުރާކަން ވަރަށް ފާޅުކަން ބޮޑު ގޮތެއްގައި މީޑިއާތަކުން ހާމަ ކުރަމުން ގެންދާއިރުވެސް، އިލެކްޝަންސް ކޮމިޝަނުން މިކަން ޙައްލު ކުރުމަށް އެއްވެސް ފިޔަވަޅެއް އަޅުއްވައިދެއްވާފައި ނުވާކަން ހިތާމައާއިއެކު ފާހަގަ ކުރަން. މިކަމަކީ މިޕާޓީން އިންތިޚާބާއި ގުޅިގެން ކުރަމުން ގެންދާ އިދާރީ އަދި ޢަމަލީ ހުރިހާ މަސައްކަތަކަށް ހުރަސް އަޅާ، އިންތިޚާބަށް ނުފޫޒު ފޯރުވުމުގެ ޢަމަލެއް ކަމުގައި މިޕާޓީން ދެކެން.
– ޕީޕީއެމް ހުށަހެޅި ޝަކުވާގައި ބުނެފައިވެއެވެ.
އިދިކޮޅު ޕީޕީއެމް ބުނެފައިވަނީ މިކަން އިލެކްޝަންސް ކޮމިޝަންގެ ފަރާތުން ނުހުއްޓުވައިފިނަމަ، މިކަމަކީ ސަރުކާރާއި، ސަރުކާރުގެ ކެންޑިޑޭޓުންނާއި ގުޅިގެން އިލެކްޝަންސް ކޮމިޝަން ގެފަރާތުން އިންތިޚާބަށް ނުފޫޒު ފޮރުވުމުގެ ގޮތުން ހިންގާ ޢަމަލެއް ކަމުގައި ވެގެންދާނެކަމަށެވެ. އެހެންކަމުން ޕީޕީއެމް އޮފީސް ބަންދުކޮށްގެން ސަރުކާރުން އިންތިޚާބަށް ނުފޫޒު ފޯރުވުމުގެ ގޮތުން ހިންގާ ޢަމަލުތައް އިލެކްޝަން ކޮމިޝަނަށް ޤާނޫނު އަސާސީން ލާޒިމު ކުރާ ޒިންމާ މަސްޢޫލިއްޔަތު އަދާ ކުރައްވާ، މިކަން ހުއްޓުވައި ދެއްވުމަށާއި، އިންތިޚާބުގައި ހުރިހާ ޕާޓީއަކަށާއި ކެންޑިޑޭޓުންނަށް ހަމަހަމަ ކަމާ މިނިވަން ކަމާ އެކު މަސައްކަތް ކުރެވޭނެ މާހައުލެއް ޤާއިމުކޮށްދެއްވުން ވަނީ އެދިފައެވެ.
ކޮމެންޓު ފޮނުވާ