މުޒާހަރާ ކުރަން ކަނޑައަޅާފައިވާ އެތައް ގަޑިއިރެއްގެ ކުރިން ޕީޕީއެމްގެ އޮފީސް ސަރަހައްދު ބަންދުކޮށް ފުލުހުން ހުރަސް އަޅަމުންދިޔަ ނަމަވެސް މާލޭގެ ބައެއް މަގުތަކުގައި އިދިކޮޅު ކޯލިޝަނުން މުޒާހަރާ ކުރަން ފަށައިފިއެވެ.
އިކޮޅު ކޯލިޝަނަށް ނިސްބަތްވާ މީހުންދަނީ ޗާންދަނީ މަގު ހަތަރު އަގޮޅި ގުޅުނު ސަރަހައްދުގައާއި، އެނޫންވެސް މާލޭގެ ބައެއް މަގުތަކުގައި މުޒާހަރާ ކުރަމުންނެވެ. މުޒަހަރާގެ ބައިވެރިން ހުއްޓުވުމަށް މިއަދު މާލޭގެ އެކި ސަރަހައްދުތަކުގައި ގިނަ އަދަދެއްގެ ފުލުހުން ހަރަކާތްތެރިވަމުންދާއިރު، މުޒަހަރާ ކުރިއަށް ނުގެންދެވޭނެހެން ފުލުހުން ދަނީ މީހުން ހައްޔަރު ކުރަމުންނެވެ.
އިދިކޮޅު ކޯލިޝަނުން ބުނެފައިވަނީ މުޒާހަރާގެ ތެރެއިން ކައުންސިލް އިންތިޚާބުގައި ވާދަ ކުރާ ޕީޕީއެމްގެ ކެންޑިޑޭޓުންނާއި، އެ ކޯލިޝަންގެ ކައުންސިލް މެމްބަރުންނާއި، ސަޕޯޓަރުންވެސް ހައްޔަރުކޮށްފައިވާކަަމަށެވެ.
މިއަދު ހުކުރު ނަމާދަށްފަހު ބޮޑު ތަކުރުފާނުމަގު ޕީޕީއެމް އޮފީސް ކައިރިއަށް ނުދެވޭނެހެން ބަންދުކޮށް ފުލުހުން ސެކިއުރިޓީ ބަލަހައްޓަމުންދާއިރު، މުޒާހަރާއަށް އެއްވި ބައެއް މީހުން މިހާރުވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. އޭގެ ތެރޭގައި ގިނައީ އަންހެން ބޭފުޅުންނެވެ.
ޕީޕީއެމް އޮފީސް ބަންދުކޮށް ކައުންސިލް ކެމްޕެއިންގެ މަސައްކަތްވެސް ނުކުރެވޭނެހެން ބަންދު ކުރުމުނ އެމައްސަލަ ޕީޕީއެމްއިން ވަނީ އިލެކްޝަން ކޮމިޝަނަށްވެސް ހުށަހަޅާފައެވެ. ޕީޕީއެމްއިން ބުނެފައިވަނީ މިއީ ކައުންސިލް އިންތިޚާބުގެ އިދިކޮޅުގެ މަސައްކަތަށް ހުރަސް އެޅުމަށް ކުރަމުންދާކަމެއްކަމަށެވެ.
ކޮމެންޓު ފޮނުވާ