ބޯހިޔާވަހިކަމުގެ ވައުދު ފުއްދުމަށް، ސަރުކާރުން މަސައްކަތްތަކެއް ކުރަން އެބަޖެހޭ: ރިޒްނާ

ބޯހިޔާވަހިކަމުގެ ވައުދު ފުއްދުމަށް، ސަރުކާރުން މަސައްކަތްތަކެއް ކުރަން އެބަޖެހޭ: ރިޒްނާ

Author
މުޙައްމަދު ޝަޒައިމް
12 މާރޗް 2021 05:19
0

ބޯހިޔާވަހިކަމުގެ ވައުދު ފުއްދުމަށް، ސަރުކާރުން މަސައްކަތްތަކެއް ކުރަން ޖެހޭ ކަމުގައި ހުޅުމާލެ ދާއިރާއަށް ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީގެ ޓިކެޓްގައި ވާދަ ކުރައްވާ ރިޒްނާ ޒަރީރު ވިދާޅުވެއްޖެއެވެ.

ހުޅުމާލޭގައި ރިޒްނާގެ ކެމްޕެއިން އޮފީސް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ރިޒްނާ ވިދާޅުވީ ކޮންމެ ސަރުކާރެއް، ވެރިކަމަށް އަންނައިރު އެ ސަރުކާރެއްގެ އެންމެ ބޮޑު ވައުދަކަށް ވެފައި އޮންނަނީ ރައްޔިތުންނަށް ބޯހިޔާވަހިކަމެއް ހޯދައިދިނުމަށް ކަމަށެވެ. އެނާ ވިދާޅުވީ ހުޅުމާލޭގެ މި ވަގުތު ކޮންޓްރެކްޓާއި އެއް ގޮތައް އެބަކުރިއަށްދާ، 4000 ހައުސިން ޔުނިޓް، އެ ފުލެޓްތައް ހައްޤުވާ ފަރާތްތައް ކަނޑައަޅާ، އެފަރާތްތަކަށް އެފްލެޓްތައް ލިބޭނެ ކަމުގެ ލިޔުން ދިނުމަކީ ކޮންމެހެން މުހިއްމު ކަމެއް ކަމަށް ދެކޭކަމަށެވެ.

ބޯހިޔާވަހިކަމުގެ ތަފާތު ގިނަ މަޝްރޫއުތަކުގައި ސޮއިކުރެވިފައި އެބަހުރި. ހިތާމައަކީ ގިނަ މަޝްރޫޢު ތައް ހުއްޓިފައި ހުރިކަން. އަޅުގަނޑު އެދެނީ މަސައްކަތް ނުފެށި ލަސްވާ އެއްބަސްވުންތައް، އެމް.އޯ.ޔޫ ތައް، އުވާލުމަށްފަހު އެ ބިންތަކުގައި ބޯހިޔާވަހިކަމުގެ އިތުރު އެހެން މަޝްރޫއެއް ފެށުމަށް ސަރުކާރުގެ ވިސްނުން ގެންގުޅުމަށް. އެބިންތައް ބްލޮކްކޮށްފައި ބޭއްވުމުގެ ބަދަލުގައި ރައްޔިތުންނަށް އެތަންތަނުން ބޯހިޔާވަހިކަމެއް ވީހާވެސް އަވަހަކަށް ލިބޭނެ މަގުފަހިކުރަން އެބަޖެހޭ.

– ރިޒްނާ ވިދާޅުވިއެވެ.

ސަރުކާރުގެ އެކްޝަން ޕްލޭންގެ ދަށުން ބޯހިޔާވަހިކަން ފޯރުކޮށް ދިނުމަަށް، ރައްޔިތުންނަށް ވެފައިވާ ވައުދު ފުއްދުމަށް، ސަރުކާރުން މަސައްކަތްތަކެއް ކުރަން އެބަޖެހޭކަމަށް ރިޒުވާ ވަނީ ވިދާޅުވެފައެވެ. އޭނާ ވިދާޅުވީ އެމް.ޑީ.ޕީގެ މި އުންމީދު ހަޤީގަތަކަށް ހެދުމަށް، އިތުރު 10000 ހައުސިން ޔުނިޓްގެ މަސައްކަތް ކުރާނޭ ފަރާތް ހޯދުމަށް ވީހާވެސް އަވަހަށް ޓެންޑަރ އަށް ހުޅުވާލަން ޖެހޭ ކަމަށެވެ.

އެމްޑީޕީގެ މުޅި ސިޔާސީ ހަޔާތް ފެށިގެން އައީވެސް މި ވައުދާއި އެކު. މިއަދުވެސް އެމްޑީޕީން ނިކުމެ، ހުއްޓާނުލާ ދައްކާ އެއް ވާހަކައަކި ބޯހިޔާވެހިކަމުގެ ވާހަކަ. މި މިސްރާބަށް ވާސިލްވެވޭނީ އެމްޑީޕީގެ ކައުންސިލަކާއި އެކީ ސަރުކާރު ހިނގައިގަނެގެން.

– ރިޒްނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ބޯހިޔާވިހިކަމުގެ އިތުރުން ހުޅުމާލޭގެ ރައްޔިތުން އެންމެ ބޮޑަށް ބޭނުންވެފައިވާ އެއް ކަމެއްގެ ގޮތުގައި ފާހަގަކުރެވުނު އެއް ކަމަކީ ވެހިކަލް ރަޖިސްޓްރީ ކުރުމަށް ދިމާވެފައިވާ ހުރަސްތައް ކަމަށެވެ. މިކަމަށް ވީހާވެސް އަވަސް ހައްލެއް ހޯދައި ދިނުމަށްވެސް ރިޒްނާ ވަނީ ސަރުކާރުގެ ކިބައިން އެދިފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.