އޮފީހެއް ހިންގުމުގެ ތަޖުރިބާނެތް މީހަކަށް ޤައުމު ވެރިކަން ހަވާލުކުރީމަ ވާނެއެއްޗެއް މިވަނީ

އޮފީހެއް ހިންގުމުގެ ތަޖުރިބާނެތް މީހަކަށް ޤައުމު ވެރިކަން ހަވާލުކުރީމަ ވާނެއެއްޗެއް މިވަނީ

Author
މުޙައްމަދު ޝަޒައިމް
12 މާރޗް 2021 11:21
0

މިއަދު ރާއްޖެއިން ފެނިގެންދަނީ އަމިއްލަ އޮފީހެއް ހިންގުމުގެ ތަޖުރިބާއެއް ނެތް ބޭފުޅަކަށް ޤައުމުގެ ވެރިކަން ހަވާލު ކުރުމުން ވާނެ އެއްޗެއް ޤައުމަށް ވަމުންދާާ މަންޒަރުކަމަށް އިދިކޮޅު ކޯލިޝަން ހިންގުމާއި ހަވާލުވެ ހުންނެވި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.

އިދިކޮޅު ކޯލިޝަނުން ރަށު ބަންދުގައި ތިބެ ވާޗުއަލްކޮށް ގދ.ގައްދޫގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން އަބްދުއްރަހީމް ވިދާޅުވީ ވެރިކަމަކީ ކޮންމެ ކޮންމެ މީހަކަށް ކުރެވޭނެ ކަމެއް ނޫންކަން މިހާރު ވެރިކަން ކުރައްވާ ބޭފުޅުންގެ އަމަލުތަކުން ހާމަވާނެކަމަށެވެ. ރައީސް ޔާމީންގެ ނިމިދިޔަ ވެރިކަމާއި ގުޅޭގޮތުން ރައީސް ޞާލިހު ވާހަކަ ދައްކަވާއިރު، ރައީސް ޔާމީން މިޤައުމަށް ގެނެސްދެއްވި ތަރައްޤީއާއި، ކުރިއެރުމަކީ މިއިން ޒަމާނަކު މިޤައުމަށް ނުގެނުވޭފަދަ ބޮޑެތި ކުރިއެރުންކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.

މިސަރުކާރުގެ ވިސްނުން ހުރީ ރައީސް ޔާމީން ޖަލުގައި ބާއްވާފައިވައި، ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތާއި، އިސްތިޤުލާލާއި، އިސްލާމީ ވަހުދަތު ވިއްކާލުން ކަމަށާއި، ނަމަވެސް ދިވެހި ރައްޔިތުން އެޖާގަ މިސަރުކާރަށް ނުދޭނެކަމަށެވެ. ރައީސް ޔާމީންގެ ފަސް އަހަރުގެ ވެރިކަން ނިންމާލުމަށްފަހު ދައުލަތުގެ ބޮޑެ ރިޒާވަކާއިއެކު ރައީސް ޞާލިހަށް ވެރިކަން ހަވާލު ކުރެއްވިނަމަވެސް ފެނިގެންދަނީ ވެރިކަން ކުރަންވަން އެގި ވަޑައިނުގެން ވަރަށްނުފަރިތަކޮށް އުޅުއްވާ މަންޒަރުކަމަށެވެ.

އަޅުގަނޑުމެންނަށް މިފެންނަނީ އަމިއްލަ އޮފީހެއް ހިންގުމުގެ ތަޖުރިބާ ނެތް ބޭފުޅަކަށް ވެރިކަން ހަވާލު ކުރުމުން ވާނެ ހަޔެތި ވާތަން. ރައްޔިތަކަށް ހެޔޮ މަންފާއެއް، ހެޔޮގޮތެއް ނުވިތާގައި ޤައުމަށްވެސް ވީ އެއްވެސް ހެވެއްނެތް. ޤައުމު އެއްކޮށް ބަގުރޫޓުވެ ބޭރުގެ ބަޔަކަށް އަޅުވެތިވަމުންދާ މަންޒަރު މިފެންނަނީ. މިއީ ވެރިކަން ކުރާ ގޮތެއްނޫން.

– އަބްދުއްރަހީމް ވިދާޅުވިއެވެ.

އަބްދުއްރަހީމް ވިދާޅުވީ ކައުންސިލް އިންތިޚާބު ކާމިޔާބު ކުރުމަކީ ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތާއި އިސްތިޤުލާލަށްޓަކައި ކޮންމެހެން ކުރަން ޖެހޭ ކަމެއްކަމަށެވެ. ޕީޕީއެމް ޕީއެންސީން ރާއްޖޭގެ އެކި ކަންކޮޅުތަކުގެ ކައުންސިލްތަކަށް ވާދަކުރައްވާ ކޮންމެ ކެންޑިޑޭޓަކީ ޤައުމާއި ރައްޔިތުންގެ ހައްގުގައި ވަކާލާތު ކުރާނެ އިހުލާސްތެރި ދަރިންތަކެއްކަމަށް އޭނާ ވިދާޅުވިއެވެ.

އަދި ނިމިދިޔަ ތަނުގައި ރާއްޖެ ދެކުނު ތަރައްޤީއާއި ކުރިއެރުން އަލުން އިޔާދަ ކުރަން ބޭނުންނަމަ ކައުންސިލް އިންތިޚާބު އިދިކޮޅު ކޯލިޝަނަށް ކާމިޔާބު ކުރުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއްކަމަށް އޭނާ ވިދާޅުވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.