ގައްދޫ ތަރައްޤީގެ ތާރީހު އޮތީ ޕީޕީއެމްއާއި ގުޅިފައި ކަމަށާއި، ދެންވެސް ގައްދޫއަށް ތަރައްޤީ ގެނުވޭނީ ޕީޕީއެމްއަށް ކަމުގައި ގައްދޫ ކައުންސިލްގެ އަންހެން މެމްބަރުކަމަށް ޕީޕީއެމްގެ ޓިކެޓްގައި ވާދަކުރާ ޚަދީޖާ އަހުމަދު އަޒާލް (ހައްޖަ) ބުނެފިއެވެ.
އިދިކޮޅު ކޯލިޝަނުން ރަށު ބަންދުގައި ތިބެ ވާޗުވަލްކޮށް، ގައްދޫގައި ބޭއްވި ޖަލްސާގައި ވަހަކަ ދައްކަވަމުން ހައްޖަ ބުނެފައިވަނީ ގދ.އަތޮޅަކީ ރައީސް ޔާމީންގެ ވެރިކަމުގައި ތަރައްޤީގެ އިންތިލާބި ބަދަލު ތަކެއް ގެނުވި އަތޮޅެއް ކަމަށެވެ. އަތޮޅުގެ ކޮންމެ ރަަށަކަށް ބެލިކަމުގައި ވީނަމަވެސް ރައީސް ޔާމީން ވަނީ ތަރައްޤީގެ ގިނަ މަސައްކަތްތަކެއް ކުރައްވައި އެއްވެސް ރަށެއް ބާކީ ނުކޮށް ހަމަހަމަ ކަމާއިއެކު ތަރައްޤީ ގެނުވާފައިކަމަށެވެ.
ކުރިއަށް އޮތް ކައުންސިލް އިންތިޚާބުގައި ގައްދޫ ކައުންސިލްގެ މެޖޯރިޓީ ޕީޕީއެމްއަށް ހޯދުމަށް މަސައްކަތް ކުރަންޖެހޭ އެންމެ ބޮޑު އެއްސަބަބަކީ ގައްދޫގެ ތަރައްޤީ ކަމުގައި ހައްޖަ ބުނެފައިވެއެވެ. ގައްދޫ ކައުންސިލަށް ވާދަކުރާ ކެންޑިޑޭޓުންނަކީ ގައްދޫއަށް ބޭނުންވާ ތަރައްޤީ ގެނުވޭނެ ގާބިލްކަންހުރި ހަރުދަނާ ޓީމެއްކަމަށް އޭނާ ވަނީ ބުނެފައެވެ.
ގައްދޫގެ ތަަރައްޤީ ހޯދުމަށް އެންމެ ބޮޑަށް ބޭނުންވަނީ ޕީޕީއެމްގެ ކައުންސިލެއް އޮތުން. ޕީޕީއެމްގެ މެޖޯރިޓީ އޮތް ކައުންސިލެއް އޮވެގެންނޫނީ ގައްދޫ ތަރައްޤީ ވެގެން ނުދާނެ. އަޅުގަނޑުމެން މިތިބީ ކައުންސިލަށް އިންތިޚާބު ވުމަށްފަހު ކަމާއިބެހޭ ފަރާތްތަކައި ގުޅިގެން ކުރަންޖެހޭ މަޝްވަރާކޮށް ކުރަންޖެހޭ މަަސައްކަތް ކުރުމަށް ތައްޔާރަށް. މިކަން ކުރެވޭނީ މިފަދަ ކަންކަން ކުރަން އެގޭ މިހާތަނަށްވެސް އެ ނަތީޖާ ނެރެދީފައިވާ މީހުންނަށް.
– ހައްޖަ ބުނެފައިވެއެވެ.
ރައީސް ޔާމީންގެ ވެރިކަމުގައި ގައްދޫއަށް ވަނީ ތަރައްޤީގެ ބޮޑެތި މަޝްރޫޢުތަކެއް ކުރިއަށް ގެންގޮސްފައެވެ. އަދި މިހާރު ގައްދޫ ރައްޔިތުންގެ އޮތް އެންމެ ބޮޑު ޝަކުވާއަކީ، މިހާރުގެ ސަރުކާރުން ގައްދޫގެ ތަރައްޤީއަށް ވެފައިވާ ވައުދުތައް ނުފުއްދި ލަސްތަކެއް ވެގެންދިއުމެވެ.
ކޮމެންޓު ފޮނުވާ