ރައީސް ޔާމީންގެ ސަރުކާރުގެ އެންމެބޮޑު މަސައްކަތަކަށްވީ، އަދާލަތު ޕާޓީ ނެތިކޮށްލުން ކަމުގައި އެޕާޓީގެ ރައީސް އަދި ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.
އޮންލައިންކޮށް ކުރިއަށް ގެންދިޔަ އަދާލަތު ޕާޓީގެ ތިން ވަނަ ކޮންގްރެސް ހުޅުވުމުގެ ގޮތުން ވާހަކަ ދައްކަވަމުން އިމްރާން ވިދާޅުވީ ފާއިތުވީ ފާއިތުވެދިޔަ ދައުރަކީ އަދާލާތު ޕާޓީގެ ހަޔާތުގައި އެންމެބޮޑު ގޮންޖެހުން ކުރިމަތިވި ދައުރު ކަމަށެވެ. އޭރު ރާއްޖޭގައި އޮތް ވެރިކަމަކީ އަދާލަތު ޕާޓީގެ ފުރިހަަމަ ބައިވެރިވުމާއިއެކު އެކުލެވިގެންދިޔަ ވެރިކަމަށް ވީނަމަވެސް އެވެރިކަމުގެ އެންމެ ބޮޑު މަޤުސަދަކަށްވީ އަދާލަތު އޭރުގެ ސަރުކާރުން ބޭރުންކޮށް ޕާޓީ ނެތި ކޮށްލުމަށް ކަމަށް އިމްރާން ވިދާޅުވިއެވެ.

އެގޮތުން އޭރުގެ ވެރިކަމާއި ދެކޮޅަށް ހިންގި އިސްލާހީ ހަރަކާތުގައި އަދާލަތު ޕާޓީން ބައިވެރިވެ ކުރި މަސައްކަތުގެ ތެރޭގައި ޚުދުރު އޭނާވެސް ހައްޔަރުކޮށް ޖަލަށްލައި، އަދާލަތު ޕާޓީގެ ލީޑަރޝިޕް ނިކަމެތިކޮށް ބައިބައި ކޮށްލުމަށް ގިނަ މަސައްކަތްތަކެއް ކުރިކަމަށެވެ. އެގޮޮތުން އޭރުގެ ސަރުކާރުން ސިޔާސީ ޕާޓީތަކުގެ ޤާނޫނަށްވެސް އިސްލާހު ގެނެސް ސިޔާސީ ޕާޓީއެއްގެ ރައީސަކު ޖަލަށްލައި ބަންދުގައިވާނަމަ ޕާޓީގެ ރައީސްކަން ނުކުރެވޭ ގޮތަށް އިސްލާހު ގެނައުމާއި، 10،000 މެމްބަރުން ހަމަނުވާނަމަ ޕާޓ އުވާލުންފަދަ އިސްލާހުތައް ހުށަހަޅާފައި ވާކަމަށެވެ. ނަމަވެސް މިއިން އެއްވެސް ކަމެއްކޮށްގެންވެސް އަދާޕަތު ޕާޓީ އުވާނުލި އޮތީ އަދާލަތު ޕާޓީގެ ޒުވާން ހިތްވަރު ގަދަ ލީޑަރޝިޕާއި އާންމު މެމްބަރުންގެ ބުރަ މަސައްކަތުންކަމަށް އިމްރާން ވިދާޅުވިއެވެ.
އެހާލަތުގައި އެންމެ ބޮޑު ހިތްވަރެއްނެރެ މަސައްކަތް ކުރެއްވީ މިހާރުގެ ރައީސް އޮފީސް މިނިސްޓަރ އަލީ ޒާހިރު ކަމަށް އިމްރާން ވިދާޅުވިއެވެ. އަދި އޭރު ކުރެވުނު މަސައްކަތުން ޤާނޫނީ ގޮތުން އޭރު ފުރިހަމަ ކުރަންބުނި ހުރިހާ ކަމެއް ފުރިހަމަކޮށް ޕާޓީ ފުރިހަމައަށް ހިންގެމުންދާކަމަށެވެ. އިމްރާން ވިދާޅުވީ އަދާލަތު ޕާޓީން އަބަދުވެސް މަސައްކަތް ކުރާނީ ޤައުމާއި ރައްޔިތުންގެ މަސްލަހަތުގައި ކަމަށެވެ. އަދި އޭރުގެ ވެރިކަމާއި ދެކޮޅަށް ކުރެވުނު ކާމިޔާބު މަސައްކަތުން މިއަދު އެކުލަވާލެވުނު ވެރިކަމުގައިވެސް ބޮޑު ހިއްސާއެއް އަދާލަތު ޕާޓީގަައި އޮތްކަމީ އުފާ ކުރައްވާކަމެއްކަމަށް އިމްރާން ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ އަދާލާތު ޕާޓީގެ އަމާޒަކީ ކުރިއަށް އޮތް ތަނުގައިވެސް ޕާޓީގެ ދައުރު އިތުރަށް ފުޅާކޮށް، ހަރުދަނާ މަސައްކަތްތަކެއް ކުރުންކަމަށާއި، އިސްލާމްދީނާއި، ދިވެހިންގެ އަގީދާއާއި ޚިލާފް އެއްވެސް ކަމަކަށް އަދާލަތު ޕާޓީން ތާއީދު ނުކުރާނެކަމަށް އިމްރާން ވިދާޅުވިއެވެ.
ކޮމެންޓު ފޮނުވާ