ޢަދާލަތު ޕާޓީގެ 3 ވަނަ ޤައުމީ މަޖިލިސް، ކޯވިޑްގެ ޙާލަތާހުރެ އޮންލައިންކޮށް ބޭއްވުމަށް އެޕާޓީއިން ނިންމައިފިއެވެ.
ޢަދާލަތު ޕާޓިގެ ޤައުމީ މަޖިލިސް ކުރިން ބާއްވަން ހަމަޖައްސާފައިވަނީ މިމަހުގެ 11 އިން 13 އަށް އެއްތަނަކަށް ޖަމާވެގެންނެވެ. ކޯވިޑުގެ ޙާލަތާހުރެ އޭރުވެސް ހަމަޖެހިފައިވަނީއަތޮޅު ތަކުން ބައިވެރިވާ ބޭފުޅުން އޮންލައިންކޮށް ބައިވެރިވާގޮތަށެވެ. ނަމަވެސް މުޅި ޤައުމީ މަޖިލީސް ވެސް އޮންލައިން ކޮށް ބޭއްވުމަށް ޢަދާލަތު ޕާޓީން ނިންމީ ރާއްޖޭގައި ކޯވިޑުގެ ޙާލަތު އިތުރަށް ގޯސްވެ އެޗްޕީއޭއިން އެޅުއްވި ޚާއްސަ ފިޔަވަޅުތަކަށް އިޙްތިރާމް ކުރުމުގެ ގޮތުންކަމަށް އެޕާޓީން ބުނެއެވެ.
އަލަށް އިންތިޚާބުވި ޢަދާލަތު ޕާޓީގެ ރައީސް އައްޝައިޚް އިމްރާނާއި ނައިބު ރައީސް އަހުމަދު ޝަރީފް ހުވާކުރެއްވުން މިޤައުމީ މަޖިލީހުގައި އޮންނާނެއެވެ. އަދި މި މަޖިލީހުގައި އިތުރު ދެ ނައިބު ރައީސުން އިންތިޚާބު ކުރުން އޮންނާނެކަމަށްވެސް އެޕާޓީން ބުނެއެވެ. މީގެއިތުރުން މަޝްވަރާ މަޖިލީހުގެ އިންތިޚާބާއި ދާއިމީ ކޮމެޓީތައް އެކުލަވާލުމަށްވެސް ވަނީ ހަމަޖެހިފައެވެ.
ޢަދާލަތު ޕާޓީގެ ދުސްތޫރު ބުނާގޮތުން ކޮންމެ ފަސްއަހަރަކުން އެއްއަހަރު ޤައުމީ މަޖިލިސް ބާއްވަން ޖެހެއެވެ. ނަމަވެސް ޤައުމާއި ޕާޓީގެ ޙާލަތު ހުރި ގޮތުގެ ސަބަބުން އަސާސީ ޤަވާއިދުގައި ބުނާގޮތަށް މަޝްވަރާ މަޖިލީހުން ވަނީ ޤައުމީ މަޖިލީސް ބޭއްވުން ވަނީ ފަސްކޮށްފައެވެ.
ކޮމެންޓު ފޮނުވާ