ފިޝަރީޒް މިނިސްޓަރ ޒަހާ ވަހީދުގެ އިތުބާރު ނެތްކަމުގެ މައްސަލައަކީ ކޯލިޝަން ރޫޅައިލުމަށް އިދިކޮޅުން ކުރާ ކަމެއް ކަމުގައި އެމްއާރުއެމް އުފެއްދުމުގައިވެސް އިސް ދައުރެއް އަދާކުރެއްވި ހެރިޓޭޖް މިނިސްޓަރ ޔުމްނާ މައުމޫން ވިދާޅުވެއްޖެއެވެ.
މިނިސްޓަރ ޒަހާގެ އިތުބާރު ނެތްކަމަށް މަޖިލީހަށް ވައްދާފައިވަނީ ޕީޕީއެމް ޕީއެންސީގެ 9 މެމްބަރުންނާއި، މިނިވަން ދެމެމްބަރުން ކަމަށްވާ، ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރުއާއި، ނޮޅިވަރަމް ދައިރާގެ މެމްބަރު މުހައްމަދު ނަޝީދުގެ ސޮޔާއި އެކުގައެވެ.
މިނިސްޓަރގެ ޒަހާގެ އިތުބާރު ނެތްކަމުގެ މައްސަލައާއި ގުޅިގެން މިނިސްޓަރ ޔުމްނާ ވިދާޅުވީ ޒަހާއަކީ މިސަރުކާރުގައި ހިމެނި ވަޑައިގަންނަވާ ވަޒީރުންގެ ތެރެއިން ވަރަށް ބުރަކޮށް މަސައްކަތް ކުރައްވަމުންދާ ވަޒީރެއްކަމަށެވެ. އިދިކޮޅު ފަރާތްތަކުން މިނިސްޓަރ ޒަހާގެ އިތުބާރު ނެތްކަމުގެ މައްސަލައެއް މަޖިލީހަށް ވައްދާފައިވަނީ މިނިސްޓަރ ޒަހާގެ އިތުބާރު ނެތުމަކުން ނޫންކަމަށާއި، މައްސަލަ މަޖިލީހަށް ވައްދާފައިވަނީ ކޯލިޝަން ރޫޅާލުމުގެ ބޭނުމުގައި ކަމަށް މިނިސްޓަރ ޔުމްނާ ވިދާޅުވިއެވެ.
މިނިސްޓަރ ޒަހާ ވަހީދަކީ ވަރަށް ބުރަކޮށް މަސައްކަތްކުރައްވާ ހިތްވަރުގަދަ މިނިސްޓަރެއް. މިއީ ކޯލިޝަން ރޫޅައިލުމަށް އިދިކޮޅުން ކުރާ ކަމެއް. ﷲ ގެ އިރާދަފުޅާއެކު މި ކަން ކާމިޔާބެއް ނުވާނެ.
– މިނިސްޓަރ ޔުމްނާ ވިދާޅުވިއެވެ.
މިނިސްޓަރ ޒަހާގެ އިތުބާރުގެ ނެތްކަމުގެ މައްސަލަ މަޖިލީހަށް ވެއްދުމާއި ގުޅިގެން ޒަހާގެ ދިފާޢުގައި އެމްއާރުއެމްގެ ރައީސް، އަދި ސަރުކާރު ކޯލިޝަންގެ އެންމެ ތަޖުރިބާކާރު ލީޑަރު ރައީސް މައުމޫން ކުރެއްވި ޓްވީޓުގައި ވިދާޅުވީ މިނިސްޓަރ ޒަހާ ގެންދަވަނީ މަސްވެރިކަމުގެ ދާއިރާއަށް ނުހަނު އިޚުލާސްތެރި ޚިދުމަތްތަކެއް ކޮށްދެއްވަމުންކަމަށެވެ. އަދި އެކަމަނާ ކުރައްވާ މަސައްކަތުގައި އެއްވެސް ޝައްކެތް ނެތްމިންވަރަށް އިތުބާރާއި ޔަގީންކަން އެބައޮތް ކަމުގައި ރައީސް މައުމޫން ވިދާޅުވިއެވެ.
މިއަދު ހަވީރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ކެބިނެޓުގައި ހިމެނި ވަޑައިގަންނަވާ ވަޒީރުންނަށް ފުރިހަމަ އިތުބާރު އޮތްކަމަށް ވިދާޅުވެފައެވެ. ރައީސް ޞާލިހު ވިދާޅުވެފައިވަނީ މިސަރުކާރު ވެރިކަމަށް އައީ ކޯލިޝަނެއްގެ ތެރެއިން ކަމަށާއި، ވެރިކަމުގެ ދައުރު ފުރިހަމަ ކުރައްވާނީވެސް ކޯލިޝަންގެ ތެރެއިންކަމަށެވެ. މިނިސްޓަރ ޒަހާއަކީ ސަރުކާރު ކޯލިޝަންގައި ހިމެނޭ އެމްއާރުއެމްއަށް ނިސްބަތްވާ ވަޒީރެކެވެ.
ކޮމެންޓު ފޮނުވާ