ފެނަކަ ކޯޕަރޭޝަނަކީ ވައްކަން ކުރާނެ ކުންފުޏެއް ނޫންކަމަށާއި، ފެނައިގެ އަމާޒަކީ ރައްޔިތުންނަށް ޚިދުމަތް ދިނުން ކަމުގައި އެކުންފުނީގެ މެނޭޖިން ޑިރެކްޓަރ އަހުމަދު ސައީދު ވިދާޅުވެއްޖެއެވެ.
ގއ.މާމެންދޫގައި ޤާއިމްކޮށްފައިވާ ވާރޭފެނުގެ ނިޒާމު ފެނަކަ ކޯޕަރޭޝަނާއި ހަވާލުކުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ފެނަކަ ކޯޕަރޭޝަންގެ އެމްޑީ ވިދާޅުވީ ފެނަކައާއި ގުޅޭގޮތުން އަގުވެއްޓޭ ގޮތަށް ބައެއް މީހުން މަސައްކަތް ކުރަމުންދާކަމަށެވެ. މި މަސައްކަތުގައި އެންމެބޮޑަށް އަޅުވަމުންދާ އެއްކަމަކީ ކޮރަޕްޝަނާއި ޚިޔާނާތް ކަމަށާއި، ނަމަވެސް ފެނަކައަކީ އެފަދަ ކަމެއް ކުރާނެ ކުންފުޏެއް ނޫންކަމަށް ސައީދު ވިދާޅުވިއެވެ.
ތަކުރާރުކޮށް އަޅުގަނޑު ދަންނަވާލަން، ފެނަކައަކުން ވައްކަމެއް ނުކުރާނެ. ފެނަކައިން ކުރާނެ ކަމަކީ ރައްޔިތުން ނަށް ދެމެހެއްޓެވި ގޮތެއްގައި މި ޚިދުމަތް ދިނުމަށް ކުރަންޖެހޭ މަސައްކަތް ކުރުން. އެކަން ކުރުމުގައި އަޅުގަނޑުމެންނަށް ހަސަދަވެރިވާ، އަޅުގަނޑުމެންނަށް ޖެއްސުންކުރާ ބަޔަކު ކިތަންމެ ވައްތަރެއްގެ ހެޑްލައިނެއް އެޅިޔަސް އަޅުގަނޑުމެން ފަހަތަކަށް ނުޖެހޭނަން. ފެނަކައިން ވައްކަމެއް ނުކުރާނެ، ފެނަކައިން ދޭނީ ރައްޔިތުންނަށް ޚިދުމަތް.
– ސައީދު ވިދާޅުވިއެވެ.
ސައީދު ވިދާޅުވީ މިސަރުކާރަކީ އަބާދީއަކަށް ބެލުމެއްނެތި ހަމަހަމަ ކަމާއިއެކު ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ޚިދުމަތް ފޯރުކޮށްދޭނެ ސަރުކާރެއް ކަމަށާއި އެކަން މިއަދުގެ ރަސްމިިއްޔާތުންވެސް ހާމަވެގެންދާ ކަމަށެވެ. ސައީދު ވަނީ ކުރިއަށް އޮތް ކައުންސިލް އިންތިޚާބާއި ގުޅޭގޮތުން ވެސް މިއަދު ވާހަކަ ދައްކަވާފައެވެ.
އެގޮތުންކައުންސިލް އިންތިޚާބުގައި ލާމަރުކަރީ ނިޒާމު ދަންނަ އެކަމަށް ފަރިތަ ބޭފުޅުން އިންތިޚާބު ކުރުމަށް ސައީދު ވަނީ އެދިވަޑައިގެންފައެވެ. އަދި ޚާއްސަކޮށް އެމްޑީޕީގެ ކެންޑިޑޭޓުން ރާއްޖޭގެ ހުރިހާ ސަރަހައްދު ތަކެއްގައިވެސް އިންތިޚާބު ކުރުމަށް ސައީދު ވަނީ ގޮވާލާފައެވެ.
ސަރުކާރުން ފޯރުކޮށްދެމުންދާ ޚިދުމަތް ހަމަހަ ކަމާއިއެކު ކުރިއަށް އޮތް ތަނުގައިވެސް ދިނުމަށް ސަރުކާރަށް ލިބޭނެ އެންމެބޮޑު ބަރަކީ އެމްޑީޕީކައުންސިލަރުން އިންތިޚާބު ކުރުންކަމަށް ސައީދު ވިދާޅުވިއެވެ. އަދި ދެމެހެއްޓެނިވި ގޮތެއްގައި ސަރުކާރަށް ޚިދުމަތް ފޯރުކޮށްދެވޭނީވެސް އެމްޑީޕީގެ ކައުންސިލްތައް އިންތިޚާބު ވެގެންކަމަށް ސައީދު ވަނީ ވިދާޅުވެފައެވެ.
ކޮމެންޓު ފޮނުވާ