މަޖިލީހަށްދާން ޖެހިލުމެއްނުވޭ، ޑަރުވެސް ހިތައްނާރާ: މަލީހު

މަޖިލީހަށްދާން ޖެހިލުމެއްނުވޭ، ޑަރުވެސް ހިތައްނާރާ: މަލީހު

Author
މުޙައްމަދު ޝަޒައިމް
09 މާރޗް 2021 07:49
0

ރައްޔިތުންގެ މަޖިލީހުގެ ކޮމެޓީތަކަށާއި، މަޖިލީހުގެ ތަޅުމަށްދާންވެސް އެއްވެސް ޖެހިލުމެއް ނުވާކަމަށާއި، ކޮންމެ ވަގުތެއްގައި އެންގިޔަސް މަޖިލީހަށް ދާން ތައްޔާރަށް ހުންނެވިކަމަށް ކުރީގެ މިނިސްޓަރ އޮފް ކޮމިއުނިކޭޝަން ސައިންސް އެންޑް ޓެކްނޮލޮޖީ މުހައްމަދު މަލީހު ޖަމާލު ވިދާޅުވެއްޖެއެވެ.

މަޖިލީހުގެ މެމްބަރުން ސަރުކާރުގެ ވަޒީރުންނަށް ބިރުދައްކައި ނުފޫޒު ފޯރުވާކަމަށް ކުރެއްވި ތުހުމަތު ބަލުމަށްޓަކައި މަލީހު ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒާއި ސުލޫކު ކޮމެޓީ އަށް މަލީހު ހާޒިރު ކުރަން ނިންމި ނިންމުމާއި ގުޅިގެން މަލީހު ވިދާޅުވީ މަޖިލީހުގެ ބައެއް މެމްބަރުންނަށް ހީވެފައިވަނީ މަޖިލީހަށް ހާޒިރުކޮށްގެން ބިރުދައްކައިގެން ކަންކަން ކުރެވިދާނެކަމަށް ކަމުގައެވެ. ނަމަވެސް މަޖިލީހަށް ހާޒިރުވެ ޖަވާބުދާރީވެގެން ކުރެވޭނެކަމެެއް ނޯންނާ ކަމަށް މަލީހު ވިދާޅުވިއެވެ.

ސުލޫކީ ކޮމެޓީއަށް ކީތްކުރަންތޯ މަޖިލީހުގެ ތަޅުމަށް އަނެއްކާ ހާޒިރުވާން އެންގިޔަސް ހަމަ ތައްޔާރަށް މިހިރީ. ތައްޔާރުވެގެން ދާން ބޭނުންވަނީ 5 މިނިޓް. ތިޔަބޭފުޅުންނަށް ބިރު ދެއްކޭނީ އެހެން މީހުންނަށް. އަޅުގަނޑު ކުޑަކޮށްވެސް ޖެހިލުމެއްނުވޭ. ޑަރުވެސް ހިތައްނާރާ.

– މަލީހު ވިދާޅުވިއެވެ.

މަޤާމުން ވަކިކުރުމުގެ ކުރިން މަޖިލީހުގެ ތަޅުމުގައި މައްސަލައަށް ޖަވާބު ދާރީވުމަށް ލިބުނު ފުރުސަތުގައި މަލީހު ވިދާޅުވީ މަޖިލީހުން ސަރުކާރުގެ ބައެއް ވަޒީރުންނަށް ބިރު ދައްކަމުންދާ ކަމަށެވެ. ކުރީގެ ޖެންޑާ މިނިސްޓަރު ޝިދާތާ ޝަރީފް އިސްތިއުފާ ދެއްވީ ވެސް ބިރު ދެއްކުމުން ކަމަށް މަލީހު ވިދާޅުވިއެވެ. އަދި އެދުވަހު ވަގުތު ދެއްވައިފިނަމަ އެކަމުގެ ތަފްސީލް ހާމަކޮށްދެއްވާނެކަމަށްވެސް މަލީހު ވަނީ ވިދާޅުވެފައެވެ.

މަލީހުގެ އެ ތުހުމަތަކީ މަޖިލީހުގެ ކަރާމާތާއިި ގަދަރަށް އުނިކަން ލިބޭ ކަމެއް ކަމަށް ވިދާޅުވެ، މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ އިމްތިޔާޒް ކޮމެޓީ އަށް އެ މައްސަލަ ފޮނުއްވައިފައެވެ.

މަލީހު އެދުވަހު ވިދާޅު ދައުލަތުގެ މިނިސްޓްރީއެއް އެތަނުގެ ފޮޅާ ސާފުކުރާ މީހުން ބުނާގޮތަށް ނުހިންގޭނެކަމަށެވެ. ކުރަންޖެހޭނީ ރައީސުލްޖުމްހޫރިއްޔާ ވަޒީރާ ހަވާލުކޮށްފައިވާ މަސައްކަތެއްކަމަށާއި، މަޖިލީހުގައި އަމިއްލަފުޅަށް ސަރުކާރާ ދެކޮޅު ފެކްޝަނެއް އުފައްދައިގެން ރައީސުލްޖުމްހޫރިއްޔާއަށް ގޮންޖައްސަވަމުން މަސައްކަތްކުރުމަކީ ރިޔާސީ ނިޒާމްގެ މަފްހޫމާއި ޚިލާފްކަމެއްކަމަށެވެ.

 

 

ކޮމެންޓު ފޮނުވާ

ކޮމެންޓު

ފ ފެންނަގޮތް
އެއްވެސް މީހަކީ ހުރިހާ ދާއިރާއަކުން އިލްމު ލިބިފަ ހުންނާނެ މީހެއްނޫން. މިއުއްމަތަށް ކައުކުރެއްވި ސާހިބާވެސް ސަހާބީންނާއި މަޝްވަރާކުރެއްވީ އެކަމުގެ މުހިންމުކަން އުގަންނައި ދެއްވުމަށް. ޚަންދަޤު ހަނގުރާމާއިން މިފިލާވަޅު ވަރަށް ރަނގަޅަށް ލިބޭ. އެތަނެއްގެ ޓެކްނިކަލް މީހުންގެ ޚިޔާލާއި މަޝްވަރާ ހޯދުމާއި އެލިބޭ މަޝްވަރާއެއްގެ މަތިން ކަންކުރެއްވުމަކީ ދެރަކަމެއްނޫން. ދެރަނިކަމެތި މީހާވެސް ދީފާނެ އަގު ނުކުރެވޭވަރުގެ ރަނގަޅު ނަސޭހަތް ބަލައިވަތުމަކީ އަމިއްލަ ނަފުސު ސީދާކުރުމަށް ލިބޭ ރަނުގެ ފުރުސަތެއް. އެކަކު އަނެކަކަށް ބިރުދެއްކުމާއި، ގަދަބަސްބުނުމަކީ އަމިއްލަ ނަފްސާމެދު ވިސްނާލަންޖެހޭ ކަމެއްކަމަށް ފެނޭ