ހަރުކަށި ފިކުރުގެ ސަބަބުން މަދުބައެއްގެ އަމިއްލަ ފައިދާއަށްޓަކައި ދީން ހަތިޔާރެއްގެ ގޮތުގައި ބޭނުންކޮށް، ބަދަހި މުޖުތަމަޢުތައް ބައިބައިކޮށްލާކަމަށް ޑިފެންސް މިނިސްޓަރ މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެއެވެ.
ވިމެން އޭސް ޕީސްބިލްޑަރސް އެންޑް އޭޖެންޓްސް އޮފް ޗޭންޖް އިން ދަ މޯލްޑިވްސް" ރިޕޯރޓް އިފްތިތާޙު ކޮށްދެއްވުމަށް ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ މާރިޔާ ދީދީ ވިދާޅުވީ ހަރުކަށި ފިކުރުގެ ސަބަބުން މަދުބައެއްގެ އަމިއްލަ ފައިދާއަށްޓަކައި ދީން ހަތިޔާރެއްގެ ގޮތުގައި ބޭނުންކޮށް، ބަދަހި މުޖުތަމަޢުތައް ބައިބައިކޮށްލާކަމަށެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ އޮފް ޖެންޑަރ، ފެމިލީ، އެންޑް ސޯޝަލް ސަރވިސަސް ޢާއިޝަތު މުޙައްމަދުދީދީ ވިދާޅުވިގޮތުގައި، ޞުލްޙަ ޤާއިމުކުރުމުގައި އަންހެނުން ބައިވެރިކުރުވުމުން އަނިޔާވެރިކަމުން ދުރުކޮށް، ދެމެހެއްޓެނެވިގޮތެއްގައި ޞުލްޙަ ޙާޞިލްކުރެވޭ ކަމަކީ ޤަބޫލުކުރަންޖެހޭ ޙަޤީގަތެއްކަމަށެވެ.

މި ދިރާސާއިން އަންހެނުންނަށް އަސަރުކުރާ ކަންކަމުގައި ގޮތްނިންމާ ސިޔާސަތުތައް ކަނޑައަޅާއިރު، އެންމެ ފުރިހަމަ ގޮތުގައި އަންހެނުން ބައިވެރިކުރާނެ ގޮތްތައް ހޯދިފައިވާނެއެވެ. އަދި ހަރުކަށި ފިކުރު ހުއްޓުވުމަށާއި، އެފަދަ ޢަމަލުތަކުގައި ބައިވެރިވާ މީހުން އަލުން މުޖުތަމަޢަށް ގެނެސް، މި ފަދަ ކަންކަމުގައި ވަކާލާތުކުރުމުގައި އަންހެނުންގެ ދައުރު ހޯދުމަށްވެސް މަސައްކަތްކުރެވިފައިވާނެއެވެ. މި ދިރާސާގެ ހޯދުންތަކުން ހަރުކަށި ފިކުރާއި ދެކޮޅަށް ކުރެވޭ މަސައްކަތާއި ގުޅޭ ޢިލްމީ ޚަޒާނާ މުއްސަނދިވެގެންދާނެއެވެ. ހަމަ އެއާއިއެކު، ނިރުބަވެރިކަމާއި ހަރުކަށި ފިކުރު ހުއްޓުވުމަށް ސަރުކާރުން އެކުލަވާލާ ސިޔާސަތުތަކާއި ޕްރޮގްރާމްތައް ފަރުމާކުރުމުގައި އެހީތެރިވެދޭނެއެވެ.
މިރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޖަޕާނުގެ ފަރާތުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ކެއިކޯ ޔަނައި ވިދާޅުވިގޮތުގައި ދެ ޖިންސުގެ ހަމަހަމަކަމާއި އަންހެނުން ބާރުވެރިކުރުވުމަކީ އިންސާނީ ސަލާމަތަށް ކޮންމެހެންވެސް މުހިއްމުކަމެކެވެ. މި މޭރުމުން ވާހަކަފުޅު ދައްކަވަމުން އެކަމަނާ އިތުރަށް ވިދާޅުވީ ތަފާތު ގޮތްގޮތަށް ތަފާތު ދާއިރާތަކުން އެކި ފެންވަރުގައި އަންހެނުން ޝާމިލުކުރަން ޖެހޭނެކަމަށެވެ. އަދި އެންމެ ފުރިހަމަގޮތުގައި އަންހެނުންގެ ބޭނުންހިފުމަށް، އަންހެނުންގެ ޙައްޤުތަކަށް ޚާއްޞަ ސަމާލުކަމެއްދީގެން، ބާރުވެރިކުރުވާ، އިޖްތިމާޢީ އަދި ޤައުމީ ފެންވަރުގައިވެސް ސިޔާސަތުތައް ކަނޑައަޅާ ގޮތްނިންމުމުގައި އަންހެނުން ބައިވެރިވެ އިސްނެގުމަކީ ވަރަށް މުހިއްމުކަމެއް ކަމަށްވެސްް ޖަޕާނުގެ ސަފީރު ވިދާޅުވިއެވެ.

ޔޫ.އެން.ޑީ.ޕީގެ ފަރާތުން ރާއްޖެއަށް ކަނޑައަޅުއްވާފައިހުންނަވާ ރެސިޑެންޓް ކޯރޑިނޭޓަރ އަކީކޯ ފޫޖީ ވިދާޅުވި ގޮތުގައި އދ. ގެ 17 ސަސްޓެއިނަބަލް ޑެވަލޮޕްމަންޓް ގޯލްސްގެ ކޮންމެ ލަނޑުދަނޑިއެއް ޙާޞިލްކުރުމުގައިވެސް އަންހެނުންގެ މުހިއްމު ދައުރު ފާހަގަކޮށްފައިވާނެކަމަށެވެ. އެކަމަނާގެ ވާހަކަފުޅުގައި މި ދިރާސާގެ ހޯދުންތަކުގެ އަލީގައި ސަރުކާރުން އެކުލަވާލާފައިވާ ނޭޝަނަލް އެކްޝަން ޕްލޭން އޮން ޕްރިވެންޓިންގ އެންޑް ކައުންޓެރިންގ ވަޔަލަންޓް އެކްސްޓްރީމިޒަމް 2020-2024 އަންހެންބޭފުޅުންގެ ފުރިހަމަ އެއްބާރުލުމާއި ބައިވެރިވުމާއިއެކު ތަންފީޛުކުރުމުގައި އެހީތެރިވާނެކަމަށް އުއްމީދުކުރައްވާ ކަމުގައެވެ. އަދި ސަސްޓެއިނަބަލް ޑެވަލަޕްމަންޓް ގޯލްގެ 16 ވަނަ ލަނޑުދަނޑި (ޞުލްޙަވެރިކަމާއި، އަދުލުވެރިކަމާއި ބާރުވެރި މުއައްސަސާތައް ހުރިހާ އެންމެންނަށްވެސް ލިބުން) ޙާޞިލްކުރުމުގައި އެހީތެރިވެދޭނެކަމަށެވެ.
މިއަދު އަލަށް ނެރެވުނު "ވިމެން އޭސް ޕީސްބިލްޑަރސް އެންޑް އޭޖްންޓްސް އޮފް ޗޭންޖް އިން ދަ މޯލްޑިވްސް" ރިޕޯރޓުގައި ހުށަހަޅަނީ ޞުލްޙަ ޤާއިމްކުރުމަށާއި ސިޔާސަތުތައް އެކުލަވާލުމުގައި ދެ ޖިންސުގެ ބައިވެރިވުން ހިމެނުމުން ވަކިފަރާތަކަށް ޖެހުންހުއްޓުވުމަށާއި، އަންހެނުންނަށް ލިބެންޖެހޭ ޙައްޤުތަކުން އިތުރަށް މަހުރޫމުވުމުން ސަލާމަތްކުރުމަށާއި، ދެމެހެއްޓެނިވި ގޮތެއްގައި އެންމެން ޝާމިލްވެގެން އަމާން ވެއްޓެއް ބިނާކޮށް ޞުލްޙަ ޤާއިމްކުރެވޭނެ ގޮތްތަކުގެ މައްޗަށެވެ.
މި ރިޕޯރޓަކީ ޖަޕާނު ސަރުކާރުގެ ދީލަތި އެހީގައި ނޭޝަނަލް ކައުންޓަރ ޓެރަރިޒަމް ސެންޓަރ (އެން.ސީ.ޓީ.ސީ) އާއި ދިވެހިރާއްޖޭގެ ޔުނައިޓެޑް ނޭޝަންސް ޑެވަލަޕްމަންޓް ޕްރޮގްރާމް (ޔޫ.އެން.ޑީ.ޕީ) ގުޅިގެން ކޮށްފައިވާ ދިރާސާއެކެވެ. މި ރިޕޯރޓު އިފްތިތާޙުކުރެވުނީ މިކަމަށް ޚާއްޞަކޮށްގެން މިނިސްޓްރީ އޮފް ޑިފެންސްގައި ބޭއްވުނު ރަސްމިއްޔާތުގައެވެ. މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ މިނިސްޓަރ އޮފް ޑިފެންސް އަލްއުސްތާޛާ މާރިޔާ އަޙުމަދުދީދީއެވެ. ޑިފެންސް މިނިސްޓަރުގެ އިތުރުން މިނިސްޓަރ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސާރވިސަސް، ޖަޕާނުގެ ފަރާތުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައިހުންނަވާ ސަފީރު، ޔޫ.އެން.ޑީ.ޕީ އިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައިހުންނަވާ ރެސިޑެންޓް ކޯރޑިނޭޓަރ، އަދި ކައުންޓަރ ޓެރަރިޒަމް ސްޓިއަރިންގ ކޮމިޓީ އާއި ކައުންޓަރ ރެޑިކަލައިޒޭޝަން ކޮމިޓީގެ މެމްބަރުން ބައިވެރިވެވަޑައިގަތެވެ. އަދި ސަރުކާރުގެ އެހެނިހެން ވުޒާރާތަކާއި ޔުނިވަރސިޓީތަކާއި މަދަނީ ޖަމާޢަތްތައް އޮންލައިންކޮށް މި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތެވެ.
މި ދިރާސާގެ އަލީގައި މުސްތަޤްބަލަށް އަމާޒުކޮށްގެން ފަރުމާކުރާ އިސްތިރާޖީތަކުގައި އަންހެނުންގެ ބައިވެރިވުމަށް ބާރުއެޅޭނެއެވެ. އަދި ހަރުކަށި ފިކުރު ހުއްޓުވުމަށް ހިންގޭ ހުރިހާ ހަރަކާތެއްގައި އިސްދައުރެއް އަދާކުރުމަށް އަންހެނުންނަށް ފުރުޞަތުދިނުމަށް މަގުފަހިވެގެންދާނެއެވެ.
ކޮމެންޓު ފޮނުވާ