މަސްވެރިންގެ ހައްގުގައާއި، މަސްވެރިންނަށް ދިމާވެފައިވާ މައްސަލަތައް ހައްލުކުރަން މަޖިލިސް ތެރެއިންކުރާ ކޮންމެ މަސައްކަތެއްގައި އެމްޑީޕީ މެމްބަރުން އެމަސައްކަތެއް ހުއްޓުވި ކަމުގައި ވީނަމަވެސް މަސްވެރިންނަށްް ބާނަ މަހުން ހަމަ އަގު ނުލިބޭކަމަށް ރައްޔިތުންގެ މަޖިލީހުގެ މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތޯރިގު (ޓޮމް) ވިދާޅުވެއްޖެއެވެ.
ދާ އަޅައިގެން ބޭރުގެ ބޯޓުތައް ރާއްޖޭގައި މަސްވެރިކަން ކުރާތީ އެކަން ހުއްޓުވަން ހުށަހެޅި ކުއްލި މައްސަލާގައި ވާހަކަ ދައްކަވަމުން ތޯރިގު ވިދާޅުވީ މަސްވެރިކަމާއި ގުޅުންހުރި އެތަކެއް ހަވާއިދެއް ނަހަދައި ވަޒީރާއި ދެކޮޅަށް މަޖިލިސް ތެރެއިން ވަރަށް ފޯރީގައި މަސައްކަތްކޮށް އެކަންވެސް ހުއްޓިފައިވާކަމަށެވެ. އަދި މަސްވެރިންގެ ހައްގުގައި މަޖިލިސް ތެރެއިން ހަމަ އަގު ހޯދުމަށްވެސް އަދި އެނޫން މަސައްކަތެއް ކުރިޔަސް އެމްޑީޕީއަށް ނިސްބަތްވާ މެމްބަރުން އެކަމެއް މަޖިލިސް ތެރެއިން ހުއްޓުވުމަށް މަސައްކަތް ކުރައްވާކަމީ ހިތާމަ ކުރައްވާ ކަމެއްކަމަށް ތޯރިގު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ކޮޑުކަންނެލީގެ މަސްވެރިންނަށް ބެލިކަމުގައި ވީނަމަވެސް އަދި އެހެން މަސްވެރިކަމެއް ކުރާ ބަޔަކަށް ބެލި ކަމުގައި ވީނަމަވެސް ފެނިގެންދަނީ ހިތްދަތި މަންޒަރުތަކެއްކަމަށެވެ. ބޮޑު ކަންނެލި ކިލޯއެއް35 ރުފިޔާއަށް ވެއްޓިފައިވާއިރު، އެއަގުގައި ކިރައިގެން ލިބޭ އާމްދަނީ 1،000 ރުފިޔާއަށްވެސް ގިނަ ފަހަރު ނާރާކަމަށެވެ.
މަސްވެރިކަމާއި ބެހޭ މިނިސްޓަރު ޤަވާއިދު ނަހަދައި، މިތަނަށް މައްސަލަ ހުށަހަޅައި، މަސްވެރި އާއިލާތަކަށް ނިބަތްވާ މިތާގަ ތިއްބެވި އިއްޒަތްތެރި މެމްބަރުން ވަރަށްބޮޑެތި ޝަކުވާ ތަކެއްކޮށްފަ އެމައްސަލަވެސް ހިންދާލީ. މިއަދު އޮތީ މަސްވެރިންގެ ޝަކުވާތައް އިންތިހާއަށް ބޮޑުވެފަ. ބޮޑު ކަންނެލި ކިރަން އަންނައިރު 35 ރުފިޔާއަށް ކިލޯއެއް. އިއްޒަތްތެރި ރައީސް މިވާހަކަ ދައްކާ ހަމަ ކޮންމެ ފަހަރަކު ނިޒާމީ މައްސަލަ ނެގިޔަސް އޭގެ އަގެއް ބޮޑެއްނުވޭ. ބޮޑު ކަންނެލި ކޮލޯއެއް 35 ރުފިޔާއަށް ހިސާބެއް، ދިމާނުވާނެ 12 ދުވަހު ކަނޑުމަތީގައި އުޅެފައި އަންނައިރަކު، އޭރަށް ލިބެނީ 1،000 ރުފިޔާ ބައެއް ފަހަރު 500 ރުފިޔާ. އޭރު ތެލަށް އަންދާލާ 70،000 ރުފިޔާ. ކިހިނެތް މިހިސާބު ދިމާކުރަނީ.
– ތޯރިގު ވިދާޅުވިއެވެ.
ދާ އަޅައިގެން ބޭރުގެ ބޯޓުތައް ރާއްޖޭގައި މަސްވެރިކަން ކުރާތީ އެކަން ހުއްޓުވަން މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތޯރިގު ކުއްލި މައްސަލައެއް މަޖިލީހަށް ބަލައި ނުގަނެ ބޭރު ކޮށްލައިފިއެވެ.
މި މައްސަލަ ހުށަހަޅުއްވަމުން މެމްބަރު ތޯރިގު ވިދާޅުވީ ދާ އަޅައިގެން މަސްވެރިކަން ކުރާ ބޯޓުތައް މި ދުވަސްވަރު އިންތިހާއަށް އިތުރުވެފައިވެ މަސްވެރިކަމަށް އިންތިހާއަށް އަސަރުކުރުމުންދާ ކަަމަށް މަސްވެރިން ރިޕޯޓްކުރަމުންދާ ކަމަށެވެ. އެހެންކަމުން އެކަމަށް އިތުރަށް ސަމާލުވެ ރާއްޖޭގެ އިގްތިސާދީ ސަރަހައްދު އިތުރަށް ބެލެހެއްޓުމަށް ތޯރިގު ވަނީ ގޮވާލައްވައިފަ އެވެ.
މަޖިލީހުގައި މިއަދު ނެގި ވޯޓުގައި އެ މައްސަލަ ބަލައި ގަންނަން ފެންނަ ކަަމަަށް 10 މެމްބަރަކު ވޯޓު ދެއްވި އެވެ. އަދ ނުފެންނަ ކަަމަށް 26 މެމްބަރަކު ވޯޓު ދެއްވިއެވެ.
ކޮމެންޓު ފޮނުވާ