އަންނަ މަހުގެ10 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިޚާބުގައި އޮބްޒާވަރުން، މޮނީޓަރުން އަދި ކެންޑިޑޭޓުންގެ މަންދޫބުންގެ ގޮތުގައި ހަރަކާތްތެރިވާ ފަރާތްތަކަށް ފޯމް ހުށަހެޅުމުގެ މުއްދަތު އިތުރުކޮށްފިއެވެ.
އިލެކްޝަން ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވީ މުއްދަތު އިތުރުކޮށްފައިވަނީ ވޯޓުލާ މަރުކަޒުތަކުގެ އަދަދަށް ބަދަލު އައުމާއި ގުޅިގެންކަމަށެވެ. އަދި މިބަދަލާއިއެކު މިމަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް އޮބްޒާވަރުން، މޮނީޓަރުން އަދި ކެންޑިޑޭޓުންގެ މަންދޫބުންނަށް ފޯމް ހުށަހެޅުމުގެ ފުރުސަތު ލިބިގެންދާނެކަމަށެވެ.
ވޯޓުލާ މަރުކަޒުތަކުގެ އަދަދަށް ބަދަލު އައުމާއި ގުޅިގެން އޮބްޒާވަރުން، މޮނީޓަރުން އަދި ކެންޑިޑޭޓުންގެ މަންދޫބުންގެ ފޯމް ހުށަހެޅުމުގެ ފުރުސަތު 9 މާރޗް އިން 15 މާރޗްގެ ނިޔަލަށް އަލުން ހުޅުވާލުމަށް މިއަދު ވަނީ އިއުލާން ކުރެވިފަ. ވޯޓް ލުމުގެ ކަންކަން ހެޔޮ މަގުން ކުރުމަށް އެހީތެރިވެދެއްވާ.
– ޝަރީފް ވިދާޅުވިއެވެ.
އިލެކްޝަންސް ކޮމިޝަނުން ވިދާޅުވީ، އެޗްޕީއޭގެ ގައިޑްލައިނާއި އެއްގޮތަށް އިންތިޚާބު ބާއްވާއިރު، ބަހައްޓާނެ ވޯޓް ފޮށީގެ ޢަދަދުވެސް އިތުރުވެފައިވާކަމަށެވެ. އެގޮތުން ކުރިން އިންތިޚާބުގައި ބަހައްޓަން ނިންމީ532 ވޯޓް ފޮށިކަމަށެވެ. ނަމަވެސް މިހާރު އެ ޢަދަދު އިތުރުވެ 735 ވޯޓު ފޮށި ބެހެއްޓުމަށް ނިންމާފައިވާ ކަމަށް އީސީން ވަނީ ވިދާޅުވެފައެވެ. އިންތިޚާބުގައި ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކާއި، ރިސޯޓްތަކުގައި ވޯޓްފޮށި ބަހައްޓާނެކަމަށްވެސް އީސީން ވަނީ ވިދާޅުވެފައެވެ. ނަމަވެސް ދެ ޤައުމެއްގައި ވޯޓް ފޮށި ނުބެއްހެއްޓޭނެކަން ޔަޤީންކުރެވިފައިވާކަމަށެވެ. އެގޮތުން މެލޭޝިއާގައި ބެހެއްޓުމަށް ނިންމި 2 ވޯޓް ފޮށްޓާއި، އިނގިރޭސވިލާތުގައި ބަހައްޓަން ނިންމި ވޯޓް ފޮށި ނުބެހެއްޓޭނެކަން ޔަޤީންކުރެވިފައިވާކަމަށް އިލެކްޝަންސް ކޮމިޝަންގެ ރައީސް އަޙްމަދު ޝަރީފް ވަނީ ވިދާޅުވެފައެވެ.
ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގައި ވާދަކުރާނީ ޖުމްލަ 3،934 ކެނޑިޑޭޓުން ކަމަށް އިލެކްޝަންސް ކޮމިޝަނުންވަނީ ހާމަކުރައްވާފައެވެ.
ލޯކަލް ކައުންސިލް އިންތިޚާބާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިޚާބަށް އިތުރަށް ބޭނުންވި 42 މިލިޔަން ރުފިޔާއިން 29 މިލިޔަން ރުފިޔާއަށް ބަޖެޓް ކުޑަކޮށް ކޮމިޓީން މިއަދު ވަނީ ފާސްކޮށްފައެވެ. އަދި މާދަމާގެ މަޖިލީހުގެ ތަޅުމުގައި މި ބަޖެޓަށް ވޯޓަށް އަހާނެކަމަށް ބެލެވެއެވެ.
ކޮމެންޓު ފޮނުވާ