ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަންގެ ބަޖެޓަށް 29 މިލިއަން ރުފިތާ އިތުރުކޮށްދިނުމަށް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓިން ފާސްކޮށްފިއެވެ. އިލެކްޝަންސް ކޮމިޝަނަށް އިންތިޚަބު ބޭއްވުމަށް ފައިސާ އިތުރުކޮށްދިނުމަށް ފާސްކުރީ ކޮމިޓިގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނވި މެންބަރުންގެ އިއްތިފާޤުންނެވެ.
އޭޕްރީލް މަހުގެ 10 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިޚާބާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިޚާބު ބޭއްވުމަށް އިލެކްޝަްސް ކޮމިޗަނަށް އެންމެ ފުރަތަމަ ކަނޑައެޅީ 51 މިލިއަން ރުފިޔާއެވެ. ނަމަވެސް އެޗްޕީއޭގެ ގައިޑްލައިނާ އެއްގޮތަށް އިންތިޚާބު ބޭއްވުމަށް އިތުރަށް 42 މިލިއަން ރުފިޔާ ބޭނުންވާކަމަށް އިލެކްޝަންސް ކޮމިޗަނުން ވިދާލުވިއެވެ. ނަމަވެސް ކޮމިޓިން އެދުނުގޮތަށް ބައެއް ޚަރަދުތައް އުނިކޮށް އިލެކްޝަންސް ކޮމިޝަނުން ވަނީ އެ ޢަދަދު 29 މިލިއަނަށް ކުޑަކޮށްފައެވެ. މި ބަދަލު ގެނައީ އެޗްޕީއޭއާއިއެކުވެސް އިތުރު މަޝްވަރާތަކެއްކޮށް، އިންތިޚާބު ބޭއްވުމަށް އިތުރު ލުއިތަކެއް ލިބޭނެކަމުގެ އުންމީދު އޮތުމުންކަމަށް އިލެކްޝަންސް ކޮމިޝަންގެ ރައީސް އަޙްމަދު ޝަރީފްވަނީ ވިދާޅުވެފައެވެ.
މިހާރު އިއުލާންކޮށްފައިވާ ސިއްޙީ ކުއްލި ނުރައްކަލުގެ ޙާލަތުގައި އިންތިޚާބު ބާއްވާނަމަ، އިންތިޚާބު ބޭއްވުމުގައި އަމަލުކުރަންޖެހޭ ގޮތުގެ ގައިޑްލައިނެއް އެޗްޕީއޭއިން އެކުލަވާލާ އާންމު ކުރަންވާނެކަމަށް ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޚާއްޞަ ޤާނޫނުގައި ބަޔާންކޮށްފައިވެއެވެ. އެހެންކަމުން އެޗްޕީއޭއިން އިންތިޚާބު ކުރިއަށް ގެންދާނެގޮތުގެ ގައިޑްލައިނެއް އެކުލަވާލާ އިލެކްޝަންސް ކޮމިޝަނަށް ފޮނުވިއެވެ. ނަމަވެސް އެ ގައިޑްލައިނާއި އެއްގޮތަށް އިންތިޚާބު ކުރިއަށް ގެންދިއުމުގައި ބޮޑެތި ގޮންޖެހުންތަކެއް ހުރިކަން ފާހަގަކޮށް އިލެކްޝަންސް ކޮމިޝަނުން ވަނީ ރައްޔިތުންގެ މަޖިލީހާއި ހިއްސާކުރައްވާފައެވެ. އަދި މިހާރު އިލެކްޝަންސް ކޮމިޝަނާއި އެޗްޕީއޭއިން ވަނީ އިންތިޚާބު ބޭއްވުމަށްޓަކައި ގައިޑްލައިންގައި ހުރި ފިޔަވަޅުތަކަށް ލުއިދިނުމަށް އެއްބަސްވެފައެވެ.
ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގައި ވާދަކުރާނީ ޖުމްލަ 3،934 ކެނޑިޑޭޓުން ކަމަށް އިލެކްޝަންސް ކޮމިޝަނުންވަނީ ހާމަކުރައްވާފައެވެ.
އިލެކްޝަންސް ކޮމިޝަނުން ވިދާޅުވީ، އެޗްޕީއޭގެ ގައިޑްލައިނާއި އެއްގޮތަށް އިންތިޚާބު ބާއްވާއިރު، ބަހައްޓާނެ ވޯޓް ފޮށީގެ ޢަދަދުވެސް އިތުރުވެފައިވާކަމަށެވެ. އެގޮތުން ކުރިން އިންތިޚާބުގައި ބަހައްޓަން ނިންމީ532 ވޯޓް ފޮށިކަމަށެވެ. ނަމަވެސް މިހާރު އެ ޢަދަދު އިތުރުވެ 735 ވޯޓު ފޮށި ބެހެއްޓުމަށް ނިންމާފައިވާ ކަމަށް އީސީން ވަނީ ވިދާޅުވެފައެވެ. އިންތިޚާބުގައި ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކާއި، ރިސޯޓްތަކުގައި ވޯޓްފޮށި ބަހައްޓާނެކަމަށްވެސް އީސީން ވަނީ ވިދާޅުވެފައެވެ. ނަމަވެސް ދެ ޤައުމެއްގައި ވޯޓް ފޮށި ނުބެއްހެއްޓޭނެކަން ޔަޤީންކުރެވިފައިވާކަމަށެވެ. އެގޮތުން މެލޭޝިއާގައި ބެހެއްޓުމަށް ނިންމި 2 ވޯޓް ފޮށްޓާއި، އިނގިރޭސވިލާތުގައި ބަހައްޓަން ނިންމި ވޯޓް ފޮށި ނުބެހެއްޓޭނެކަން ޔަޤީންކުރެވިފައިވާކަމަށް އިލެކްޝަންސް ކޮމިޝަންގެ ރައީސް އަޙްމަދު ޝަރީފް ވަނީ ވިދާޅުވެފައެވެ.
ކުރިއަށް އޮތް އިންތިޚާބުގައި ވޯޓްލާ މަރުކަޒުތަކުގައި 8 ހާހަށްވުރެ އަށްވުރެ ގިނަ އޮފިޝަލުން ހަރަކާތްތެރިވާނެކަމަށާއި، އެހާ ގިނަ ޢަދަދެއްގެ އޮފިޝަލުން ބައިތިއްބަން ނިންމީ އެޗްޕީއޭގެ އުސޫލާއި އެއްގޮތަށް އިންތިޚާބު ކުރިއަށް ގެންދިއުމަށްކަމަށްވެސް އިލެކްޝަންސް ކޮމިޝަނުން ވަނީ ވިދާޅުވެފައެވެ.
ކޮމެންޓު ފޮނުވާ