ގުރައިދޫ މަރުކަޒުގައި ވޯޓުފޮއްޓެއް ބަހައްޓަން އުޅެނީ ވޯޓަށް ނުފޫޒު ފޯރުވުމަށް: އިދިކޮޅު

ގުރައިދޫ މަރުކަޒުގައި ވޯޓުފޮއްޓެއް ބަހައްޓަން އުޅެނީ ވޯޓަށް ނުފޫޒު ފޯރުވުމަށް: އިދިކޮޅު

Author
މުޙައްމަދު ޝަޒައިމް
09 މާރޗް 2021 01:53
0

ޚ.ގުރައިދޫ ޚާއްސަ އެހީއަށް ބޭނުންވާ މަރުކަޒުގައި ވޯޓުލުމަށް، ވަކި ވޯޓު ފޮއްޓެއް ބަހައްޓަން އުޅެނީ ވޯޓަށް ނުފޫޒު ފޯރުމުގެ މަޤްސަދުގައިކަމަށް އިދިކޮޅު ޕްރޮގރެސިވް ކޯލިޝަނުން ވިދާޅުވެއްޖެއެވެ.

އިދިކޮޅު ކޯލިޝަނުން ބުނެފައިވަނީ ކ. ގުރައިދޫގައި ހުންނަ ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގައި ލޯކަލް ކައުންސިލް އިންތިޚާބަށް ވޯޓުލުމަށް ބަހައްޓާ ވޯޓުފޮށްޓަށް ވޯޓު ލުމަށް ރީރެޖިސްޓަރ ކުރުމަށް އެތަނުގައި މަސައްކަތްކުރާ މުވައްޒަފުންނަށް މަޖުބޫރުކުރަމުންދާ ކަމުގެ ޝަކުވާތައް ލިބެމުން ދާކަމަށެވެ. މިއީ ކަނޑައެޅިގެން މިނިވަންކަމާއެކު ވޯޓުލުމުގެ ޙައްޤަށް އަރައިގަތުމަށް ކުރެވޭ މަސައްކަތެއްގެ ގޮތުގައި އިދިކޮޅު ކޯލިޝަނުން ވަނީ ބުނެފައެވެ.

މީގެ ކުރިން މި މަރުކަޒުގައި ވޯޓުލުމަށް ވޯޓު ފޮށްޓެއް ބަހައްޓާފައެއް ނުވޭ. އަދި އެތަނުގައި މަސައްކަތް ކުރާ މުއައްޒިފުންނަކީ ގުރައިދޫއަށް ނިސްބަތްވާ މުވައްޒަފުންނަށްވެފައި، ރަށުގެ ރަށްވެހިންނަށް ވޯޓުލުމަށް ބަހައްޓާ ވޯޓުފޮށްޓަށް އެ މުވައްޒަފުން ބޭނުންވާއިރު، ވަކި ފޮށްޓަކަށް ރަޖިސްޓްރީ ކުރުމަށް އެފަރާތްތަކަށް މަޖުބޫރުކުރުމަކީ ވޯޓަށް ނުފޫޒު ފޯރުވުން ކަމަށްވާތީ މިފަދަ ޢަމަލުތައް ހުއްޓާލުމަށް މި ކޯލިޝަނުން ގޮވާލަން.

– އިދިކޮޅު ކޯލިޝަންގެ ބަޔާނުގައި ވެއެވެ.

ދިވެހި ކޮންމެ ރައްޔިތަކަށްވެސް މިނިވަންކަމާއެކު އެމީހަކު ބޭނުންވާ ތަނަކަށް ވޯޓުލުމުގެ ޙައްޤު ދިވެހިރާއްޖޭގެ ޤާނޫނުއަސާސީން ލިބިގެންވާއިރު، ވަކި ގޮތަކަށް ނުފޫޒު ފޯރުވޭ ގޮތަށް ވޯޓުލެވޭ އިންތިޒާމު ހަމަޖައްސަން އުޅޭ މައްސަލަ އިލެކްޝަންސް ކޮމިޝަނުން ބައްލަވާ މިފަދަކަންކަން ހިނގިޔަ ނުދިނުމަށް އަޅަންޖެހޭ ފިޔަވަޅުތައް އަޅުއްވައިދިނުމަށް އިދިކޮޅު ކޯލިޝަނުން ވަނީ އިލެކްޝަން ކޮމިޝަނަށް ގޮވާލާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.