މަސްވެރިން ބާނާ މަހަށް އަދި މިހާތަނަށް ހަމަ އަގު ހޯދައި ނުދެވިފައި ވީނަމަވެސް މިސަރުކާރުން މަސްވެރިންނަށް ހަމަ އަގު ހޯދައި ދޭނެކަމަށް ރައްޔިތުންގެ މަޖިލީހުގެ ހަނިމާދޫ ދާއިރާގެ މެމްބަރު ޢަބްދުލް ޣަފޫރު މޫސާ ވިދާޅުވެއްޖެއެވެ.
މަސްވެރިން ބާނާ މަސް ނުކިރުމާއި، ފައިސާ ނުލިބުމާއި، މަސްވެރިންނަށް ކުރިމަތިވާ ދަތިތައް ޙައްލުކޮށްދިނުމަށް ގޮވާލައި ހުށަހަޅުއްވާފައިވާ ޤަރާރުގެ ކޮމިޓީ ރިޕޯޓަށް ބަހުސް ކުރައްވަމުން ޣަފޫރު ވިދާޅުވީ މަސްވެރިންނަށް ހަމަ އަގުހޯދުމަށް ކުރަމުންދާ މަސައްކަތަށް އަދި އެދެވޭ ކާމިޔާބެއް ލިބިފައި ނުވިނަމަވެސް ސަރުކާރުން އެކަން ކޮށްދޭނެކަމަށެވެ. ސަރުކާރުން ދަނީ އެކަން ކޮށްދިނުމަށް ދުރާލައި ރޭވިގެން ކަންކަން ކޮށްދެމުން ކަމަށާއި، މިސަރުކާރުން މަސްވެރިން ނިކަމެތި ވިޔަދޭން ޖާގަ ނުދެއްވާނެކަމަށް ޣަފޫރު ވިދާޅުވިއެވެ.
ސަރުކާރުގެ ސިޔާސަތު އޮތީ މަސްވެރިކަމަށް ގުޅިގައި، މަސްވެރިން ބޭނުންވާ ހަމަ އަގެއްނުލިބޭ. މިތާތިބި އެމްޑީޕީ މެމްބަރުން އެކަމާއި ދެކޮޅެއް ނަހަދާ. ސަރުކާރުން މަސްވެރިންނަށް ހަމަ އަގު ހޯދައި ދޭނެ. އެކަން ކުރާނެ. މިއަދު މަޖިލީހުގައި މިދައްކަނީ ކުރީ ސަރުކާރުން ނުކޮށް ދޫކޮށްލި ކަންކަން މިސަރުކާރުން ރަނގަޅު ކުރަން އުޅޭވާހަކަ.
– އަބްދުލް ޣައްފޫރު މޫސާ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ މިސަރުކާތުގެ ތެރޭގައި ބައެއް ކަންކަން ހައްލު ކުރުމުގައި ލަސްތަކެއް ހުރިކަން ގަބޫލު ކުރައްވާކަމަށެވެ. އެކަންކަން އަވަސް ގޮތަކަށް ކޮށްގެންނޫނީ ރައްޔިތުން ބޭނުންވާ ނަތީޖާ ހާސިލް ނުވާނެކަމަށް އޭނާ ވިދާޅުވިއެވެ. މިއަދު ސަރުކާރަށް ދިމާވެފައިވާ ލަސްކަމާއި، ދިމާވެފައިވާ މައްސަލަތައް ހައް ލުކުރުމުގައި ކުރިމަތިވެފައިވާ އެންމެ ބޮޑު ގޮންޖެހުންތަކަކީ ކުރީގެ ވެރިކަމުގައި ހަދާފައިވާ ގޯސްތައް ކަމަށާއި އެކަންކަން ހައްލުކޮށް މިސަރުކާރުން ރައްޔިތުން ބޭނުންވާ ނަތީޖާ ނެރެދެއްވާނެކަމަށް ޣަފޫރު ވިދާޅުވިއެވެ.
އިދިކޮޅު ފަރާތްތަކުން މަސްވެރިންނަށް ހަމަ އަގު ހޯދައި ދިނުމަށާއި، މަސްވެރިންނަށް ވެފައިވާ ވައުދުތައް ފުއްދުމަށް ކަންކަން ހުށަހަޅާމުންދާއިރު، މިހުރިހާ ކަމެއް މިއަދު މިހެން ދިމާވެފައިވަނީ ކުރީ ސަރުކާރުގައި އެބޭފުޅުން ތިއްބަވައިގެން އަމަލު ކުރެއްވި ގޮތުންކަމަށް މެމްބަރު ޣަފޫރު ވިދާޅުވިއެވެ.
ކޮމެންޓު ފޮނުވާ