އަންހެނުންގެ ރައްކާތެރިކަމަށް އަދިވެސް ގިނަ މަސައްކަތްތަކެއް ކުރަންޖެހޭ: ރައީސް

އަންހެނުންގެ ރައްކާތެރިކަމަށް އަދިވެސް ގިނަ މަސައްކަތްތަކެއް ކުރަންޖެހޭ: ރައީސް

Author
މުޙައްމަދު ޝަޒައިމް
08 މާރޗް 2021 08:28
0

އަންހެނުންނަށް ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް އަދިވެސް ގިނަގުނަ މަސައްކަތްތަކެއް ކުރަންޖެހޭކަން ޤަބޫލުފުޅު ކުރައްވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.

މިއަދު ފާހަގަ ކުރަމުންދާ ބައިނަލް އަގުވާމީ އަންހެނުންގެ ދުވަހުގެ މުނާސަބަތުގައި މިރޭ ރައީސުލްޖުމްހޫރިއްޔާ ދެއްވި ބަޔާނުގައި ވިދާޅުވީ މުޖުތަމަޢުގެ މުހިންމު ދާއިރާތަކާއި އިސް މަޤާމުތަކުގައި އަންހެނުން އަދާކުރާ ދައުރު އިތުރަށް ފުޅާކޮށް، ކަންކަން ނިންމުމުގައި އަންހެނުންގެ ބައިވެރިވުން އިތުރުކޮށް، އަންހެނުން ބާރުވެރި ކުރުވުމަކީ ސަރުކާރުން ބޮޑު އަހައްމިއްޔަތުކަމެއް ދޭ ކަމެއްކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. އެ މަނިކުފާނު މި މޭރުމުން ވާހަކަފުޅު ދެއްކެވީ މިއަދު ފާހަގަކުރަމުންދާ ބައިނަލްއަޤްވާމީ އަންހެނުންގެ ދުވަހުގެ މުނާސަބާގައި ދެއްވި ޚާއްޞަ ވީޑިއޯ މެސެޖެއްގައެވެ.

ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި ސަރުކާރުން އިސްނަގައިގެން ލާމަރުކަޒީ ޤާނޫނަށް ގެނައި އިޞްލާޙުތަކާއެކު އަންހެނުންނަށް ހޯދައިދީފައިވާ އިތުރު ފުރުޞަތުތަކުގެ މައްޗަށް އަލިއަޅުއްވައިލެއްވިއެވެ. އެ މަނިކުފާނު ވިދާޅުވީ، މި އިޞްލާޙުތަކާއެކު، ކަންކަން ނިންމުމުގެ އަންހެނުންގެ ބައިވެރިވުން އިތުރުވެގެން ގޮސްފައިވާ ކަމުގައެވެ. އަދި، ކުރިއަށް އޮތް ތަނުގައި ލޯކަލް ކައުންސިލްތަކަށް އިންތިޚާބު ކުރެވޭ މެންބަރުންގެ ތެރެއިން ތިންބައިކުޅަ އެއް ބަޔަކީ އަންހެނުންނަށް ޚާއްޞަކުރެވިފައިވާ މަޤާމުތަކެއް ކަން ފާހަގަކުރައްވާ އެ މަނިކުފާނު ވިދާޅުވީ، އަންނަ އޭޕްރިލް މަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއެކު، އަންހެނުން ބާރުވެރިކުރުވުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ކާމިޔާބީ ފެނިގެންދާނެ ކަމުގައެވެ.

މީގެ އިތުރުން، އަންހެނުންގެ ޙައްޤުތައް ހިމާޔަތްކޮށް ރައްކާތެރިކޮށްދިނުމާއެކު، އިޤްތިޞާދީ ދާއިރާއިން އަންހެނުންނަށް ކުރިއަރައި ދިއުމަށް އިތުރު ފުރުޞަތުތައް ފަހިކޮށްދިނުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށް ވެސް ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި އަލިއަޅުއްވައިލެއްވިއެވެ. މި ގޮތުން، މިންތީގެ ގޯނާތައް ފަދަ، ނުއެކަށޭނަ ޢަމަލުތަކުން އަންހެނުން ސަލާމަތްކޮށް، އެ ފަދަ މައްސަލަތަކާ ދެކޮޅަށް މަސައްކަތް ކުރުމަށް ބޭނުންވާ މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތައް އެ މަނިކުފާނުގެ މެސެޖުގައި ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މެސެޖު ނިންމަވައިލެއްވީ، އަންހެނުންނަށް ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް އަދިވެސް ގިނަގުނަ މަސައްކަތްތަކެއް ކުރަންޖެހޭކަން ޤަބޫލުފުޅު ކުރައްވާ ކަމުގައި ވިދާޅުވަމުންނެވެ. އަދި، ސަރުކާރުގެ ހުރިހާ ފަންތިއަކާއި ގިންތިއެއްގައި އަންހެނުންގެ ބައިވެރިވުން އިތުރުކުރުމަށް ކުރަމުންދާ މަސައްކަތްތައް ހުއްޓައިނުލައި ކުރިއަށް ގެންދަވާނެ ކަމުގެ ޔަޤީންކަން އަރުވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާގެ މެސެޖު ނިންމަވައިލެއްވީ، އަންހެނުންނަށް ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް އަދިވެސް ގިނަގުނަ މަސައްކަތްތަކެއް ކުރަންޖެހޭކަން ޤަބޫލުފުޅު ކުރައްވާ ކަމުގައި ވިދާޅުވަމުންނެވެ. އަދި، ސަރުކާރުގެ ހުރިހާ ފަންތިއަކާއި ގިންތިއެއްގައި އަންހެނުންގެ ބައިވެރިވުން އިތުރުކުރުމަށް ކުރަމުންދާ މަސައްކަތްތައް ހުއްޓައިނުލައި ކުރިއަށް ގެންދަވާނެ ކަމުގެ ޔަޤީންކަން އަރުވަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.